އޯގާތެރި ސަރުކާރެއްގެ ފެށުމަށް އެއް އަހަރުފުރުން އެމްޑީޕީން ކުލަގަދަކޮށް ފާހަގަކޮށްފި

29 އޮކްޓޫބަރ 2009
ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ގިނަ ޕާޓީ ވާދަކުރި ފުރަތަމަ ރިޔާސީ އިންތިޚާބު ފުރިހަމަ އަޣްލަބިއްޔަތަކުން އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވިތާ އެއް އަހަރުފުރުން އެމްޑީޕީން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
އޯގާތެރި ސަރުކާރެއްގެ ފެށުމަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި އާރޓިފިޝަލް ބީޗްގައި ރޭ ބޭއްވި ހަފްލާގައި އެމްޑީޕީގެ އިތުރުން އިއްތިހާދުގައި ބައިވެރިވެ ވަޑައިގެންނެވި ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީއަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިގޮތުން ރޭގެ ޖަލްސާގައި އެމްޑީޕީ އާއި އެންމެ ފުރަތަމަ އިއްތިހާދުވި ޕާޓީ ކަމަށްވާ ގައުމީ އިއްތިހާދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ އާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ އެއް ނައިބު ޒައީމް އަހުމަދު ނާޝިދު، އަދާލަތު ޕާޓީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއަރޒް އައްޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު، މޯލްޑިވްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުން އެޕާޓީގެ ލީޑަރު އަދި މެދު އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނައީމް އާއި، ސޯޝަލް ލިބަރަލް ޕާޓީގެ ފަރާތުން އެޕާޓީގެ ލިޑަރު އިބްރާހީމް އިސްމާއީލް ވާހަކަ ފުޅު ދެއްކެވިއެވެ. މި ހުރިހާ ބޭފުޅުން ވެސް އިއްތިހާދުގެ ސަރުކާރަށް އެއްބާރުލުންދީ ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނޭ ކަމުގެ ޔަޤީންކަން ރައީސް ނަޝީދަށް ދެއްވިއެވެ.
މި ޖަލްސާގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ވަނީ މި ހަފްލާގައި ބައިވެރިވި އެހެން ޕާޓީތަކުގެ އިއްޒަތްތެރިންގެ ޝަރަފުގައި ޖަލްސާގެ ވަކި ހިސާބަކުން މާސްޓަރ އޮފް ސެރެމަނީކަން ކުރައްވައި އެހެން ޕާޓީތަކުގެ އިސްވެރިންނަށް ސްޓޭޖަށް ވަޑައިގެންނެވުމަށް ދެންނެވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.
އެމްޑީޕީގެ އެތައް ސަތޭކަ ސަޕޯޓަރުން ހާޒިރުވި މި ރަސްމިއްޔާތަށް ޓަކައި އާރޓިފިޝަލް ބީޗް ސަރަހައްދު ވަނީ އެމްޑީޕީގެ ދިދައާއި އެމްޑީޕީ އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ ދިދައާއި ދިދަފަތި ތަކުން ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްފައެވެ.