16 އޮގަސްޓް 2010
– ރާމިޒް –
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް 2 ބާވަތެއްގެ ހުރަހަކާއި ކުރިމަތި ވެފައިވާކަމަށާއި، އެގޮތުން ކައުންސިލް އިންތިޚާބަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ، ކައުންސިލްތައް ގާއިމުކުރާނެ ރަށްތައް ގެޒެޓްކުރެވި، ސާފުވާން ނެތުން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.
މީޑިޔާއަށް ދެއްވި އިންޓަވިޔުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޯމަތިވެފައިވާއިރު މިހާރު އުފެދިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކެއް ކަނޑައަޅާފައި ވިޔަސް އެފަދަ ބައެއް ރަށްރަށުގައި ދިރިއުޅޭ މީހުންގެ ރަޖިސްޓްރީއެއް ހެދި ގެޒެޓްވެފައި ނެތުން ކަމަށާއި މި ސަބަބުތަކާހެދި ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައއަޅަން ދަތިވެފައިވާ ކަމަށެވެ.
ފުއާދު ވިދާޅުވީ، “މިސާލަކަށް ބަލަމާ ޅ. ފެލިވަރު، އިއުލާނެއް ކުރައްވައި އެއީ މީހުން ދިރިއުޅޭ ރަށެއް ކަމަށް ވަނީ ކަނޑައަޅުއްވާފަ ނަމަވެސް އެ ރަށުގައި ދިރިއުޅޭ މީހުންގެ ރަޖިސްޓްރީއެއް ގެޒެޓްވެފައެއް ނެތް. ހަމަ އެހެން އެ އަތޮޅު މާފިލާފުށީގައި މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން މީހުން ދިރިއެބައުޅޭ. އެ ރަށުގައި އުޅުނަސް އެ އެންމެންނަކީ އަދިވެސް އެމީހުންގެ ކުރީގެ ރަށުގެ ނަމުގައި އައިޑީ ކާޑް އޮތް މީހުން. އެ ހިސާބުން ސުވާލު އުފެދޭ އެފަދަ ރަށްރަށުގައި ކައުންސިލް ހެދޭނެތޯ ނޫންތޯ؟ އެމައްސަލަ ކޮމިޝަނަށް ސާފުވާންޖެހޭ” ކަމަށެވެ.
އަދި ރަޖިސްޓްރީގެ މައްސަލަ އަކީ ބޮޑު އެއް މައްސަލަ ކަމަށާއި އެފަދަ އަނެއް މައްސައަކީ އެއް ފަޅެއްގައި އެއްފަސްކޮށް އޮންނަ ރަށެއް ބެލެވޭނީ އެއްރަށް ކަމުގައިތޯ ނުވަތަ ނުވަ ވަކި ރަށްރަށުގެ ގޮތުގައިތޯ ކަނޑައެޅުމުގެ މައްސަލަ މި ވަގުތަށް ނުކުންނަ ކަމަށާއި، އިދާރީ ގޮތުން ވަކި ރަށު އޮފީހެއް ހުންނަ ކޮންމެ ރަށަކީ ވަކި ރަށެއް ކަމަށް ލޯކަލް އިންތިޚާބުގެ ގާނޫނު މާނަކުރާއިރު ލާމަރުކަޒީ ޤާނޫނުގައި އެއް ފަޅެއްގައި ހިކިފަސްކޮށް އޮންނަ ރަށެއް ބެލެވޭނީ އެއް ރަށެއް ގޮތުގައި ކަމަށް މާނަކުރެވޭ ކަމަށާއި މި އިންތިޚާބު ބާއްވާއިރު ކޮމިޝަނަށް އެކަން ވެސް ސާފުވެ ގޮތެއް ނިންމެންޖެހޭ ކަމަށް ފުއާދު ވިދާޅުވިއެވެ.
ފުއާދު އިތުރަށް ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް މިވަގުތު ދަތިތަކެއް ހުރި ނަމަވެސް ސަރުކާރާ ވާހަކަ ދެކެވި މައުލޫމާތު ބަދަލުކުރުމުގެ ތެރެއިން މި މައްސަލަ ވަރަށް އަވަހަށް ހައްލުވެ ސަރުކާރުން ކަނޑައަޅާ ގޮތެއް ވަރަށް އަވަހަށް އިއުލާނުކުރައްވާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވާ ކަމަށެވެ.