18 އޯގަސްޓް 2010
މި އޯގަސްޓް މަހުގެ 2 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރެއްވި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.
މިއީ، ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން ކޮންޓްރޯލުކުރުމަށްޓަކައި، ދުންފަތް ހެއްދުން އަދި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުން މަނާކުރުމާއި، ދުންފަތުގެ ބާވަތްތައް އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވޭ ގޮތްތަކާއި، ގަނޑުކޮށް އަދި ވަކިވަކިން ވިއްކޭ ގޮތްތަކާއި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ބަންދުކުރުމާއި، ލޭބަލްޖަހާނެ ގޮތްތަކާއި، ދުންފަތުގެ ބާވަތްތަކުން ޓެކްސް ނެގުމާއި، ދުންފަތުގެ ދުމުން ދުންފަތް ބޭނުންނުކުރާ ފަރާތްތައް ރައްކާތެރިކުރުމާއި، ދުންފަތުގެ ނުރައްކާތެރި ވަބާއިން މިންޖުވެތިބުމަށް ބޭނުންވާނެ މަޢުލޫމާތާއި، ތަމްރީނު ދިނުމާއި އަދި ދުންފަތް ބޭނުންކުރުމުގެ އާދަ ހިފާފައިވާ ފަރާތްތަކަށް ފަރުވާ ދިނުމާބެހޭ އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.
މި ޤާނޫނަކީ 13 ބާބެއްގެ މައްޗަށް އެކުލެވޭ ޤާނޫނެކެވެ. އެ ބާބުތަކުގެ ތެރޭގައި ހިމެނެނީ، ދުންފަތުގެ ދުމުން ރައްކާތެރިކަން ލިބިދިނުމުގެ ބާބާއި، ދުންފަތުގެ ބާވަތްތައް ގަނެވިއްކުމާއި، ދުންފަތް ހެއްދުމާއި ދުންފަތް އުފެއްދުމުގެ ބާބާއި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ބަންދުކުރުމާއި ލޭބަލްޖެހުމުގެ ބާބާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސަރުކުރުމާއި އެހެނިހެން ޕްރޮމޯޝަންތަކުގެ ބާބާއި، ޓެކެސް ނެގުމުގެ ބާބާއި، ދުންފަތުގެ ފެންވަރު ހިފެހެއްޓުމުގެ ބާބާއި، ދުންފަތުގެ ބާވަތްތަކުގައި ހިމެނޭ މާއްދާތަކާއި އެއިން ބޭރުވާ މާއްދާތަކުގެ މަޢުލޫމާތާއި ވިޔަފާރީގެ މަޢުލޫމާތު ރިޕޯޓުކުރުމުގެ ބާބާއި، ހުއްދަ ދޫކުރުމުގެ ބާބާއި، ޤާނޫނާއި ގަވާއިދާ ޚިލާފުވުމުން އެޅޭނެ ފިޔަވަޅުތަކުގެ ބާބާއި، ޤާނޫނު ތަންފީޛު ކުރުމުގެ ބާބާއި، ދުންފަތް ކޮންޓްރޯލުކުރުމަށް ބޯޑެއް އެކުލަވާލުމުގެ ބާބާއި، ދުންފަތުން ލިބޭ ގެއްލުމާގުޅޭ ގޮތުން ޢާންމުން ހޭލުންތެރިކުރުވުމާއި، ދުންފަތަށް ދެވިހިފާފައި ތިބޭ މީހުން އެކަމުން ސަލާމަތްވުމަށް މަގުފަހިކޮށްދިނުމުގެ ބާބާއި، އެހެނިހެން ކަންތައްތައް ހިމެނޭ ބާބެވެ.
މި ޤާނޫނުން މި ދަންނަވާ ތަންތާނގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކޮށްފައިވެއެވެ.
(ހ) ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކޮށްފައިވާ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މަސައްކަތްކުރާ ތަންތަން ނުވަތަ ތަންތަނުގެ ބައެއް ނުވަތަ ބައިތައް
(ށ) ސިނަމާތަކާއި ޖަލްސާކުރާ މާލަންތައް
(ނ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ޢާންމު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އެންމެހައި އުޅަނދުފަހަރާއި ތަންތަން ނުވަތަ ތަންތަނުގެ ބައެއް ނުވަތަ ބައިތައް
(ރ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން ސައި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތި ހަދާ ތަންތަނާއި، ވިއްކާ ތަންތަން ނުވަތަ އެފަދަ ތަންތަނުގެ ބައެއް ނުވަތަ ބައިތައް
(ބ) މިސްކިތްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، އުނގަންނައިދޭ ތަންތަނާއި، ކުޑަކުދިން ބަލަހައްޓާ އަދި ތަރުބިއްޔަތުދޭ ތަންތަނާއި، އެތަންތަނުގައި ހާމަކޮށް އޮންނަ ބިންތަކާއި، އެތަންތަނުގެ ގޯތި ތެރޭގައި ހުންނަ އެންމެހައި ޢިމާރާތްތަކާއި، އެތަންތަނުގެ ގޯއްޗާއި، ގުޅުވައިގެން ވަދެ ނިކުމެވޭ ގޮތަށް ހުންނަ ޚިދުމަތްދޭ ތަންތަން
(ޅ) ސަރުކާރުގެ އެންމެހައި އިދާރާތައް ހިންގާ ޢިމާރާތްތައް
(ކ) ކުޅިވަރުކުޅޭ ޢިމާރާތްތަކާއި، ކޯޓުތަކާއި، ދަނޑުތަކާއި، ސްޓޭޑިއަމްތައް
(އ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެންމެހައި ތަންތަން
މިޤާނޫނުގައިވާ ގޮތުން، އެއްވެސް މީހަކު ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް 18 އަހަރުން ދަށުގެ ކުއްޖަކަށް ވިއްކައިގެން ނުވާނެއެވެ. އަދި އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކުމުގެ މުޢާމަލާތެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ބައިވެރިކޮށްގެން ނުވާނެއެވެ. ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 18 އަހަރު ވެފައިވާ މީހެއްކަން ޔަޤީންކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެކެވެ. މިގޮތުން އެމީހެއްގެ ކިބައިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ދެއްކުމަށް ނުވަތަ އެއްޗެހި ދުއްވުމުގެ ލައިސަންސް ނުވަތަ އެފަދަ އެހެންވެސް ރަސްމީ ލިޔުމެއް ދެއްކުމަށް އެންގިދާނެއެވެ. މި ޤާނޫނުގައި ކަނޑައަޅާފައިވާ ފަދައިން، ދުންފަތުގެ ބާވަތްތަކުގެ މުޢާމަލާތުކުރުމަށް ދޫކުރެވޭ ވަކި ލައިސަންސެއް ނުވަތަ ގަވާއިދުން އައު ކުރަންޖެހޭ ހުއްދައެއްގެ ދަށުން ހުއްދަކުރެވޭ ތަނެއްގައި މެނުވީ ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެއެވެ.
މި ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ބޯޑަކީ، ޤައުމީ ފެންވަރުގައި މަސައްކަތްކުރާނެ މުއައްސަސާއެއްގެ ގޮތުގައި އެކުލަވާލައްވާ ބޯޑެކެވެ. މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރެވެ. މި ބޯޑުގެ މެންބަރުންގެ ގޮތުގައި ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކުން މަންދޫބުންނާއި، ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ތަޖުރިބާކާރުންނާއި، ޢާންމު ޞިއްޙަތުގެ ތަޖުރިބާކާރުންނާއި، ތަކެތި ގަންނަ މީހުންގެ ޙައްޤުތަކާބެހޭ މީހުންނާއި، މަދަނީ އަދި ވިޔަފާރި ޖަމްޢިއްޔާތަކުގެ މަންދޫބުން ހިމެނެންވާނެ ކަމަށް މި ޤާނޫނުގައި ބުނެފައިވެއެވެ. މި ޤާނޫނު ތަޞްދީޤުކުރައްވާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި ބޯޑު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވަންވާނޭ ކަމަށްވެސް މި ޤާނޫނުގައި ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޤާނޫނު ތަޞްދީޤުކުރައްވާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވާއިދުތަކާއި އުޞޫލުތައް ހަދައި ނިންމައި މި ޤާނޫނަށް ޢަމަލުކުރަން ފަށަންވާނެކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.