ޕާކިސްތާނަށް އެހީތެރިވުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ރައީސް ވާހަކަފުޅުދައްކަވައިފި

14 އޮގަސްޓް 2010

– ރާމިޒް –

hep

އަޅުގަނޑުމެންނަށް ދެވެންއޮތް އެއްޗެއް ހާލުގައި ޖެހިފައި ތިބި ބަޔަކަށް ދިނުމަކީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް ކަމަށާއި އެގޮތުން އަޅުގަނޑުމެންނަށްވީވަރަކުން ޕާކިސްތާން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް.އުއްމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ރާއްޖެ ރޭޑިއޯ މެދުވެރިކުރައްވައި ރައީސް ދެއްވި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ “އަޅުގަނޑުމެންގެ ވަރަށް ގާތް އެކުވެރި ރަޙްމަތްތެރި އަވަށްޓެރި ޤައުމެއް، ޕާކިސްތާން. ޕާކިސްތާނުގައި ފެންބޮޑުވެ، ވަރަށްގިނަ ރައްޔިތުންނަށް މިވަނީ ވަރަށްދެރަ ހާލު ޖެހިފައި. ބައެއް ރިޕޯޓްތައް ބުނާގޮތުގައި، 30 މިލިއަން މީހުންނަށްވުރެ ގިނަ މީހުންނަށް، ޕާކިސްތާނުގެ މޫސުމް ގޯސްވެ، ފެންބޮޑުވެ ދިޔުމުން އެބަ އަސަރުކުރޭ.”
ރައީސް ވިދާޅުވީ ޚާއްޞަކޮށް ރޯދަމަހު އަޅުގަނޑުމެންގެ އަޚުންނާއި އަދި އަޅުގަނޑުމެންގެ އަވަށްޓެރިންނާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ވެވެންއޮތް އެހީތެރިކަމެއްވުމަކީ އެމަނިކުފާނުގެ ނަޒަރުގައި ކޮންމެހެން ވެސް ކުރަންޖެހޭނޭ ކަމެއް ކަމަށެވެ.
އަދާލަތު ޕާޓީން ޕާކިސްތާނަށް އެހީވުމަށްޓަކައި އެކައުންޓެއް ހުޅުވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ “އަޅުގަނޑުމެންނަށް ދެވެންއޮތް އެއްޗެއް ހާލުގައި ޖެހިފައި ތިބި ބަޔަކަށް ދިނުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެން ކޮންމެހެންވެސް ކުރާންޖެހޭނެ ކަމެއް. ޢަދާލަތު ޕާޓީންވަނީ ޕާކިސްތާނަށް އެހީވުމަށްޓަކައި އެކައުންޓެއް ހުޅުވާފައި. އަޅުގަނޑު މިދެކެނީ، އެހެން ފަރާތްތަކުންވެސް މިމަސައްކަތް ކުރިއަށް ގެންގޮސް، އަޅުގަނޑުމެންނަށްވީ އެހީތެރިކަމެއް ޕާކިސްތާން ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް..”
ރައީސް އިއްޔެ ދެއްވި ރޭޑިއޯ ޚިޠާބުގައި ރޯދަމަހުގެ ފައިދާ ހޯދުމަށް މަސައްކަތްކުރުމުގެ މުހިއްމުކަމާ ބެހޭގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ.