އެޗްއާރުސީއެމްއަށް 2 މެންބަރުން ޢައްޔަން ކުރުމަށް އިތުރު 6 ނަން މަޖިލީހަށް ފޮނުއްވައިފި.

18 އޯގަސްޓް 2010

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ އިތުރު 6 ބޭފުޅެއްގެ ނަންފުޅު، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި، އެ 6 ބޭފުޅުންގެ ތެރެއިން 2 ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފެނިވަޑައިގަންނަވާގޮތެއްގެ މަތިން ނިންމަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި 6 ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް މި ފޮނުއްވީ، އެ ކޮމިޝަނަށް 5 ބޭފުޅުން ޢައްޔަން ކުރެއްވުމަށް އެމަނިކުފާނު 20 ޖުލައި 2010ގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި 8 ނަންފުޅުގެ ތެރެއިން މި އޯގަސްޓް މަހުގެ 12 ވަނަ ދުވަހު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއިން ފާސްކުރައްވާފައިވަނީ 3 ނަންފުޅު ކަމަށްވާތީއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވީ، އަޙްމަދު ޢަބްދުލްކަރީމް ދަފްތަރު 1969 އާއި، ޑޮކްޓަރ ޢާއިޝަތު ޢަލީ ނާޒް ހ. ސީސައިޑް އާއި، ޑޮކްޓަރ ޢަލީ ޝަމީމް ހ. މެރިންވިއު އާއި މަޒީނާ ޖަމީލް މ. ލައިޓްވިޔު އާއި، އިބްރާހީމް ހުޒާމް ޏ.ފުވައްމުލައް މައުނާ އަދިޢަލީ ޝަރީފް ދަފްތަރު 3366 ގެ ނަންފުޅެވެ.