ހަރުމުދާ އެއްކޮށް އެ ބައްކޮއްގެން ހިފަހައްޓައިފިއްޔާ ރަންގަނޑެއް ބޭއްވުމަށްވުރެ އޭގެން ބޭނުމެއް ނުކުރާ ހިލަގަނޑެއް ބޭއްވުންވެސް މާ ރަނގަޅުކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. މާޅޮހުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމްޑީޕީ ސަރުކާރުގައި ހަރުމުދާ ވިއްކާކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހަބޭހަށް ބޭނުންކޮށް ރާއްޖެއަށް ތަރައްގީ ހޯދައިދިނުންކަމަށެވެ. އަދި އެކަން ކުރެވޭނީ ގައުމު އެކަހެރިނުވެ ލާމެހިފައިވާ ދުނިޔެއެއްގައި އުޅެގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކުރީގެ ސަރުކާރުން ގައުމު ފަގީރުކަމަށް ވިސްނައިދޭން މަސައްކަތްކުރިކަމަށާއި އެމްޑީޕީގެ ސިޔާސަތުތަކަކީ ރާއްޖޭގައި ހުރި މުއްސަނދިކަން ބޭނުންކޮށްގެން ގައުމު ތަރައްގީކުރޭވޭނޭ ސިޔާސަތުތަކެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނަށް މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް އެނގިގެން ހިއްގައްޖެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސަރުކާރުން ވައުދު ފުއްދަމަން ދިޔަތަންވެސް ފެނިފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިންތިޚާބު ގާތްވީމާ ސިޔާސީ ލީޑަރުން ރަށްރަށަށް ވަޑައިގެން އެކިކަންތައްތައް އެކިރަށަށްކޮއްދާވޭނޭކަމަށް ބުނެ ވަމުންދާ ވައުދުތަކަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއިން ހުށައަޅައި ކަންތައްތައްތަކާއި އެވައުދުތައް އެހެން ކެނޑިޑޭޓުންނާއި ހާސްބައި ތަފާތުކަމަށެވެ. މިގޮތުން އެމްޑީޕީއިން ހުށައަޅަނީ ރައްޔިތުން ކައިރިއަށް ގޮސް ވާހަކަދައްކައިގެން އެކަށައަޅައިފައިވާ ސިޔާސަތުތަކެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ވައުދު ނުފުއްދެނީ ހަމައެކަނި ވަކިކަމެއްގެ ވާހަކަ ދައްކާތީ ކަމަށާއި އެމްޑީޕީއިން ހުށައެޅި ސިޔާސަތުތައް ތަންފީޒުވާންފެށީމައި ރައްޔިތުންގެ ބޭނުންތައް ފުދިގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެސިޔާސަތުތައް އެއްކޮށް ތަންފީޒުކުރެވުނީމާ ރާއްޖެ ތަރައްގީވެ، “ޗާލު ވަތަނީ ބަގީޗާތައް ރުވި، މުޅި ދީބު އުޖާލާވެގެން” ދާނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުގައި އަވަސް ސްޕީޑްގައި ގެނެވުނު ތަރައްގީއަށް އަލިއަޅުވައިލައްވަމުން ދިގު 30 އަހަރު އެންމެ38 ބަނދަރު އެޅުނުކަމަށާއި އެމްޑީޕީގެ 3 އަހަރުގެ ސަރުކާރުން 57 ބަނދަރު އެޅިކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. 17 ރަށުގެ ނަރުދަމާ އެމްޑީޕީއިން ގާއިމް ކުރިކަމަށާއި އޭގެ ކުރިން ނަރުދަމާ ގާއިމްކުރެވިފައިވަނީ ފުރަމާލޭގައި އެކަނިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިސްލާމްދީނޭ ކިޔައިގެން ގިނަވާހަކަތަކެއް ދައްކަމުންދާއިރު ދިގު 30 އަހަރުގައި ރާއްޖޭގައި އެޅުނީ 21 މިސްކިތްކަމަށާއި އެމަނިކުފާނުގެ 3 އަހަރު 43 މިސްކިތްއެޅިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ޒަކާތުގެ ފައިސާ ފިޔަވައި އިތުރު ފައިސާއެއް ރައްޔިތުންނަށް ސަރުކާރުން ނުދީ ތިއްބާ އެމްޑީޕީ ވެރިކަމަށް އައިސް ރައްޔިތުންނަށް ފެންވަރު ރަނގަޅު އިޖުތިމާއި ރައްކާތެރިކަމުގެ ނިޒާމެއް ގާއިމް ކޮށްދިންކަމަށާއި، އެނިޒާމުގެ ތެރެއިން އެކިފަރާތްތަކަށް އެލަވަންސް ދެވެމުން ދިޔަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެނިޒާމް ގާއިމްކުރެވުނީ ސިޔާސަތެއް އެކަށައަޅައި ޓެކްސް ނަގަން ފެށުމުންކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ޓެކްސް ނިޒާމާއި އިދިކޮޅު ފަރާތްތަކުން އޭރުވެސް ދެކޮޅު ހެދިކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއިން ވިޔަފާރި ތަކަށް ތާއިދުކުރާކަމަށައި އަދި އާމްދަނީއިންވެސް ޓެކްސް ނަގާނެކަމަށެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ވިޔަފާރީގެ ގޮތުގައި ހުށައަޅައިފައިވަނީ ގެސްޓް ހައުސް ވިޔަފާރި އާއި އެގްރިވިޔަފާރި އަދި މެރިކަލްޗަރގެ ވިޔަފާރިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އަރިއޮތަޅަކީ ގެސްޓްހައުސްގެ ވިޔަފާރިން އެންމެ ބޮޑު ފައިދާއެއް ނެގެންއޮތް އަތޮޅެއްކަމަށެވެ. އެމްޑީޕީގެ ބޭނުމަކީ ރާއްޖޭގެ ރަށްތަކުގައިވެސް ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުންކަމަށާއި، ރިސޯޓްތަކުގައި ހުރި ރީތިކަމާއި، ޗާލުކަމާއި ފަރިކަން އަދި އެ ގުދުރަތީ ވަސީލަތްތައް ރާއްޖޭގެ މީހުންއުޅޭ ރަށްރަށުގައިވެސް އެބަހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަރިއަތޮޅުގައި ބައިވަރު ރިސޯޓްތައް އެބަހުރިކަމަށާއި އެހެންނަމަވެސް އެރިސޯޓްތަކުގެ ސަބަބުން ރަށްތަކަށް އައި ތަރައްގީއެއް ނުފެނުނުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ގެސްޓްހައުސްގެ ވިޔަފާރި ރާއްޖޭގެ ރަށްތަކަށް އައުމުން އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނޭކަމަށް ވިދާޅުވިއެވެ.
ގެސްޓްހައުސް ވިޔަފާރި މީހުން އުޅޭރަށްރަށަށް އައުމުން ވަޒީފާގެ ފުރުސަތު ފަހިވެ އުމްރާނީ ގޮތުން ރަށަށް ލިބޭނެ ތަރައްގީއަށް ރައީސް ނަޝީދު އަލިއަޅުވައިލައްވައިފައިވެއެވެ. އަދި މިސިޔާސަތު ތަންފީޒު ވީމައި ކުރާ އެހެން ވައުދުތައް ވެސް އަންނާނީ ފުއްދެމުންކަމަށާއި ބަނދަރާއި ނަރުދަމާ ނުހެދެނީ ބޭންކުތަކުން މީހުން މަދުވުމުގެ ސަބަބުން ލާރި ނުލިބޭތީކަމަށްވާއިރު މިސިޔާސަތުގެ ސަބަބުން މިކަހަލަ އުމްރާނީ މަޝްރޫތައް ކުރިއަށް ގެންދިއުމަށް ބޭންކުތަކުންނާއި މާލިއިދާރާތަކުން ސަރުކާރު ފަހާއަންނާނޭކަމަށް އެނަމަނިކުފާނު ވިދާޅުވިއެވެ. އެ ހަރަދުކުރާ ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއްކަން އެފަރާތްތަކަށް ޔަގީންވާނޭކަމަށް ވިދާޅުވިއެވެ. އަދި މިސިޔާސަތުން އާދައިގެ ވިޔަފާރިތައް ކުރިއަރައިގެންދާނޭކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެމްޑީޕީގެ އަމާޒަކީ މިއަތޮޅުގައި އިތުރު 3000 އެނދު ގާއިމްކުރުންކަމަށާއި އެކަމަށް ބޭނުންވާ ލުއިލޯނާއި ހިލޭ އެހީ ފޯރުކޮށްދިނުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީކޮޅަށް އަރިވެ ނިމިއްޖެކަމަށާއި އަދި ރާއްޖޭގެ ރައްޔިތުން އެމްޑީޕީއަށް ރަންކިޔައިފި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވަނީ ރައްޔިތުން ތަރައްގީގެމަގަށް ދިޔުމަށް ނިޔަތްގަނެފައިވާތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ އެއްބުރުން އިންތިޚާބު ނިމިގެންދާނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.