ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވި ނަންފުޅުތައް ފާސްކުރައްވައި

17 އޮގަސްޓް 2010

– ރާމިޒް –

ali-waheed-450-x-301

ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަކަށް އެދިހުށަހަޅުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ޤައުމީ ސަލާމަތުގެ ކޮމިޓީން މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފިއެވެ.
މިގޮތުން ޔޫރަޕިއަން ކޮމިއުނިޓީޒްއަށާއި ބެލްޖިއަމް ސަރުކާރަށް ކަނޑައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ސަފީރު، އަލްފާޟިލް ޢާދަމް ޙަސަން/ހ.އޭޝަންލޮޖް، ސަޢޫދީ އަރައްބިއްޔާއަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ) އަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށާއި، މިޞްރު، ސީރިއާ، ލެބަނަން، އަދި ލީބިޔާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ނަން-ރެސިޑަންޓް ސަފީރުކަމަށް ޢައްޔަންކުރެއްވުމަށްވަނީ ފާސްކޮށްފައެވެ.

އަދި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، ޑޮކްޓަރ ފަރްޙަނާޒް ފައިސަލް/ ހ.އަމީނީގެ، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ އިތުރުން، ޑެންމާކް، ނޯވޭ، ފިންލެންޑް، ސުވިޑްން، ސްޕެއިން، ފްރާންސް އަދި ފަލަސްޠީނަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ފާސްކުރައްވައި، އަދި ސަޢޫދީއަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، އަލްފާޟިލް ޙުސައިން ޝިހާބް/ މ.ކަލީ، ސްރީލަންކާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށްވެސްވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން އިއްޔެގެ ޖަލްސާގައި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލް ޢަލީ ޙުސައިން ދީދީ/ ހ.މާލެތިލަ، ޔޫރަޕިއަން ކޮމިއިނިޓީޒްއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށާއި، ބެލްޖިއަމް ސަރުކާރަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް، އަދި ނެދަލޭންޑްސް، ލަގްޒަންބާގް އަދި ރަޝިއާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ފާސްކުރެއްވުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން، ޖެނީވާގައި ހުންނަ، އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށާއި، ސްވިޓްޒަރލަންޑް ސަރުކާރަށާއި އަދި ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ކަނޑައަޅުއްވާފައިވާ ދިވެހިރާއްޖޭގެ ސަފީރު، އަލްފާޟިލާ އިރުތިޝާމް ޢާދަމް/ ހ.އޯކިޑް، މިހާރު ހުންނެވި މަގާމުތަކުގެ އިތުރުން ޖާރމަނީ، އިޓަލީ އަދި ތުރުކީ ވިލާތަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރެއްވުމަށްވެސް ވަނީ ފާސްކޮށްފައެވެ.

މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުގެކުރިން ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކޮށްފައިވާ ހ.ސީވީޑް، އަލްފާޟިލް އަޙްމަދު ލަޠީފް އެމަޤާމުގައި ދެމިހުންނެވުމާއިމެދު ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަކަށް އެދި ހުށަހަޅުއްވާފައިވާތީ އެނަންފުޅު ދިރާސާކުރައްވާ ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވި ރިޕޯޓްގައިވާ ގޮތުގެމަތިން ހ.ސީވީޑް، އަލްފާޟިލް އަޙްމަދު ލަޠީފް އެމަޤާމުގައި ދެމިހުންނެވުމަށް މަޖިލީހުން މަޝްވަރާދެއްވުމަށް ވަނީ ފާސްކޮށްފައެވެ.