13 އޮގަސްޓް 2010
ލިޔުނީ: ފުނަމާ
ވިސްނުންތެރިކަމާއި، ޙިކްމަތާ އަދި އެކަކު އަނެކެއްގެ ކިބައިން ހިއްވަރުލިބިގެން މިއަދު އެމްޑީޕީން މިވަނީ ސިޔާސީ މައިދާނުގައި ކުރިހޯދައި ކުރީސަފުގައި ފައިތިލަ ސާބިތުކޮށްފައެވެ. މިކަމަކީ އިދިކޮޅު ސިޔާސީ ޕާޓިތަކަށް ހަޖަމު ކުރެވޭނެ ކަމެއް ނޫނެވެ. ހަމައެހެންމެ އެމްޑީޕީގެ ސަބަބުން ވެރިކަމުގެ ތާޖު ގެއްލިގެންދިޔަ ސަރުކާރުގެ ބައިވެރީންނަށް މިކަން ދުވަހަކުވެސް ހަޖަމެއް ނުކުރެވޭނެއެވެ. ހަމަމިނޭވާގައި އަލުން ފަހަތުން ކުރިއަރައި އެހެން ބަޔަކު އެމްޑީޕީގެ ކުރިއަރައި ދިއުމަށް އެމްޑީޕީވެސް ބޭނުންނުވާނެކަން ޙަޤީގަތާ އެއްގޮތައް ވިސްނާ ކޮންމެމީހަކުވެސް ޤަބޫލުކުރާންޖެހޭނެއެވެ.
މިހިސާބަށް މިޕާޓީން އައުމަށް ކުރިމަސައްކަތައްވުރެ ބުރަމަސައްކަތްތަކެއް އަބަދުމެ ކޮށްގެން މެނުވީ މިމަޤާމުގައި ދެމިނުތިބެވޭނެކަން މިއަދު ޤަބޫލުކުރާން ޖެހެއެވެ. ތިމާމެން މިހިސާބަށް އައީ ކިހިނެއްކަން އެއިރު އެބޭނުންކުރި ގޮތްތަކާ ކުރެވުނު ރަނގަޅުކަންކަން ދަމަހައްޓައި ހެދުނު ގޯސްތަކެއްވާނަމަ އެކަންކަން ރަނގަޅުކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެންމެ ފަރުވާ ކުޑަވުމަކުން މުޅިކަން އެފުށް މިފުށަށް ޖެހިގެން ހިނގައިދާނެކަން ޤަބޫލުކޮށް އަބަދުވެސް ސަމާލުވެ ތިބޭން ޖެހޭނެއެވެ.
ނަމަވެސް މިއަދު ވިސްނާލައިފިނަމަ ފެންނަ މަންޒަރު ތަފާތު ކަމުގައި ހިތާމައާއިއެކު ދަންނަވާން ޖެހެއެވެ. މިސާލަކަށް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން މިއަދު ވިސްނާގޮތަކީ ސަމާލުވެ ވިސްނާންޖެހޭނެ ކަމެކެވެ. ތިމާމެން އެތަކެއް ޤުރުބާނީ ވެގެން މިސާލަކަށް ތިމާމެން ދިރިއުޅޭ ރަށަށް ގެންނާން ބޭނުންވި ބަދަލުތައް ނައުމުން “އަހަރެމެން ވެރިކަން ބަދަލުކުރުމަށް ނުކުތީ މިހާރުމިތިބަ ބައެއް މީހުން އެބާރުގައި ބައިތިއްބާކަށް ނޫންކަމަށާ އަދި އެރަށަށް މިވެނި އެވެނި ކަންކަން ހާސިލްކުރުމަށް ކަމުގައިބުނެ އެގޮތައް އެކަން ނުވަންޏާ ތިމަންނާމެން ކުޅަ މަސައްކަތުގެ ބޭނުމެއް ނެތޭބުނެ ކުރީގެ ޖޯޝާއި ފޯރި ދޫކޮށްލައި މޫނުއަނބުރާލާތަން ފެންނަމުން މަދުންނަމަވެސް އެބަދެއެވެ.
ވިސްނާލުން ހުއްޓެވެ. ވެރިކަމުގެ އާރާބާރު ލިބުމުން އަނިޔާވެރިކަން އިސްކޮށް ކުރީންވެސް ކަންކުރިހެން ބަޔަކާމެދު އަނިޔާވެރި ވުމަކީ އެމްޑީޕީއިން އެއްއިރެއްގައިވެސް ވިސްނި ކަމެއްނޫނެވެ. ހަމައެއާއެކު މެންބަރުން ގުޅިގެން އެމްޑީޕީގެ އިސްސަފުގަޔާއި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ވެރީންނާއި ބައްދަލުކޮށް މަޝްވަރާކޮށް ކަންކަން ފަހިކުރުމުގެ މަގު މިއަދު މާފުރިހަމަޔަށް އެބައޮތެވެ. ފަހަރެއްގައި ކުރީން ރައީސް ނަޝީދުއަށް ޑައިރެކްޓްކޮށް ފޯނުކޮށްލާހެން ގުޅާނުލެވިދާނެއެވެ. އަދި މިނިސްޓީރިއަލް ލެވެލްގެ ބޭފުޅުންނާ މިނޫންވެސް މުހިންމު މަޤާމުތަކުގައި ތިއްބެވި އެމްޑީޕީގެ އިސް ބައެއް މެންބަރުންނާ ބޭނުން ވަޤުތަކު ފޯނުން ގުޅާލާ ބޭނުން ވާހަކައެއް ދައްކާލުމަކީ މިހާރު މާފަސޭހަކަމަކަށް ނުވެދާނެއެވެ. މިކަމުގައި ކިތަންމެ ސަބަބުތަކެއް ހުރިކަމުގައި އަމިއްލައަށް ވިސްނާލުމުން ޖަވާބުލިބޭނެއެވެ.
ކުރިޔާ ޚިލާފަށް މިއަދު ބޮޑެތި ޤައުމީ މަސްއީލިއްޔަތު ތަކަކާ ޙަވާލުވެ ތިއްބެވި ބަޔަކަށް ވަގުތު އޮންނާނީ ކިހިނެއްކަން އަޅުގަނޑުމެން ވިސްނާލަމާތޯއެވެ. ފޯނުނަންބަރު ބަދަލުވުމާ ކޮންޓެކްޓް ނަންބަރުތަކުގައި ކޮންމެވެސް ގޮތަކުން އެނަންބަރު ނެތުމުން އެހާއަވަހަށް ނުގުޅެނީ ކަމުގައިވެސް ވެދާނެއެވެ. ހަމައެހެންމެ ޖެއްސުމުގެ ކޯލުތަކާ އިންޒާރުގެ ކޯލުތަކުން އެފަރާތްތަކުގެ ފޯނުތައް ބިޒީވާނެ މިންވަރު އަޅުގަނޑުމެންކަހަލަ މެންބަރުންގެ ފޯނަށް އަންނަ ކޯލުތަކުން އެކަނިވެސް ވަޒަން ކޮށްލެއްވޭނެއެވެ. އެހެން ނަމަވެސް އެފަރާތްތަކާ ސީދާ ބއްދަލުކުރުމާ ޕާޓީލައިނުން އެފުރުސަތު ހޯދުމާ އަދި ރަށުފެންވަރުގައިހުރި ގޮފިތަކާ ރަށުގައި ސިޔާސީ މަޤާމެއް ވާނަމަ އެފަރާތެއްގެ ބޭނުން ކޮށްގެންވެސް އެފަދަ ފުރުސަތުތައް ހޯދުމުގެ ހަނިކަމެއް ކުޑަކޮށްވެސް އެމްޑީޕީގެ މެންބަރުންނަކަށް ނޯންނާނެއެވެ. އަދި މިއަދު އެހެން ފަރާތްތަކަށްވެސް މިފުރުސަތު ކުރިޔާ މުޅީން ޚިލާފަށް އޮންނަކަން ޤަބޫލުކުރާން ޖެހެއެވެ. ނަމަވެސް ހޮޅުއަށީގައި ތިބެ ދައްކާލެވޭ ވާހަކައެއްގެ ސަބަބުން ޚިޔާލު ތަފާތުވެ ކަންކުރުމަކީ ތިމާމެންގެ ކިބައިގައިއޮތް ކަމެއް ނޫންކަމުގައި ބުނެ އެހެންމީހުންގެ ބޮލުގައި އެކަން އެޅުވުމުގެ ބަދަލުގައި ހެޔޮއެދިގެން ކުރުމުގެ ރޫޙު ދޫކޮށްނުލުން މުހިންމެވެ. މިހިސާބަށް މިޕާޓީ މިއައީ ތިމާގެވެސް ޤުރުބާނީ ތަކެއް އޮވެގެންކަން ދަނެ ކުރިމަގުގައިވެސް މިމަޤާމު ހިފެހެއްޓުމަށް ނުވަތަ މިޔައްވުރެ ކުރިޔައްދިއުމަށް ތިމާއަދާންކުރާންޖެހޭ ވާޖިބުތަކެއްވެސް ހުރިކަން ފުރިހަމަޔަށް ޤަބޫލުކޮށް ސާބިތުވެ ހުންނާންޖެހެއެވެ. ތިމާގެ އަމިއްލަ މަސްލަޙަތަށްވުރެ ޤައުމާއި ޕާޓީގެ މަސްލަޙަތު އަބަދުވެސް ކުރިޔަށް ނެރޭން ޖެހެއެވެ. ފުރިހަމަ ގޮތުގައި ޕާޓީގެ ކަންކަމުގައި ބައިވެރިވެ ވަޤުތު ދިނުމާއިއެކު ތިމާގެ ޚިޔާލާއި މަޝްވަރާ ދޭންޖެހެއެވެ. ތިމާގެ މަޝްވަރާއަކީ ކޮންމެ ފަހަރަކު ވައިގައި ހިފާނެ އެއްޗެއް ނޫންކަމުގައިވިޔަސް ހިއްވަރުދޫނުކޮށް މަސައްކަތް ކުރާންޖެހޭނެއެވެ.
މިހިސާބުން އަޅުގަނޑުމެން ވޭތުވެ ދިޔަ ސަރުކާރު މިޕާޓީގެ ކުރިމަތީގައި ކުޑަކަކޫ ޖެހުމަށް މަޖްބޫރުވި ސަބަބު ތަކާމެދު ވިސްނާލާން އެބަޖެހެއެވެ. ފާއިތުވެދިޔަ އަދި ހާމަވި ޙަޤީޤަތްތަކުން ތަޖްރިބާލިބިގަންނާން ޖެހެއެވެ. މައުމޫނުގެ ސަރުކާރު ފެށިގެން އައީވެސް ދިވެހީންގެ ވަރަށްބޮޑު އުންމީދުތަކަކާ އެކުގައެވެ. ނާސިރުގެ ސަރުކާރު ގައި ރާއްޖެދުށް ސިޔާސީ މުހިންމު ބަދަލުތަކުގެ ސަބަބުން ޝާހީ ލޯއެޅުންތަކާއި މުޅިޤައުމުގެ ކޮންޓްރޯލް އަމިއްލަފުޅު އަތުގައި ބޭއްވުމަށް ނާސިރަށް ޖެހިވަޑައިގަތީ ކޮންސަބަބު ތަކަކާ ހުރެކަން މިއަދު ބައެއްފަރާތްތަކަށް ޤަބޫލުކުރެވުނު ނަމަވެސް އެއިރު އެކަން ޤަބޫލުނުކުރެވި އެނޫންގޮތަކަށް ކަންކަން ކުރާނެ ބަޔަކަށް ދިވެހީން އެދިއެދި ތިއްބައި ނާސިރު އަމިއްލަފުޅަށް ވެރިކަމުން ދުރުވެ ވަޑައިގަތުމުން މައުމޫނަށް ވެރިކަން ލިބުނީއެވެ. މައުމޫނުގެ ގާތުގައިތިބި އެންމެ އިތުބާރު ކުރެވޭ މީހުންނާއި ކަންކަން ހަވާލުކޮށް އުމުރަށް ވެރިކަމުގައި ހުރުމަށް ފުރަތަމަ ދުވަހުން ފެށިގެންވެސް މައުމޫނު މަސައްކަތްފެށިއެވެ. އެގޮތުން ނާސިރުގެ އަބުރު ވެއްޔާ މޮޑެލައި ހުރިހާ ރީތިނަމަކާ ޝަރަފެއް އަމިއްލަ އަންބޮނޑީގައި އޮޅާލިއެވެ. ރައްޔިތުންގެ ބާރު ކުޑަކޮށް ތިމާޔަށާ ތިމާއިތުބާރުކުރާ މީހުންނަށާ އެމީހުންގެ ބައިވެރީންނަށް މިޅިޤައުމު ހިބަކޮށްދިނެވެ. ކޮންމެ ގޮތަކުންވެސް ވެރިކަން ދެމެހެއްޓުން ޝަރުތުކޮށެވެ. އެސަރުކާރަކީ އެންމެ ފުރިހަމަ ރައްޔިތުންގެ ލޯތްބާއި ޤަދަރު ލިބިގެންވާ އަދި މައުމޫނު ނޫންމީހަކު ވެރިކަމުގައި ހުރުމަކީ ދިވެހީން ދުވަހަކުވެސް ނޭދޭނެ ކަމެއްގެ ގޮތުގައި ދައްކައި ކަންކަން ކުރުމާ ޙަަވާލުކުރީ އޭނާގެ ގާތްތިމާގެ މީހުންނާއި އެންމެ އިތުބާރުކުރެވޭ ގާތް ރަޙްމަތްތެރީންނާއެވެ.
ދެވިންގަކަށް ބަހާލައި އެއްބަނޑު ކޮށްކޮައަށް އެއްފަޅި އަދި ޅިޔަނަށް އެއްފަޅި ބައިކޮށްލިއެވެ. އެމީހުންނަށް ސަޕޯޓުދިނުމަށް އެންމެގާތް އެކުގައި އެއްފާހާނާގައި ފެންވަރާންއުޅުނު ” ލަނގޮޓީ ޔާރުން” ޚާއްސަކުރިއެވެ. އަދި ކަންކަން ވަމުންދާ ގޮތަކާމެދު މާބޮޑު ފަރުވާލެއްނެތި ” ކޭންޕު އާރަށުގައި” އަރާމުގައި ދިރިއުޅުން ވޭތުކުރާން ފެށީއެވެ. ކޮންމެ ފަސްއަހަރަކުން ބާއްވަންޖެހޭ އިންތިޚާބު އަނދުނެއްހެން ދިވެހީންގެ ލޮލުގައި އަޅުވަމުން ބޮޑުގަނޑުވަރުއަޅައި ދުނިޔޭގެ ހުރިހާ އުފަލެއް އަމިއްލަ މުށުތެރެއަށް ޖަމާކޮށްލިއެވެ.
ނަމަވެސް ޅިޔަނުގެ ޝަހުވަތުގެ ކޯދުން ފެންވަރުވާ ޖާރިޔާއިންގެ ޙައްޤުގައި އެފްޕީ އައިޑީ ފުނޑިގެން ދިއުމުން ދިވެހީން ކެކި އުތުރި އަރައިގަތް ގޮތާއި އެއްބަނޑު ކޮއްކޮގެ މަކުނު ހާލީގެ ސަބަބުން ސީދާ މައުމޫނަށް ކުރިމަތިވި ގޮންޖެހުންތައް އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވެ އިދިކޮޅު ހަދާމީހުން މަގުން އެއްކިބާކުރުމަށް ފާޑުފާޑުގެ އަނިޔާތައް ޖަލުތަކުގައި ދިނުމަކީ އުފަލެއްކަމުގައި ހަދާން ޖެހުނެވެ. ދުނިޔޭގެ އެހީތަކާ ގުޅިގެން ކުރިއަރަމުންދިޔަ ޒުވާންޖީލު މަސްތުގައި ޖައްސާ ދީނި ޢަޤީދާ ފުނޑުފުނޑުކޮށްލައި ޢިލްމުވެރީން ރޮލަށްކޮށާ މިރުސްއަޅައި ހަނާކުރަމުން ގެންދިޔައެވެ. ބޭނުމަކީ ވެރިކަމުގައި ދެމިހުރުމެވެ. އެހެން އެއްވެސް ކަމަކާމެދު ކިޔާލެއް ނެތެވެ.
ނަމަވެސް އަނިޔާވެރިކަން ބޮޑުވެ މައުމޫނުގެ ޚާއްސަ ޣުލާމުންގެ ކުރިމަތީގައި ރައްޔިތުން ބޯލެނބުން ކުޑަކޮށް އެއަނިޔާވެރިކަމުން ސަލާމަތްވުމަށް މަސައްކަތް ފަށައިގަތީ އެމްޑީޕީގެ ރޫހުގައެވެ. ފިކުރާ ވިސްނުމުގައެވެ. ދުރުވިސްނުމާ ޙިކްމަތްތެރިކަމާ އެކުގައެވެ. ފިނޑިވެފައިތިބި އެތަކެއް ރައްޔިތުންގެ ހިތުގައި ޢަޒުމުގެ ހުޅުކޮޅު ދިއްލުވައިދީ އަނިޔާވެރިކަމުގެ ކުރިމަތީގައި ބޯނުލަނބައި ފެށި މަސައްކަތުން އެތަކެއް ޤުރުބާނީ ތަކެއްގެ ފަހުން މިއަދު ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައި ދިނުމުގެ ވާޖިބު މިވަނީ ރައްޔިތުން އެމްޑީޕީއާއި ޙަވާލު ކޮށްފައެވެ. ކޮންފަދަ އުންމީދު ތަކެއްހެއްޔެވެ؟ މިސުވާލުގެ ޖަވާބަކީ އެމްޑިޕީގެ ދުޝްމަނުންވެސް އެމްޑިޕީގެ ކިބައިން ބޭނުންވާ ކިތަންމެ ކަމެއް އެބަހުއްޓެވެ.
މިސަރުކާރަކީ ރައްޔިތުންގެ ވިންދުތަކާ އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތް ކުރުންނޫން އެހެން އެއްވެސް ނިޔަތެއް ނެތް ސަރުކާރެކެވެ. މިހެން އެބަބުނަމެވެ. އަދި އެކަން އެގޮތުގައި ދެމެހެއްޓުމަށް ކުރެވޭން އޮތް ކޮންމެ މަސައްކަތެއް އިސްސަފުން އެގެންދަނީ ކުރަމުންނެވެ. މޭގައި އަތްޖަހާލާފައި ” މިއީ އެމްޑީޕީގެ ސަރުކާރެކޭ މިއީ އަހަރެމެންގެ ސަރުކާރެކޭ ” ބުނެލެވޭއިރު މިސަރުކާރު އުފެއްދި އަސްލު މަޤްސަދު ޙާސިލްކުރުމުގައި އެމްޑިޕީގެ އެންމެ މެންބަރަކުވެސް ކުޑަހިނދުކޮޅަކަށްވެސް ޣާފިލްވެގެން ނުވާނެއެވެ. ޕާޓިން ތިމާމެންގެ ބޭނުމަށް އެދި ގޮވާލާހިނދު “ކަންނޭލެއް އަވީލާން ޖެހޭތީވެ” ފަސްޖެހިފައި ތިބެގެން ނުވާނެއެވެ. މުސާރަ ނުލިބޭތީ ދުވާލަކު އެއްފަހަރު ރައީސުލް ޖުމްހޫރިއްޔާއާއި ޕާޓީގެ އިސްފަރާތްތަކުން ތިމާޔާ ނުގުޅާތީވެ ބޮޑާހާކައިގެން ނުވާނެއެވެ. އެމްޑީޕީގެ އަސްލު ވެރީންނަކީ މިޕާޓީގެ މެންބަރުންނެވެ. އިސްސަފުގައި އެތިބީ އަހަރެމެން އިސްކުރި މީހުންނެވެ. އެމީހުން ހަމަމަގަށް އަޅުވައި މިސްރާބުގައި ދެމިތިބުމަށް ބާރުދޭނީ އަހަރެމެންނެވެ. ކުޑަމެންބަރެއް ބޮޑުމެންބަރެއް މިޕާޓީގައި ނުތިބޭނެއެވެ. މިކަން އަބަދުވެސް އެމްޑިޕީގެ މެންބަރުން ދަންނާން ޖެހޭނެއެވެ.
މިޔާއެކު އިސްސަފުގައި އެންމެ އިސްކޮށް ތިއްބެވި ފަރާތްތަކުން ވިސްނަވާންޖެހޭ މުހިންމު ކަންކަން އަބަދުވެސް ހުންނާނެއެވެ. އެގޮތުން އެންމެ މުހިންމުކަން ދެއްވާންޖެހޭނީ ކަންކަމުގައި އިސްވެ ތިބި ފަރާތްތަކުން ކަންކުރާ ގޮތުން ޕާޓިއަށް ކުރަމުންދާ އަސަރުތަކަށެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްޑިޕީގެ ވެރީން ހޭލިމޭލިވެ އުޅުއްވިއިރު އެންމެ ގާތުގައި މަސައްކަތް ކުރި ފަރާތްތަކުގެ މަތީން ހަނދާން ނައްތާލައިގެން ނުވާނޭފަދައިން މިއަދު އެފަރާތްތަކާ ޙަވާލުކުރެވިފައިވާ އަމާނާތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރޭތޮވެސް ބަލާން އެބަޖެހެއެވެ. ވަކިނަމެއް ކިޔާތީ ވަކި ކަމެއް ކޮށްދީފައި އޮތަތީވެ އެފަރާތްތަކުގެ މަތީން ހިންހަމަ ޖައްސާލައިގެން ތިބެގެން ނުވާނެއެވެ.
ފާޅުގައި މިދަންނަވަނީ އަތޮޅުތަކާއި ރަށްރަށުގައި މިސަރުކާރުން އިސްކޮށްފައިތިބި ކައުންސިލަރުންގެ ވާހަކައެވެ. އަދި ޕްރޮވިންސް ތަކުގައި ތިއްބެވި ވެރީންގެ ވާހަކައެވެ. އަތޮޅުތަކުގައި ހޭބޯނާރައި މަސައްކަތް ކުރަމުންގެންދާ މިޕާޓީގެ ލޮބުވެތި މެންބަރުންނާއިމެދު މިފަދަ ފަރާތްތަކުން ގެންގުޅެނީ ކޮންކަހަލަ ހަމަތަކެއްތޯއާއި ހަމައެފަދައިން އާންމުކޮށް ރައްޔިތުންގެ ކަންކަމުގައި މިފަރާތްތަކުން ކަންކުރަމުން ގެންްދަނީ ކިހިނެއްތޯ އަބަދުމެ ބަލާން ޖެހޭނެއެވެ.
ފާޅުކަން ބޮޑުގޮތެއްގައި ބައެއް، މަދު ފަރާތްތަކުން އެމީހުންގެ ވާޖިބު އަދާކުރުމުގައި އެމްޑީޕީގެ ރޫހާޚިލާފުވަމުން ދާކަން ސާބިތުވަމުން ދެއެވެ. މިފަދަ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅިފައިވާކަންވެސް ފާހަގަކުރެވެއެވެ. ނަމަވެސް މިކަމަކީ މިހާރުވެސް ހިނގަމުން ދާކަމެއް ކަމުގައި ހިތާމަޔާއިއެކު ނަމަވެސް ދަންނަވާން ޖެހެއެވެ. އެމްޑީޕީގެ ގޮވާލުންތަކަށް ފާޅުގައި ދެކޮޅުހަދާ ފަރާތްތަކާއި އެމްޑިޕީގެ މެންބަރުންނަކީ މާދަށުދަރަޖައިގެ ބައެއްގެ ގޮތުގައިދެކި އެމީހުންގެ ކުރިމަތީގައި އަބުއިވާ ފަރާތްތައް އެބަތިއްބެވެ. އެކިއެކި ގޮތްގޮތުން ޚިޔާނާތުގެ އިނގިލި ދިއްކުރެވޭ ފަރާތްތައް އެބަތިއްބެވެ. މިއީ ޙަޤީޤަތެއްކަން ދަންނަ ކިތަންމެ ބަޔަކު އެބަތިއްބެވެ. އަދި އެފަދަ ފަރާތްތަކަށް ބާރުދޭ ބައެއް ފަރާތްތައް އިސްސަފުގައި ތިބިކަންވެސް ފާހަގަ ކުރެވެއެވެ.
ތިމާއަކީ ވަކިމީހަކާ ގާތްކަން އޮންނަ މީހަކަށް ވާތީވެ ނުވަތަ މިވެނިކަމެއް ޕާޓީއަށް ކޮށްދިން މީހަކަށް ވާތީވެ ބާރުލިބުމުން އެބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމުގެ އިޚްތިޔާރެއް މިޕާޓީގެ އެއްވެސް މީހަކަށް ދީފައި ނެތްނަމަވެސް މިފަދަ ކަންކަން ކުރާފަރާތްތައް މަދުންނަމަވެސް ތިބިކަން ޔަޤީނެވެ. މީގެ ސަބަބުން އެމްޑީޕީގެ އަސްލު ރޫޙުކެނޑި މެންބަރުންގެ އިތުރުން އެހެން ފަރާތްތަކުގެ ކުރިމަތީގައިވެސް އެފަދަ ފަރާތްތަކުގެ އަގުވެއްޓިފައިވާކަން ޤަބޫލުކުރާން ޖެހެއެވެ. މީގެ ކޮންމެ ނުބައި އަސަރެއް ސީދާގޮތުގައާއި ނުސީދާ ގޮތުގައި ޕާޓީގެ މެންބަރުންނަށާއި މުޅި ޕާޓީގެ އަމާޒުތަކަށް ކުރަމުން ދާކަން ޔަޤީނެވެ. އަދިމިކަމަކީ ފިޔަވަޅުނާޅައި އޮވެއްޖެނަމަ ކުރިމަގުގައި މައުމޫނުގެ ސަރުކާރުން ޕްރެކްޓިސްކުރިފަދަ ޚުދުމުޚުތާރު ކަމަކަށް މިޕާޓީ ގެންދިއުމަށް މަގުފަހިވެދާނެ ކަމެއްކަމުގެ ބިރު އޮތުމާއެކު ވަޤުތު ފާއިތުވުމުގެ ކުރީން ރަނގަޅު ވަޤުތުގައި ރަނގަޅު ފިޔަވަޅު އެޅުއްވުމަށް އެމްޑީޕީގެ އިސްސަފުގައި ތިއްބެވި އެންމެހާ ވެރީންނަށް އިޚްލާސްތެރިކަމާއެކު އިލްތިމާސް ކުރަމެވެ. އަދި މިފަދަ ކަންކަން ޕާޓީގެ ސަމާލުކަމަށް ގެނައުމަށް ޕާޓީގެ މެންބަރުން ފަހައްނުޖެހި މަސައްކަތް ކުރެއްވުމަށް ގޮވާލަމެވެ. ހިތުހުރި ގޮތަކަށް ހިތުހުރި ކަމެއް ހަމަ އެކަކުވެސް ކުރުމުގެ ސަބަބުން މިޕާޓީގެ އިމޭޖު ބަލިކަށިވެގެން ދިއުމަކީ މިޕާޓީ އުފެއްދި އަދި މިހާރުވެސް ދެމިތިބި އެއްވެސް މެންބަރަކު ބޭނުންވާނެ ގޮތެއްނޫނެވެ. މިކަންކަމާމެދު ވަރަށް ފުންކޮށް އެހާމެ ސީރިޔަސްކޮށް ވިސްނުމަށް އެމްޑީޕީގެ އެންމެހާ ފަރާތްތަކަށް ހަރުއަޑުން ގޮވާލަމެވެ.
ނިމުނީ …