މެންބަރުންގެ ޚިޔާލު: ވާދަވެރި ސިޔާސީ ނިޒާމަކަށް އަހުލުވެރިވަމާ ހިނގާށެވެ.

13 އޮގަސްޓް 2010

ލިޔުނީ: މުހައްމަދު މުއާޒް (މޯލާ)

ކުރިއަށްއޮތް ލޯކަލްކައުންސިލް އިންތިޚާބުގައި ޕާޓީގެ ޓިކެޓް ހޯދުމުގެ ވާދަވެރިކަން މިވަނި އިންތިހާއަށް ބޮޑުވެފައެވެ. ޑީއާރްޕީގެ ތެރޭގައި އަދި މިވާދަ މާބޮޑުވެ އެކަކުއަނެކަކުގެ ގަޔަށްބޮލަށްއަރަ ހިސާބަށް މިވަނީގޮސްފައެވެ. އެހެންނަމަވެސް ވާދަވެރި ސިޔާސީ ނިޒާމަކީ އެމްޑީޕީއަށް އާއެއްޗެއް ނޫނެވެ. އެމްޑީޕީގެ ކޮންމެކަމެއްވެސް ނިންމުމުގެ ބާރު ލިބިގެންވަނީ އެމްޑީޕީގެ މެންބަރުންކަމީ މެންބަރުންގެ ޚިޔާލުގައި ލިޔުމަށް އަޅުގަނޑު ފަހުރުވެރިވާކަމެކެވެ.
އެމެްޑީޕީގެ ޓިކެޓަށްއެދި ހުށައެޅުމުގެ ފުރުސަތު ޖުލައިމަހުގައި ހުޅުވި އަދި މުއްދަތު އިތުރުކުރެވި މިމަހުު 10 ވަނަދުވަހު ޓިކެޓަށްއެދުމުގެ ރޯނު ބަންދުކުރެވުނެވެ. މިމުއްދަތުގައި ހޯނޑެއްދޫ ކައުންސިލަށް އެމްޑީޕިގެ ޓިކެޓް ހޯދުމަށް އެދި 7 ފަރާތަކުން ކުރިމަތިލާފައިވެއެވެ. މި 7 ފަރާތަކީވެސް އެމްޑީޕީގައި ވަރަށް އިސްކޮށް މިހާތަނަށް ހަރަކާތްތެރިވަމުން އައި މީހުންނެވެ. ޕާޓީގެ ޓިކެޓަށް އެދި ހުޅުވާލުމުގައި ޕާޓީޓިކެޓަށް އެދެވޭނީ ކޮންމެހެން އެމްޑިޕިގެ މީހަކަށްވުން ޝަރުތުކޮށްފައިނުވެއެވެ. މިހާރުވެސް ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕިއަކީ މީގެކުރިންވެސް ހަޤީގަތުގައި ބުނާނަމަ އެންމެ ބޮޑުޕާޓީއެވެ. މައުމޫންގެ އަނިޔާވެރި ވެރިކަމުގައި އެމްޑީޕިގެ ހަރުގެ ސުންނާފަތިކޮށް މެމްބަޝިޕް ފޯމުތައް ލޫޓުވުމުގެ ސަބަބުން އެތައްބަޔެއްގެ މެންބަޝިޕް ވަނީ ގެއްލިފައެވެ.
ކޮންމެއަކަސް ކަންތައް މިގޮތަށް ހިގަމުންއައިކަމުގައ ިވީނަމަވެސް އެމްޑީޕީ މެންބަރުންގެ އުންމީދަކަށް އަޒުމަކަށް ބަދަލެއް ނާދެއެވެ. އަދި މެންބަޝިޕް ނެތުމަކީ އެފަދަ މީހުންގެ ކުށެއްނޫނެވެ. ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް އެމްޑީޕީގެ ޓިކެޓަށްއެދުމުގެ ފުރުސަތު ހުޅުވާލެވިފައިވަނިކޮށް، ޓިކެޓަށްއެދި ކުރިމަތިލުމަކީ ކޮންމެ މީހަކަށްވެސް ފަރުދީގޮތުން ލިބިގެންވާ ހައްޤެކެވެ. އަދި އެއްވެސް މީހަކު ޓިކެޓަށް އެދުމުން އެމީހަކު ގޮވައިގެން މައްސަލަ ޖެއްސުމުގެ ހައްޤެއް އެއްވެސް ފަރާތަކަށް ލިބިގެންނުވެއެއެވެ. ޕާޓީގެ ތެރެއިން އަދި ޕާޓީގެ ބޭރުންވެސް މައްސަލަޖެއްސޭނެ އެއްވެސް ހައިސިއްޔަތެއް ލިބިގެންނުވެއެވެ. ޕާޓީ ޓިކެޓް ހޯދުމުގެ ވާދަވެރިކަން ބޮޑުވެފައިވާ މިހިނދު އެއްވެސް މީހަކާއި ޒާތީގޮތުން ޖައްސާލައިގެން އުޅުމަކީ ޕާޓީ އެންމެ ފައިދާބޮޑުގޮތަކަށް ނުވާނެއެވެ. އެމްޑިޕީއަކީ ތިރިން މައްޗަށް ބާރުތައް ހިންގުމުގެ ފިކުރުގެ މައްޗަށް ބިނާވެފައިވާ ޕާޓީއެކެވެ. އެހެންކަމުން ޓިކެޓްދިނުމުގައިވެސް އެންމެ ފަހުބަސްބުނާނީ މެންބަރުންކަން ކަށަވަރެވެ. އެއްވެސް މީހަކަށް ކުރިމަތިލާފައިވާ މީހެއްގެ ނަންނެގުމަށް ބިރުދައްކައި ކުރިމަތިލާންޖެހޭނީ މިވެނި މީހެކޭ ބުނެވުމަކީ އެމްޑީޕިގެ ފިކުރުން އެއްކިބާވަމެވެ. މިފުރުސަތުގައި އެމްޑީޕީގެ ހުރިހާ މެންބަރުންނަށްވެސް ގޮވާލާގޮވާލުމަކީ އަޅުގަނޑުމެން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބް ކާމިޔާބުކުރުމަށް ވަތަނީ އަދި ޒާތީވިސްނުމުން އެއްކިބާވެތިބެ ވާދަވެރިސިޔާސީ ނިޒާމަކަށް މިއަށްވުރެވެސް ބޮޑަށް އަހުލުވެރިވަމާ ހިގާށެވެ.