ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިޔާގެ ރައީސާއަށާއި، ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

15 އޮގަސްޓް 2010

މިއަދަކީ، އިންޑިޔާގެ މިނިވަން ދުވަސްކަމަސްވުމާއެކު، މިއަދުގެ މުނާސަބަތުގައި، އިންޑިޔާގެ ރައީސާ ޕްރަތީބާ ދޭވީސިންހް ޕާޓިލަށާއި، ބޮޑުވަޒީރު މަންމޯހަން ސިންހަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސާ ޕްރަތީބާ ޕާޓިލަށާއި، ބޮޑުވަޒީރު މަންމޯހަން ސިންހަށް ރައިސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ދެ ސިޓީފުޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެ ދެބޭފުޅުންނަށާއި، އިންޑިޔާ ސަރުކާރަށާއި، ރައްޔިތުންނަށް މިނިވަން ދުވަހުގެ މުނާސަބަތުގައި، ވަރަށް އިޙްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެ ފުޅާވެގެން ދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުހޫރިއްޔާ އިންޑިޔާގެ ވެރިންނަށް ފޮނުއްވި ދެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދިވެހި ސަރުކާރުން އިންޑިޔާ ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި ކޮންމެ ފަހަރަކު، އިންޑިޔާ ސަރުކާރުން ވެދެއްވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވެއެވެ.