17 އޯގަސްޓް 2010
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދިން ކަމުގެ ތުހުމަތުގައި ދާދިފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަށް ނިސްބަތްވާ ވީޓީވީން އެމްޑީޕީ ބަދުނާމްވާގޮތަށް ތަކުރާރުކޮށް ޙަޤީޤަތާ ޚިލާފް ޚަބަރުތައް ފަތުރަމުން ގެންދާތީ ވީޓީވީއާ މެދު ފިޔަވަޅުއަޅަން ޖެހިދާނޭ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މީގެ ކުޑަ އިރުކޮޅެއްކުރިން އެމްޑީޕީ މީޑިއާ ޔުނިޓަށް ދެއްވި ބަސްދީ ގަތުމެއްގައި މޫސަ ވިދާޅުވީ ވީޓީވީގެ މިރޭ 8 ގެ ޚަބަރުގައި ސިވިލްސަރވިސް ކޮމިޝަނުގެ ރައީސެއްގެ ގޮތުގައި ހުންނަން ޖެހޭނީ އެމްޑީޕީގެ މެންބަރެއް ކަމަށް އެމްޑީޕީން ބުނަމުންގެންދާ ކަމަށް ބުނެ ވީޓީވީން ދޮގު ޚަބަރެއް ފަތުރާފައިވާ ކަމަށާއި، ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފްކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ޕާޓީއާ ޒާތީ ގޮތުން ޖައްސާލައި އެޕާޓީގެ އަގު ވައްޓާލުމަށް ވީޓީވީން ކުރާ މަސައްކަތުގެ ސަބަބުން ވީޓީވީގެ ތަސައްރަފް ނުފުދޭކަން ދިވެހިރައްޔިތުންނަށް ހާމަވަމުންދާ ކަމުގައެވެ.
” ވީޓީވީގަ ޢާންމުކޮށް އެމްޑީޕީއާ ބެހެމުން އެބަގެންދޭ. އެމްޑީޕީން ނިންމާ ކޮންމެ ނިންމުމަކީ ޑިމޮކްރެޓިކް ހަމަތަކާ އުޞޫލުތަކުގެ މަތިން އެޕާޓީގެ ޤައުމީ މަޖިލިސް އެއްވެ އެމަޖިލިހުން ނިންމާ ނިންމުމެއް. އެމަޖިލީހުން މިހާތަނަކަށް ވީޓީވީން އެބުނާފަދަ ނިންމުމެއް ނިންމައި އެފަދަ ވާހަކައެއް ދައްކާފައެއް ނެތް. އެމްޑީޕީގެ ހައިބަތާ ކަރާމަތަށް ގެއްލުންވާ ގޮތަށް، މުޅި އެމްޑީޕީއަށް ނިސްބަތްވާ ގޮތަށް ދޮގު ޚަބަރު ފަތުރަމުންދާކަމަށް ވަންޏާ، ވީޓީވީއާ މެދު އެމްޑީޕީން ފިޔަވަޅުއަޅާނަން” މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންވެސް ކުރަންޖެހޭނީ ޒާތީތަޢައްސުބުން އެއްކިބާވެ، ޒިންމާދާރުކަމާއިއެކު ކަމަށާއި، ސަރުކާރު ބަދުނާމްކޮށް އެތައް ދޮގު ޚަބަރެއް ވީޓީވީން ފަތުރަމުންދާ ކަމަށާއި، އެހެން ނަމަވެސް ކެތްތެރިކަމާއެކު އެމްޑިޕީން ތިބި ނަމަވެސް މިނިވަންކަމާއެކު ޙަރަކާތްތެރިވަމުން އަންނަ ޑިމޮކްރެޓިކް ޕާޓީއެއްގެ ކަރާމާތަށް އެއްވެސް ފަރާތަކުން އަރައިގަންނަމުންދާނަމަ އެބަޔަކާމެދު ފިޔަވަޅުއަޅާނޭ ކަމުގައެވެ.
މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިނުމަށް ޤާސިމް އިބްރާހީމް މަސައްކަތްކޮށްފައިވާކަމަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ތުހުމަތުކުރެވޭ ފަދަ އޯޑިއޯ ކްލިޕްތަކެއް ލީކްވި ފަހުން، ވީޓީވީން އެއްވެސް ހަމައެއް އިންސާފެއް ނެތި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިމުން ބޭރުވެ، ދިވެހިރާއްޖެއަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގެނެސްދިން ޕާޓީކަމަށް ގިނަބަޔަކު އިއްތިފާޤްވާ، އެމްޑީޕީއާއި އެޕާޓީއަށް ނިޞްބަތްވާ ސަރުކާރު ބަދުނާމްކުރުމަށް ދޮގު ޚަބަރާއި މަޢުލޫމާތު ފަތުރަމުންދާކަމަށް ގިނަބަޔަކު ދަނީ ފާހަގަކުރަމުންނެވެ.