ޑީއާރުޕީ އިން ވެރިކަން ހިންގުމުގެ ބާރަށް ނުފޫޒު ފޯރުވާތީ ސަރުކާރު ހިމާޔަތްކޮށް ނެގެހެއްޓުމަށް ގައުމީ ފެންވަރެއްގައި އެމްޑީޕީގެ ހުރިހާ ދާއިރާތަކެއްގައި މުޒާހަރާކުރުމަށް ގޮވާލާ ޤަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

27 އޮކްޓޯބަރ 2009
ޑީއާރުޕީއިން ވެރިކަން ހިންގުމުގެ ބާރަށް ނާޖާއިޒް ގޮތުގައި ނުފޫޒު ފޯރުވައި ރައްޔިތުންގެ މަޖިލީހުގެ އިހްތިސާސް ނަހަމަ ގޮތުގައި ބޭނުންކޮށް، ޤާނޫނީ ހަމަތަކުގެ މަތިން އިންތިޚާބުވެފައިވާ ސަރުކާރުގެ ވަޒީރުންނަށް ބިރުދެއްކުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް އިތުބާރުނެތް ކަމުގެ ވޯޓަށް ހުށަހަޅަމުން ގެންދާތީ ސަރުކާރު ހިމާޔަތްކޮށް ނެގެހެއްޓުމަށް ޤައުމީ ފެންވަރެއްގައި އެމްޑީޕީގެ ހުރިހާ ދާއިރާތަކެއްގައި މުޒާހަރާކުރުމަށް ގޮވާލާ، މި މުޒާހަރާ ރޭވުން ޤައުމީ މަޖިލީހުގެ މުޒާހަރާ ކޮމިޓީއާ ހަވާލުކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ޤަރާރެއް ފާސްކޮށްފިއެވެ.
މިއަދު ހަވީރު ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި ފާސްކުރި ޤަރާރުގައިވަނީ ” ގިނަ ޕާޓީތައް އެކުލެވޭގޮތަށް ރާއްޖޭގައި ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ވަޠަން އެދޭގޮތަށް އިޖާބަދީ ޑީއާރުޕީގެ ޒައީމް މައުމޫން ޢަބްދުލް ޤައްޔޫމްގެ 30 އަހަރުވީ ޚުދުމުޚްތާރު ވެރިކަން ޤާނޫނީ ހަމަތަކުގެ މަތިން ބަދަލުކޮށްފައިވީ ހިނދު، ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު، ރައްޔިތުންގެ ފުރިހަމަ އަޣްލަބިއްޔަތުން އިންތިޚާބު ކުރެވުމާއި ގުޅިގެން، އެމަނިކުފާނު މަޤާމުގެ ހުވާ ކުރައްވާ އެމްޑީޕީ އިއްތިހާދުގެ ސަރުކާރުން ހެޔޮވެރިކަމެއް ހިންގެވުމުގައި ދެމިތިއްބަވަނިކޮށް، ޑީއާރުޕީއިން ވެރިކަން ހިންގުމުގެ ބާރަށް ނާޖާއިޒު ނުފޫޒު ފޯރުވައި، ރައްޔިތުންގެ މަޖިލީހުގެ އިޙްތިސާސް ނަހަމަ ގޮތުގައި ބޭނުންކޮށް، ދިވެހި ރައްޔިތުން ނުހަނު ލޯތްބާއެކު އިންތިޚާބުކުރި ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނަށް އެކިގޮތްގޮތުން ބިރުދެއްކުމުގެ ނިޔަތުގައި ރައްޔިތުންގެ މަޖިލީހަށް އިތުބާރުނެތްކަމުގެ ވޯޓަށް ހުށަހަޅަމުންގެންދާތީ، ޤާނޫނު އަސާސީ އާއި އަދި ޤާނޫނީ ހަމަތަކުގެ މަތިން އުފެދިފައިވާ ސަރުކާރު ހިމާޔަތްކޮށް ނެގެހެއްޓުމަށް ޤައުމީ ފެންވަރެއްގައި އެމްޑީޕީގެ ހުރިހާ ދާއިރާތަކެއްގައި މުޒާހަރާ ކުރުމަށް ގޮވާލާ އަދި މިކަން ކުރުމަށް ގައުމީ މަޖިލީހުގެ މުޒާހަރާ ކޮމެޓީއާ ހަވާލުކުރުމަށް ” ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ މަޖިލިސް އިޤްރާރުވާ ކަމުގައެވެ.
ޤައުމީ މަޖިލީހުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ، ހުށަހަޅުއްވާ ޤައުމީ މަޖިލީހުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ތާއީދުކުރައްވާފައިވާ މިޤަރާރު ފާސްވެފައިވަނީ 27 އޮކްޓޫބަރު 2009 ވަނަ ދުވަހު އޮތް ޤައުމީ މަޖިލީހުގެ 75 ވަނަ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްވެފައެވެ.