މެންބަރުންގެ ޚިޔާލު: ޤައުމާއިގެން ކުރިޔަށްދިއުމަށް ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ މުހިންމުކަން.

15 އޮގަސްޓް 2010

ލިޔުނީ: ފުނަމާ

އެއްވެސް ކަމެއްގައި ވާދަވެރިކަމުގައި ގޮތްދޫނުކޮށް ހިފެހެއްޓުމަކީ ސިޔާސީގޮތުން ކަންކުރަންއޮތް އެންމެ ރަނގަޅުގޮތް ނޫންކަން މިއަދު ދިވެހި ޤައުމު މިދަނީ ތަޖުރިބާ ކުރަމުންނެވެ. ޤައުމު ފުރިހަމަގޮތެއްގައި ޑިމޮކްރެސީއަކަށް ވާސިލްވުމަށް ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ރައީސް ނަޝީދުވެސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ސުވާލަކީ ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް އެބައޮތްހެއްޔެވެ؟ އިދިކޮޅު ސިޔާސީޕާޓީއެއްގެ ދައުރަކީ ކޮބައިހެއްޔެވެ؟ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރަކީ އަބަދުވެސް ސަރުކާރު ހިންގާ ޕާޓީން ކަނޑައަޅާ ސިޔާސަތުތަކަށް ނޫނެކޭ ބުނެ އެކަންކަން ކުރުމަށް ހުރަސްއެޅުންހެއްޔެވެ؟
މިހާތަނަށް ކުރެވިފައިވާ ގިނަ ތަޖުރިބާތަކަށްބަލާއިރު ދެންނެވެންއޮތީ މިގޮތަށެވެ. މަލްޓިޕާޓީގެ ވެރިކަމެއް ރާއްޖެއިން ކުރަންފެށި ނަމަވެސް އެކަމުގެ މައިގަނޑު އުސްލޫބުތަކަށް ދިވެހީން އަދި ވަރަށް އަލެވެ. ނޫންނަމަ ސިޔާސީ ގޮތުން އަދި މިކަމަށް ފުރިހަމަ މާޙައުލެއް ޤާއިމް ކުރާކަށް މިޤައުމުގެ ސިޔާސީ މޭސްތިރީން ބޭނުމެއް ނުވެއެވެ. ނަމަވެސް ސިޔާސީ ފަރާތްތަކުގެ ބޮޑާހޭކުމާ ގޮތްދޫނުކުރުންތައް ކިތަންމެ ބޮޑަސް މިޤައުމު ޤައުމެއްގެ ގޮތުގައި ހިންގާން އެބަޖެހެއެވެ. ރައްޔިތުންގެ ހަމަޖެހުމާ ކުރިއެރުމަށް ވާސިލްވާން އެބަޖެހެއެވެ. އިޤްތިސާދީ ގޮތުން އާހަރުފަތްތަކަކަށް އަރާން އެބަޖެހެއެވެ. ދައުލަތުގެ މައިދޮރޯށިތައް ރައްޔިތުންނާ މަރުޙަބާ ކިޔުމުގައި އަބަދުވެސް ތަންމިނަށް ހުޅުވިފައި އެބަހުންނަން ޖެހެއެވެ.
މިހިސާބުން ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ހާލަށް ބަލާލަމާ ހިންގަވާށެވެ. ތިންލައްކައެއްހާ މީހުންގެ އާބާދީއެއްއޮތް ސައްތައިން ސައްތަ އިސްލާމީ މިޤައުމުގައި ސިޔާސީ 13 ޕާޓީއެއް މިހާތަނަށް ރަޖިސްޓްރީ ކުރެވިފައި އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ ޤަވާޢިދު ކޮންމެ ގޮތަކަށް އޮތަސް ތިންހާސް މީހުން ހަމަވާން ކައިރިވެސް ނުވާ ކިތަންމެ ޕާޓީއަކާވެސް އެކުގައެވެ. މިހާތަނަށް ސިޔާސީ ޕާޓީތަކާބެހޭ ފުރިހަމަ އުސޫލުތަކަކާ ޤަވަޢިދުތަކެއް އަދި ޤާނޫނުތަކެއްވެސް ހެދިފައި ނެތުމުން ކަމުގައި ވެދާނެއެވެ. ނަމަވެސް ބައިމަދު ޕާޓީތަކުގެ ސަބަބުން ސިޔާސީ މަސްރަޚަށް ކުރަނީ ފައިދާއަށްވުރެ ގެއްލުން ކަމުގައި ދަންނަވަން ޖެހެއެވެ. މިކަމުގެ މިސާލު ރައްޔިތުންގެ މަޖިލިހުން އެދަނީ ފެންނަމުންނެވެ.
ރާއްޖޭގައިއޮތް އެންމެ މެންބަރުންގިނަ މައިދެޕާޓީގެ ގޮތުގައި މިއޮތީ އެމްޑީޕީއާއި ޑީއާރުޕީއެވެ. ޕާޓީއެއް ހިންގުމުގެ އުސޫލުތަކަށް ބަލާލާއިރުވެސް އެންމެ ރަނގަޅަށް ހިނގަމުން ގެންދާ ޕާޓީތަކަކީ މިދެޕާޓީއެވެ. ނަމަވެސް ޑީއާރުޕީގެވެސް އިންޓާރނަލް ޑިމޮކްރެސީ އެހާ ރަނގަޅުނޫންކަމުގައި އެޕާޓީގެ އިސްސަފުގައި ތިއްބެވި ބައެއް މެންބަރުންވެސް އެއްބަސްވެލައްވައެވެ. މިކަމަކީ ސިޔާސީ ޕާޓީތައް އުފެދުމުގެ ޅަފަތުގައި ޑީއާރުޕީގެ މެންބަރުން ކޮނޑުވިއްދައިގެން އޮތް ސަރުކާރު ވެއްޓުމުން ޕާޓީގެ މެންބަރުންގެ މެދުގައި އުފެދުނު ހައްސާސްކަން އަދިވެސް ފިލައިގެން ނުދަނީ ކަމުގައި ވެދާނެއެވެ. ނަމަވެސް އާސަރުކާރެއް އުފެދި ދެއަހަރު ފުރެން ދާއިރު މިޙަޤީޤަތް ހެޔޮހިތުން ޤާބޫލުކޮށް ކުރިމަގަށް ވިސްނައި ހަސަދަވެރިކަމާ ދެކޮޅުވެރިކަމުން އެއްކިބާވުމަކީ ޑީއާރުޕީ އޭގެ ގޮތުގައި ފުރިހަމަޔަށް ދެމިއޮތުމަށާ ރައްޔިތުންގެ ތާއީދު އިތުރުކުރުމަށް މުހިންމު ކަމެއްކަން ކަށަވަރެވެ. ނޫންނަމަ މިއަދު މިފެންނަމުންދާހެން އެޕާޓީގެ މައްޗަށް ކުދިކުދި ޕާޓީތަކުން ބާރުހިންގައި ޕާޓީގެ މުހިންމު ގުނަންތައް ބަލިކަށިވެ ޕާޓީ ރޫޅިދިއުމަކީ ދުރުކަމެއް ނޫނެވެ. އެކަމަކީ އެޕާޓީއަށް ހެޔޮއެދޭ އަދި ޕާޓީއަށް އެތަކެއް ޤުރުބާނީތައް ވެފައިވާ އެއްވެސް މެންބަރަކު އެދޭނޭ ގޮތެއް ނޫނެވެ.
ޑީއާރުޕީއަށް މިހާތަނަށް ލިބުނު އެންމެބޮޑު ނާކާމިޔާބީ ލިބިފައިވަނީ ރައީސް މައުމޫނުގެ ސަބަބުން ކަމުގައި އެޕާޓީގެ އެއްވެސް މެންބަރަކު ބުނާހިތް ނުވިނަމަވެސް ޙަޤީޤަތަކީ އެއީއެވެ. އިސްލާޙު ކުރެވުނު ޤާނޫނު އަސާސީ އާޤާނޫނަކަށް ހަދައިގެން ނޭވާހޮޅިޔަށް އެޅެމުން ދިޔައިރުވެސް ތިމާނޫންމީހަކަށް ވެރިކަން ނުކުރެވޭނެ ކަމުގައިބުނެ މައުމޫނު އެކުރި ތާކުންތާކު ނުޖެހޭ މަސައްކަތްތަކާ ބޭކާރު ޚަރަދުތަކަކީ ޑީއާރުޕީ އެޕާޓީގެ ޙަޔާތުގައި ކުރިއެންމެ ތާކުންތާކު ނުޖެހޭ މަސައްކަތެވެ. މިކަން ޤަބޫލުކުރަން މަޖުބޫރުވެ މައުމޫނު ނަމުގައި މިހާރުއެހެރީ ސިޔާސީ މައިދާނުން ދުރުވެ ކަމުގައިވެސް އެބަބުނެއެވެ. ނަމަވެސް އެމެރިކާފަދަ ޤައުމުތަކުގެ ޣައިރު މުސްލިމް ވެރީން ހިފަހަށްޓާ މިންވަރަށްވެސް ދުލުންބުނާ ބަސް ހިފަހަށްޓަން އޭނާއަށް އެއުޅެނީ ނޭނގިގެންނެވެ. ތިރީސް އަހަރުގެ ޚުދުމުޚުތާރުކަމުން ވާރުތަވި ކަމެއްވީމާ ފިލައިގެން ނުގޮސް ކަށީގައި ހިފާފައި ހުރުމަކީ އަޖާއިބުވާނެ ކަމެއްވެސް ނޫންތާއެވެ.
މިހާރު މިފެންނަ ގޮތުން ކުދި ޕާޓީތައް ބަލަމުން ގެންދަނީ ބޮޑެތި ޕާޓީތައް ތިމާމެންގެ މުށްދަށުލައި ފިއްތާލުމެވެ. މިކަމަށް އެންމެބޮޑަށް މަގުފަހިވެގެންދިޔައީ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުމުންނެވެ. މައިދެޕާޓީއަށް މަޖިލިހުގެ އަޣުލަބިއްޔަތު ލިބެންއޮތީ ކުދިޕާޓީތަކުން މަޖިލިހަށް ވަދެވުނު މެންބަރުންނާއި މިނިވަން މެންބަރުންނޭ މިކިޔާ މެންބަރުންގެ ހެވަތައިގެން ކަމުގައިވުމުން ކުދި ޕާޓީތަކާއި އަމިއްލަ މެންބަރުން މިކަމުގެ ފައިދާ ހިތުހުރި ގޮތަކަށް އެގެންދަނީ ނަގަމުންނެވެ. މިސާލަކަށް ޕީޢޭގެ ފަސްގޮނޑި ޑީއާރުޕީއަށް ކަށަވަރުވާން އޮތީ ޕީއޭ ބުނާ ކޮންމެކަމެއް އެގޮތަށް ކޮށްގެންނެވެ. ޑީއާރުޕީގެ އަމިއްލަ މަސްލަޙަތާ ސިޔާސަތު ބޭނުންގޮތަކަށް ކޮންޓްރޯލުކުރުމުގެ ރިމޯޓުއޮތީ ޕީއޭގެ އަތުގައިކަން ޕީއޭއަށް އެބައެނގެއެވެ. ހަމައެހެންމެ އެންމެ ގޮނޑިޔެއް އޮތް ޤާސިމްވެސް ޑީއާރުޕީގެ ގުދާރަށް އެވަނީ ސަވާރުވެފައެވެ. ޤައުމީ ޕާޓީގެ ދެގޮނޑިވެސް އެހާ މުހިންމެވެ.
މިހާތަނަށް ގިނަފަހަރަށް ޤައުމަށް އެންމެ މަސްލަޙަތުހުރި ގޮތަކަށް ކަމެއް ނިންމަން ޖެހޭވަޤުތު ތަކުގައި ކުދިޕާޓީތަކުގެ ބާރު އެބަދައްކާލައެވެ. ޑީއާރުޕީއިން ބޭނުންވާ ގޮތާ ޚިލާފަށް އެޕާޓީން ބަސްބުނެ ޢަމަލުކުރަން މަޖުބޫރުވާތަން ފެންނަމުންދެއެވެ. ނަމަވެސް އާޚިރުގައި އެމްޑީޕީއާއި އެއްގަލަކަށް ޑީއާރުޕީއިން އަރައިގެން މެނުވީ ފަރުޖެހޭކަށް ނޯވެއެވެ. މިއީ ސިޔާސީގޮތުން ޑީއާރުޕީއަށް އޮތް ފިއްތުންތަކެވެ.
ޑީއާރުޕީގެ އިސްސަފުގައި ތިއްބެވި ސީނިޔަރ މެންބަރުންނަކީ ފާއިތުވެދިޔަ ދިގުޒަމާނުގައި ރާއްޖޭގެ ވެރީންގެ ގޮތުގައި އަބުރުވެރިކަމާ ޝަރަފުވެރިކަން ހިބަކުރައްވައިގެން އަބުއިކަމާއެކު ދިރިއުޅުއްވަމުން އައި ބޭފުޅުންނެވެ. ފާއިތުވެދިޔަ ސަރުކާރުގެ ކޮރަޕްޝަންގެ އިނގިލި ދިއްކުރެވިފައި މިދެންނެވި ފަރާތްތަކާމެދު ވީނަމަވެސް ޢާންމު ގޮތެއްގައި ބާޒާރުމައްޗާއި ގޯޅިގޯޅި ކަންމަތީގައި ކުނާއަޅައިގެން ތިބުމަކީ އެފަރާތްތަކަށް މާހިތްގައިމު ކަމަކަށް ނުވާނެއެވެ. އެއަރކޯނުން ބޭރުގައި ރާއްޖެތެރޭގެ ހޮޅުއަށްޓެއްގައި ބުރަކަށި ދަމާލުމަކީވެސް އެބޭފުޅުންގެ ދިރިއުޅުމާ މާކަރައްޓެހި ކަންކަމެއް ނޫނެވެ. އެހެން ކަމާއެކުވެސް ގިނަބަޔެއްގެ އިޙްތިރާމާ ލޯބި އެފަރާތްތަކަށް ލިބިފައިއޮތުމުން އާވާރާވެ އަގަލުކުޑަ ގޮތެއްގައި އެއްރޮއްޖަށް ފޫގެޅުމަކީ އެބޭފުޅުންގެ ކިބައިގައި ހުންނާނެ ކަމެއް ނޫނެވެ. އަދި ދަސްކުރައްވަން މާފަސޭހަވެސް ކަމެއް ނޫނެވެ. އެހެންކަމުން މިކަން ކުރަންވެސް މިޖެހެނީ ޒުވާން ޖޯޝުގައި ހިތުހުރި އެއްޗެއް ކިޔާލާކަހަލަ ބެންޗެއް އުފައްދާށެވެ. މީގެ ސަބަބުންވެސް ގެއްލިގެން އެދަނީ އެޕާޓީގެ ޤަދަރާ ޢިއްޒަތެވެ. އެހެން ކަމުން ކޮންމެވެސް ހިސާބަކުން އެޕާޓީން މިއުސޫލުތައް ދޫކޮށް ރައްޔިތުންގެ ތާއީދާއި އިތުބާރުހޯދުމަށް އާމަސައްކަތްތަކެއް ހެޔޮގޮތުގައި ކުރަން މަޖުބޫރުވާނެއެވެ.
ކަންހިނގައިފައިވާ ގޮތަށާއި އިވޭ އަޑުތަކަށް ބަލާލާއިރު ކުރިމަތިވަމުން އަންނަ ރިޔާސީ އިންތިޚާބުގައި މިހާރަށްވުރެ ޑީއާރުޕީއަށް އޮތް ގޮންޖެހުން ބޮޑުވާނެއެވެ. ޔާމީނާއި ހަސަންސަޢީދާއި ޤާސިމުވެސް ވެރިކަމަށް މަރުކަށިކައިގެން ނުކުންނާނެއެވެ. އެމީހުން އެކަމަށް ޤުރުބާންކޮށްލަން އޮންނާނީ ޑީއާރުޕީއެވެ. ޕާޓީގެ މެންބަރުންގެ މެދުގައި ފިތުނަކޮށް ރޫޅާލައިގެންނާއި ގަނެގެން ވިޔަސް އެމީހުންގެ ކޮޅަށް ބަޔަކު ނެރޭނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. މިހާރު ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވި ތަސްމީން ބޭރުކޮށް ގުޖަޑުއުފައްދައި ހަދާނެކަން މިހާރުވެސް އެވަނީ ބައެއް މެންބަރުން އިއުލާނު ކޮށްފައެވެ. މީގެ ނަތީޖާއަކީ ޑީއާރުޕީގެ މައްޗަށް ހިތުލޯބި ހިނގާ ކިތަންމެ މެންބަރުންނެއް މާޔޫސްވެ މޫނުއަނބުރާލުމެވެ.
ކޮންމެޔަކަސް މިޤައުމު ހިމޭންކަމާއެކު ޑިމޮކްރެސީއާއި ދިމާލަށް ދަތުރު ފެށީވެސް މައިދެޕާޓީގެ އެއްބާރުލުން އޮވެގެންނެވެ. އެހެންކަމާއެކު ކުދިޕާޓީތަކުގެ ރޭވުންތަކުން ސަލާމަތްވެ މިގޮތުގައި ބޮޑުދެބާރުގެ ގޮތުގައި އޮތުމަށާއި ޤައުމުގެ އަމާންކަމާ މަސްލަޙަތު ދެމެހެއްޓުމަށް އެމްޑީޕީއާއި ޑީއާރުޕީއިން ޤައުމީ މަސްލަޙަތުގައި އެއްގަލަށް އަރައި މިހާރު މިދައްކާފަދަ ނަމޫނާ ދެއްކުމުގައި ރައްޔިތުންގެ އިތުބާރާއެކު ދެމިތިބުމަކީ މުހިންމު ކަމެކެވެ. އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމަށް ޑީއާރުޕީއިން މިކަން ދެމެހެއްޓުމަކީ އެޕާޓީގެ ކުރިމަގަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ.