‘ރައީސް ނަޝީދާއެކު އެއްބުރުން’ގެ ނަމުގައި ޕާޓީގެ ޕަރލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އިސްވެހުންނަވައި ފަށައިފައިވާ ކެމްޕެއިން ދަތުރު ދެކުނުގެ އަތޮޅުތަކުގައި މިއަދު(22 އޯގަސްޓް 2013) ފައްޓަވައިފިއެވެ.
ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދަށް ތާއީދު ހޯދުމަށް ކުރާ މިދަތުރުގައި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއެކު ދެން ބައިވެރިވަޑައިގަންނަވަނީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު، ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު ހަސަން ޝުޖާއުއެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ކަމުގައިވާ މުޚުތާރު ނަސީރު (ޓޫކިލޯ)، އަސްއަދު އަލީ (އަޑުބަރޭ) އަދި ސައްޕެ މިދަތުރުގައި ބައިވެރިވެއެވެ. މި ދަތުރުގައި 6 ދުވަހުގެ ތެރޭގައި 6 އަތޮޅުން 20 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
މިގޮތުން މިއަދު (22 އޮގަސްޓް 2013) ގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތ. އަތޮޅަށެވެ. ވިލުފުށި، ގާދިއްފުށި، ހިރިލަންދޫ، ކިނބިދޫ އަދި ތިމަރަފުށްޓައް ‘ރައީސް ނަޝީދާއެކު އެއްބުރުން’ ޓީމް ވަޑައިގަންނަވާނެއެވެ. 23 އޮގަސްޓް ގައި ކެމްޕެއިން ޓީމުން ހަރަކާތްތެރިވަމުންދާނީ ލ. އަތޮޅުގައެވެ. އެއަތޮޅުން ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ މާވަށް، އިސްދޫ ކަޅައިދޫ، ގަން އަދި ފުނަދޫއެވެ. 24 އޮގަސްޓް ގައި ވަޑައިގަންނަވާނީ ގއ. އަތޮޅަށެވެ. އެއަތޮޅުން ނިލަންދޫ، މާމެންދޫ، ވިލިނގިލި ަދި ދާންދޫގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައިވެއެވެ. 25 އޮގަސްޓް ގައި ކެމްޕެއިން ޓީމް ވަަޑައިގަތުމަށް ހަމަޖެހިފައިވަނީ ގދ. އަތޮޅަށެވެ. ގައްދޫ، މަޑަވެލި، ތިނަދޫއަށް ޓީމް ވަޑައިގަންނަވާނެއެވެ. 26 އަދި 27 އޮގަސްޓް ގައި ކެމްޕެއިން ޓީމް ވަޑައިގަންނަވާނީ ފުވައްމުލައް އަދި އައްޑޫ ސިޓީއަށެވެ.
މިދަތުރުގައި ވަޑައިގަންނަވާ ރަށްތަކުގައި ހަރުގެ ޖަލްސާތަކާއި، ކަންމަތީ ޖަލްސާތައް އަދި ގަސްދޮށު ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ވީހާވެސް ގިނަ ރައްޔިތުންނަށް ރައީސް ނަޝީދުގެ ސިޔާސަތުތައް އޮޅުންފިލުވައިދިނުމަށްޓަކައި “ދޮރުން-ދޮރަށް” ހިންގަވައި ރައްޔިތުންނާއި ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ޒުވާނުންގެ ބައިވެރިވުން ކެމްޕެއިންގައި އިތުރުކުރުމަށްޓަކައި ކޮފީ ބައްދަލުވުންތައް ބާއްވާ އަދި ބައެއް ރަށްރަށުގައި ހާއްސަ ފުޓުބޯޅަ މެޗުތައް ކުޅުމަށް ރާއްވަވައިފައިވެއެވެ.