އެމްޑީޕީއާއި ޑީއާރުޕީ އަށް ރައީސް ޝުކުރު އަދާކުރައްވައިފި

14 އޮގަސްޓް 2010

– ރާމިޒް –

ސްޕްރީމް ކޯޓް އެކުލަވާލުމުގައި އެމްޑީޕީ އާއި ޑީއާރުޕީން އެކުގައި ކޮށްދެއްވި މަސައްކަތަށްޓަކައި އެ ދެ ޕާޓީއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޝުކުރުއަދާ ކުރައްވައިފިއެވެ.
ހުކުރު ދުވަހު އެމްއެންބީސީގެ ރާއްޖެ ރޭޑިއޯ މެދުވެރިކުރައްވައި ދެއްވި ރޭޑިއޯ ޚިޠާބުގައި ރައީސް ވިދާޅުވީ “ސުޕްރީމް ކޯޓް އެކުލަވާލުމުގައި، މި ނަތީޖާ ނެރެވުނު އެންމެބޮޑު އެއްސަބަބަކީ، ވާދަވެރި ޑީ.އާރު.ޕީ، ސަރުކާރާއެކީގައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް، ވަރަށް އިޚްލާޞްތެރިކަމާއެކީގައި ކުރެއްވީތީ.” ކަމަށެވެ.
ރައީސް ނަޝީދު ވަނީ ބޮޑު ދެ ޕާޓީން ކުރެއްވި މަސައްކަތަށް ވަރަށް ބޮޑަށް ތަޢުރީފްކުރައްވައި ދެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނަށާއި، ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަށާއި، އެދެޕާޓީގެ އާންމު މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފައެވެ.
“ޑީ.އާރު.ޕީ.އާއެކު ވަރަށްބޮޑުތަނުން ދޫދީ، ވަރަށްގިނަ ގޮތްގޮތަށް ބަދަލުވެ، ވަރަށްބުރަ މަސައްކަތްތަކެއް ކޮށްދެއްވި އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ލީޑަރ މޫސާ މަނިކާއި، ޕާލަމެންޓްރީ ގްރޫޕްގެ އެންމެހާ ބޭފުޅުން ކޮށްދެއްވި ވަރަށް ގިނަގުނަ ބުރަ މަސައްކަތަށް އަޅުގަނޑު ފަށްފަށުން ނިހާޔަތަށް ޝުކުރު ދަންނަވަން. އެމް.ޑީ.ޕީ.ގެ ޢާންމު މެންބަރުން، އެ ޕާޓީގެ ލީޑަރޝިޕް ނުވަތަ އެޕާޓީގެ މެންބަރުންނަށް، މިގޮތަށް މަސައްކަތް ކުރުމަށް ދެއްވި ހިތްވަރާއި، ދިން ދޫ އެއީ، އަޅުގަނޑުގެ ނަޒަރުގައި މިއަދު އަޅުގަނޑުމެންނަށް ކާމިޔާބުވުމުގައި ވަރަށްބޮޑު ރޯލެއް، ވަރަށްބޮޑު ދައުރެއް ކުޅުނު ކަމެއް.” ރައީސް ވިދާޅުވިއެވެ.
އިއްޔެގެ ރޭޑިއޯ ޚިޠާބަކީ އެމަނިކުފާނު ދެއްވި 61 ވަނަ ރޭޑިއޯ ޚިޠާބެވެ. އަދި މިއީ އެމްއެންބީސީގެ ދަށުން ހިންގި ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސް ރީބްރޭންޑްކޮށް، ދިވެހިރާއްޖޭގެ އަޑުގެ ނަން ރާއްޖެ ރޭޑިއޯއަށް ބަދަލުކުރެއްވި ފަހުން އެމަނިކުފާނު ދެއްވި ފުރަތަމަ ރޭޑިއޯ ޚިޠާބެވެ.