ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ތަންފީޒު ކުރުމަށްޓަކައި ސަރުކާރުން އަޅުއްވަން ގަސްދު ކުރައްވާ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފި

cabinet

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ތަންފީޒު ކުރުމަށްޓަކައި ސަރުކާރުން އަޅުއްވަން ގަސްދު ކުރައްވާ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުއްވުމުގައި ގެންގުޅުއްވަން ފެނިވަޑައިގަންނަވާ އުޞޫލުތަކާއި މިންގަނޑުތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވައިފިއެވެ.
މިގޮތުން މިއަދުގެ ޖަލްސާގައި، ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް ދިނުމަށް ފަސޭހަކުރުމަށާއި، އިދާރީ ހިންގުމުގެ ފަސޭހައަށްޓަކައި، ރާއްޖޭގައި މަދުން މީހުން ދިރިއުޅޭ ރަށްތައް ބައެއް ބޮޑެތި ރަށްތަކުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ މުހިންމު ކަމެއްކަން މެންބަރުން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކުދި ރަށްތަކަކީ، އަސާސީ ޚިދްމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ދަތި އަދި ސްކޫލަށްދާ ކުދިންވެސް މަދު ރަށްތައްކަންވެސް ފާހަގަކުރެއްވިއެވެ.
މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، 3 ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުން މި ދެންނެވި ކަންކަން އަލުން ދިރާސާ ކުރައްވައި، މިކަންކަން ހިންގެވެން އޮތް ގޮތްތަކާއި އުޞޫލުތައް ބައްލަވައި، ފެނިވަޑައިގަންނަވާ ގޮތެއް ވަޒީރުންގެ މަޖިލީހަށް އަލުން ހުށަހެޅުއްވުމަށް ނިންމެވިއެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަޙްމަދު ޝަފީޤާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅުއްވާނީ، ވަޒީރުންގެ މަޖިލީހުގައި މިކުރެއްވި މަޝްވަރާތަކާއި، މި ދެންނެވި ކޮމިޓީން ހުށަހަޅުއްވާ ހުށަހެޅުއްވުމުގެ އިތުރުން، ސިޔާސީ ޕާޓީތަކާއި، އަދި މިކަމާ ގުޅުންހުރި ރަށްތަކުގެ މީހުންނާވެސް މަޝްވަރާ ކުރައްވައި، އެމީހުންގެ ޚިޔާލު ހޯއްދެވުމަށްފަހު، ވަޒީރުންގެ މަޖިލީހަށް އަލުން ގެންނަވައިގެން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.