މެންބަރުންގެ ޚިޔާލު: ސުލްހަ

12 އޮގަސްޓް 2010

ލިޔުނީ: ފުނަމާ

މިއޮގަސްޓް މަހުގެ 9 ވަނަ ދުވަހުގެ މެންދުރުން އަނބުރާލީއްސުރެ އެމްޑީޕީގެ އިސްވެރީންގެ ފޯންތަކަށް ފިސާރި ބާރުބޮޑުވަމުން ދިޔައެވެ. ބައެއް މެންބަރުން މާޔޫސްވެގެން އަނެއްބައި މެންބަރުން ހިންހަމަ ނުޖެހިގެން ގެންދިޔައީ ފުލުފުލުގައި ގުޅަމުންނެވެ. އަންނަ ކޯލްތައް ނެގުމުން ފުރަތަމަވެސް އިވެނީ މިވީކިހިނެއް ހެއްޔެވެ؟
އިންތިޤާލީ މަރުޙަލާ ނިމުމާ ގުޅިގެން ސަރުކާރުން އަމިއްލަޔަށް ދާއިމީވެ ހިތުހުރިގޮތެއް ހަދާން އަރުވާޖަހައިގެން އުޅުނު ވަގުތީ އުއްތަމަ ފަނޑިޔާރުގެ މަގަށް ހުރަސް އެޅުއްވުމާ އަދި ސިޔާސީގޮތުން ހިނގައިދިޔަ އަރާރުންތަކުގެ ސަބަބުން ސަރުކާރުން މިހިނދުން މިހިނދަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން މެނުވީ މިޤައުމު ސަލާމަތް ކުރެވޭން ނޯންނާނެ ކަމަށްބުނެ އެމްޑީޕީގެ މެންބަރުން ޚުދު އަޅުގަނޑުވެސް ގެންދިޔައީ ގޮވާލަމުންނެވެ. އަދި ސިޔާސީގޮތުން އެއްވެސް ދުލެއް ނުދެއްވާނެ ކަމުގެ ޔަޤީންކަން ޕާލަމެންޓަރީ ގުރޫޕުންވެސް ގެންދިޔައީ ދެއްވަމުންކަމުގައި ވެފައި ކުއްލިޔަކަށް ޑީއާރުޕީއާއި އެކު އެއްބަސްވުމަކަށް އައިސް ދޫދިނުމުން މިކަން ވެގެންދިޔައީ އަޅުގަނޑުމެންނަށް ހަޖަމުކުރާން ދަތިވެގެން ދިޔަ ކަމަކަށެވެ.
ކަންވާނީވެސް އެހެންނެވެ. ވޭތުވެދިޔަ ސަރުކާރުގަޔާއި އޭގެ ކުރީންވެސް މިކަހަލަ ކަންކަމުގައި ސަރުކާރުތަކުން ކަންކުރާ ހަރުކަށިގޮތްތައް އަޅުގަނޑުމެން ވަނީ ތަޖުރިބާ ކޮށްފައެވެ. އެހެންކަމުން ސަރުކާރުގެ އާރާ ބާރު އޮތްއިރު އަދި ދެއްކޭނެ ހުއްޖަތްތައް ހުރިއިރު ސަރުކާރަށް ކުރަމުން ގެންދިޔަ ޖެއްސުންތަކާއި އެކުވެސް ސަރުކާރުން މިފަދަ ދުލެއްދިނުމުން އެކަންވީ ޙައިރާން ކުރުވަނިވި ކަމަކަށެވެ. އެހެންކަމުން މިލިބުނީ ބޮޑުދެރައެއްކަމުގައި ހިތައި އެންމެހާ މެންބަރުންހެން ކަންބޮޑުވެ ހާސްކަމެއްގެ ތެރެއަށް ދާން މަޖްބޫރުވީއެވެ. ފަރުދާގެ ފުރަގަހުގައި ކަންވަމުން ދިޔަގޮތް ސާފުވަމުން ނުދާތީއާއި މައުލޫމާތު ލިބެމުން ނުދިއުމުގެ ސަބަބުން މެންބަރުން ތިބީ ނުހަނު ހާސްކަމެއްގެ ތެރޭގައެވެ.
މިފަދަ ކަންކަމުގައި އަޅުގަނޑުމެން އަބަދުވެސް ހަނދާން ބަހައްޓާންޖެހޭ ކަންކަން އެބަހުއްޓެވެ. ދީނީގޮތުން ހިނގާފައިވާ ބޮޑެތި ހާދިސާ ތަކަށްވެސް ބަލާލަން ޖެހެއެވެ. މިގޮތުން އަޅުގަނޑު ބަލާލާނީ މަޝްހޫރު ހުދައިބިއްޔާގެ ސުލަހައަށެވެ. ކައުއިތުރު ރަސޫލާ ޞ. ޢ ވ ޢުމްރާވެ ވަޑައިގަތުމަށް މައްކާއަށް ކުރެއްވި ދަތުރުފުޅުގައި މުޝްރިކުން މުސްލިމުން ޙުރްމަތްތެރިވެގެންވާ މައްކާއަށް އެރައި ޢުމްރާ ވުމަށް ހުރަސްއަޅައި މިކަމުގައި ހިނގައިދިޔަ ކަންތައް ތަކަށް ފަހު މަޝްހޫރު ހުދައިބިއްޔާގެ ސުލްހަ ވެވުންވެގެންދިޔައީ އަސްޙާބުންގެ ހިތްޕުޅު އެކަމުގައި ވަރަށްބޮޑަށް ހަމަޖެހިވަޑައިނުގެން ކަމަކަށެވެ. އާރާއި ބާރުގައި އޮތް މުސްލިމުންގެ ވެރި ސާހިބާ މުޝްރިކުންނަށް ދޫދެއްވި ދެއްވުމަކީ އާދައިގެ އިންސާނުންގެ ސިކުނޑި އެހިސާބަށް ފޯރައިގެން ދިޔަކަމަކަށް ނުވިއެވެ. ނަމަވެސް މިޢަހުދުގެ ސަބަބުން އިސްލާމުންނަށް ފަހުން ލިބިގެން އެދިޔަ ފަތަޙައާއި ނަސްރަކީ މިސާލުނަގާންޖެހޭނެ މުހިންމު ކަމެކެވެ.
ފަހަރެއްގައިވެސް އެޙާދިސާއާއި މިއަދު ރާއްޖޭގައި މިހިނގި ކަމާ އަޅުވާކިޔާކަށް އަޅުގަނޑުނެތީމެވެ. އަދިނިޔަތަކީވެސް އެއީއެއް ނޫނެވެ. ނަމަވެސް މިފަދަ މުހިންމު ކަންކަމުން ޢިބްރަތްލިބިގަނެ ރަސޫލު ސައްލަﷲ ޢަލައިވަސައްލަމްގެ ސިޔަރަތުން އަޅުގަނޑުމެން މިސާލުނަގައި ކަންކަން ކުރެވޭތޯ ބަލަން ޖެހެއެވެ. ކަންކަން ފުރިހަމަ ކުރެވޭނީ ހުރިހާ ކަމެއްގައި ހަރުކަށިވުމުގެ ބަދަލުގައި ސުލްހަވެރިކަން އިސްކޮށްގެން ކަމުގައި ބަލަންޖެހެއެވެ. އެންމެހާ ކަންކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އަޅުގަނޑުމެންނަށް އޮތީ ހެޔޮނިޔަތުގައި ކަންކަން ކުރުމެވެ. ބައެއްފަހަރު ގޯސްހެދުނު ނަމަވެސް އެކަންކަން ތަކުރާރު ވިޔަނުދީ ރަނގަޅު ނިޔަތުގައި ކަންކުރުމީ އަޅުގަނޑުމެންގެ މައްޗަށްއޮތް ވާޖިބެކެވެ. ﷲ އަށް ވަކީލުކޮށް ހެޔޮނިޔަތުގައި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ކުރާކަންކަން ބައްލަވާ ވޮޑިގެން ހެޔޮއަޖުރަދެއްވުމަށް ﷲ ފުދެއެވެ.
އަބަދުވެސް އަޅުގަނޑުމެން އެދޭނީ ކޮންމެ ކަމެއްވެސް އަޅުގަނޑުމެން އެދޭހާ ގޮތަކަށް ވުމެވެ. ނަމަވެސް ކަންކަމުގައި އިސްވެ ތިބޭބަޔެއްގެ ވިސްނުމާފިކުރާ އެކު ޙިކްމަތްތެރި ކަމާއެކު މުޅި މުޖްތަމަޢުގެ ފައިދާއަށް އިސްކޮށް ކުރެވޭ ކަންކަމުގައި އަޅުގަނޑުމެން ވިސްނާންވާނީ އަމިއްލަ އެދުންތަކާއި ހިތުގައި ފުރިއަރާ ޖޯޝުން އެއްކިބާވެ ތިބެގެންނެވެ. ކާމިޔާބުއޮންނާނީ މިގޮތުގައިކަން ޤަބޫލުކުރާން ޖެހޭނެއެވެ. ނަމަވެސް މިގޮތުން ކުރެވޭ ކަންކަމުން މާއަވަހަށް އެދޭ ބަދަލުތަކެއް ނައުމަކީވެސް މާޔޫސްވެ ހިއްވަރު ދޫކޮށްލުމަށް އޮތް ކަމެއްނޫނެވެ.
ބަޔަކު ކޮންމެ ގޮތަކަށް ދުށްނަމަވެސް ވެރިކަމަކީ ﷲ ގެ މިންވަރުފުޅުން އެއިލާހު އެކަމަށް ޚާއްސަކުރައްވާ ފަރާތްތަކަކަށް އިރާދަކުރެއްވި ހިނދަކު ދެއްވަވާ އަމާނާތެކެވެ. އެއަމާނާތަށް ފިސާރި ފަރުވާވެ ހިތްނިޔަތް ޚާލާސްކޮށް ތެދުވެރި ނުވެވިއްޖެނަމަ އެދެއވިފަދައިން ގެންދެވުމަކީ އެއިލާހަށް ޚާއްސަވެގެންވާ ކަމެކެވެ. އަޅުގަނޑުމެންގެ މިވެރިކަމަކީ އިރާދަކުރެއްވީތީ ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމަކަށް މަގުފަހި ކޮށްދިނުމުގެ ހެޔޮނިޔަތުގައި ޤާއިމްކުރާންއުޅެ، ﷲގެ މިންވަރުފުޅުން ޤާއިމް ކުރެވުނު ވެރިކަމެކެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް ނަޝީދު އެގެންދަވަނީ ފިސާރި ޙިކްމަތްތެރި ކަމާއެކު ހެޔޮނިޔަތުގައި އެމަސައްކަތް ކުރައްވަމުންނެވެ. މީގެކުރީން ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ގޯނިގޯންޏަށް އަޅާ ތުންބަނދެގެން ގެންގޮސް ޖަލުތަކުގެ ތެރެއަށް އޮއްސާ ކުށްވެރީންތަކެއް މިވެރިކަމުގައި ފެނިގެން ނުދިޔަކަމީވެސް މީގެ މިސާލެކެވެ. ނަމަވެސް ބަޔަކު ކުރާނެ ކަމެއް ކުރާނެގޮތަކަށް ކުރާން ދޫކޮށްލުމަކީ މިސަރުކާރުން ގައިމުވެސް ކުރާނެ ކަމެއް ނޫންކަން މިހާރު ޔަޤީންވާނެއެވެ.
ކޮންމެއަކަސް ރަމަޟާން މަހާއި ދިމާކޮށް ޤައުމުގައި މިއޮތް ސިޔާސީ ހުޅުގަނޑު އިތުރަށް ފުޅާވެނުގޮސް ކުޑަކޮށް ނިއްވާލުމުގެ ނިޔަތުގައި ރަނގަޅުވަގުތުގައި މިއެޅުއްވި ރަނގަޅު ފިޔަވަޅަކީ ހަމަޔަޤީނުންވެސް ހެޔޮނިޔަތަކުން ވިސްނައިފިނަމަ ސަރުކާރުންނާއި މިޕާޓީގެ ވެރީން އެޅުއްވި މުހިންމު އެހާމެ ފައިދާކުރުވަނިވި ފިޔަވަޅެއްކަމުގައިދެކި ރައީސް ނަޝީދަށާއި އެމްޑީޕީ ޕާލަމެންޓަރީ ޤުރޫޕަށް ފަށްފަށުން ޝުކުރުދަންނަވަމެވެ. ހަމައެހެންމެ ހެޔޮވިސްނަވައި އެހެނިހެން ސިޔާސީ ލީޑަރުން އެނިންމެވި ނިންމެވުންތަކަށްވެސް މަރްޙަބާ ދަންނަވަމެވެ. މިގޮތުގައި ޤައުމަށްޓަކައި މަސައްކަތްކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވުންއެދި ﷲގެ ޙަޟްރަތުގައި ދުޢާދަންނަވަމެވެ. ބަރަކާތްތެރި މިމައްސަރުގެ އެންމެހާ ހެޔޮއެދުންތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި މިޕާޓީގެ ލޮބުވެތި މެންބަރުންނާއި ޚާއްސަކޮށް ރައީސް ނަޝީދުގެ އަރިހަށް އަރިސްކުރާ ޙާލުގައެވެ.