ރައީސުލްޖުމްހޫރިއްޔާ އެޓަރނީޖެނެރަލްގެ މަގާމަށް ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފި

12 އޮގަސްޓް 2010

sawad

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެޓަރނީޖެނެރަލް ކަމުގެ މަގާމަށް ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ކަމުގެ މަގާމުގައެވެ.

ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދަށް އެޓަރނީޖެނެރަލް ކަމުގެ މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު ދެއްވުމަށްފަހު، މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެޓަރނީޖެނެރަލް ކަމުގެ މަގާމުގެ މަސްއޫލިއްޔަތު ޑޮކްޓަރ ސަވާދު ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ފަތްކޮޅު ދެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު ކުރައްވައި، ހުވައިގެ އިޤްރާރުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.