“އާ ބާރެއް އެއްބުރުން” ކެމްޕެއިން ދަތުރު ގދ. އަތޮޅުގައި ފައްޓަވައިފި

ރިޔާސީ އިންތިޚާބަށް ކުރަމުންދާ ކެމްޕެއިންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިސްވެހުންނަވައި “އާ ބާރެއް އެއްބުރުން”ގެ ނަމުގައި ކުރައްވަމުން ގެންދަވާ ކެމްޕެއިންގައި މިއަދު (21 އޮގަސްޓް 2013) ގދ އަތޮޅަށް ވަޑައިގެންފިއެވެ.

މިދަތުރުގައި ޕާޓީގެ ޗެއަރޕަރސަން މޫސާ މަނިކު، ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް، މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އަދި އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގަންނަވައެވެ.

“އާ ބާރެއް އެއްބުރުން” ކެމްޕެއިން ޓީމު ފުރަތަމަ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ގދ. ނަޑެއްލާއަށެވެ. އެއަށްފަހު އެއަތޮޅު މަޑަވެލި، ހޯޑެއްދޫ، ތިނަދޫ، ރަތަފަންދޫ، ވާދޫ، ފިޔޯރީ، ފަރެސްމާތޮޑާ އަދި ކާޑެއްދޫއަށް ދިޔުމަށް ހަމަޖެހިފައިވެއެވެ.

“އާ ބާރެއް އެއްބުރުން” ކެމްޕެއިންކުރުމަށް ވަޑައިގަންނަވާ ރަށްރަށުގައި ދޮރުންދޮރަށް ހިންގަވައި ރައްޔިތުންނަށް އެމްޑީޕީގެ ސިޔާސަތުތައް އޮޅުންފިލުވައިދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ކަންމަތީ ބައްދަލުވުންތަކާއި، ހަރުގެ ޖަލްސާތައް ބާއްވަވައި ރައްޔިތުންނާއި ބައްދަލުކުރެއްވުންވެސް ކުރިއަށްދާނެއެވެ. މިދަތުރުގައި ރަަށްރަށުގައި ހަރަކާތްތެރިވަމުންދާ ޕާޓީގެ ކެމްޕެއިން އޮފިޝަލުންނާއި މިޓީމުން ބައްދަލުކުރައްވާ މަސައްކަތް ކުރިއަށްދާގޮތް އޮޅުންފިލުއްވައި މަޝްވަރާތައް ކުރިޔަށް ގެންދަވާނެއެވެ.