ރައީސުލްޖުމްހޫރިއްޔާ، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން މިއަދު ޢައްޔަން ކުރައްވައިފި

15 އޮގަސްޓް 2010

musthausim-adnan

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން މިއަދު ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 6 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެން، އެ މަގާމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ބޭފުޅެކެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ، ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ޢައްޔަން ކުރެއްވިއިރު، މުޢުތަޞިމް ޢައްޔަން ނުކުރެއްވީ، އޭނާ އޭރު ރަށުގައި ވަޑައިގެން ނެތުމުގެ ސަބަބުންނެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނަށް ހުވާލައިދެއްވީ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިނެވެ.

އެއަށްފަހު، އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރު ކަމުގެ މަގާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވުން އޮތެވެ.