17 އޮގަސްޓް 2010
ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ފަސްބޭފުޅުން، އެކޮމިޝަންގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ. އެ ފަސްބޭފުޅުންނަކީ، މައްޗަންގޮޅި ކިނބި ޑޮކްޓަރ މުޙަންމަދު ލަޠީފާއި، ގަލޮޅު ކޮއްކިރި މުޙަންމަދު ފަހުމީ ޙަސަނާއި، ގަލޮޅު ނިއުވޭވްސް އަޙްމަދު ޙަސަންދީދީ އާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 1015 ޢަބްދުﷲ ޖިހާދާއި، ގަލޮޅު އަލަފަރު އަލްފާޟިލާ ޚަދީޖާ އާދަމެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް މިބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ޤާނޫނީ ހުވާ، މިބޭފުޅުން ކުރެއްވިއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ޙަވާލުކުރެއްވިއެވެ.
އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ މިބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ބޭނުންފުޅަކީ، ޒަމާނީ ސިވިލް ސަރވިސްއެއް ރާއްޖޭގައި ޤާއިމްވެ، އެ ސިވިލް ސަރވިސްގެ ޚިދްމަތް ރައްޔިތުންނަށް ލިބިގެން ދިޔުން ކަމުގައި ވިދާޅުވިއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަން ނޫން ތަނަކަށް އެމަސައްކަތް ކޮށްދެއްވޭކަށް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރާއި ސިވިލް ސަރވިސްއާ ދެމެދު ފުރިހަމަ މަޝްވަރާތަކެއް ކުރެވެން އެބަޖެހޭ ކަމަށާއި، އަދި އަލަށް މި ޢައްޔަން ކުރެއްވި ސިވިލް ސަރވިސް ކޮމިޝަނާއެކު، މަޝްވަރާގެ އުޞޫލުން ކަންތައްތައް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.