ރައީސުލްޖުމްހޫރިއްޔާ، ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމަށް އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ފަސްބޭފުޅަކު ޢައްޔަން ކުރައްވައިފި

12 އޮގަސްޓް 2010

2

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން، ހދ. ވައިކަރަދޫ ވައިޖެހޭގޭ އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން ޢައްޔަން ކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމަށް އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން މި ޢައްޔަން ކުރެއްވީ، އެމަގާމަށް އެމަނިކުފާނު ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެންނެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 6 ބޭފުޅުންގެ ނަންފުޅުވެސް އެމަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން، އެ 6 ބޭފުޅުންގެ ތެރެއިން 5 ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފިއެވެ. އެ 5 ބޭފުޅުންނަކީ، އއ. ތޮއްޑޫ ނޫރާނީމާގޭ އައްޝައިޚް ޢަބްދުﷲ ޢަރީފާއި، މާލޭހިޔާ 2 03-14 އަލްއުސްތާޛު ޢަލީ ޙަމީދު މުޙަންމަދާއި، ލ. މާވަށު ފަށުވިމާގޭ އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުﷲ އާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 4040 އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި، ސ. ހިތަދޫ ކޯޒީ ރައުންޑް ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީ އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި މާފަންނު ގުލްފާމްގޭ އަލްއުސްތާޛު އަޙްމަދު މުޢްތަޞިމް ޢަދުނާން، މިވަގުތު ރަށުގައި ވަޑައިގެން ނޫޅުއްވާތީ، އޭނާ އެމަގާމަށް ޢައްޔަން ކުރައްވާނީ ފަހުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިނަށް ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ހައިކޯޓްގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙަންމަދެވެ. އެހެން ފަނޑިޔާރުންނަށް ހުވާލައިދެއްވީ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިނެވެ.

އެބޭފުޅުން މިމަގާމުތަކަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނާ ޙަވާލުކުރެއްވުމަށްފަހު، މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މުޅި ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް އިންޞާފް ހޯއްދަވައިދެއްވުމުގައި، މިވަގުތަށް އެންމެ އެކަށީގެންވަނީ އެބޭފުޅުން ކަމަށް ފެނިވަޑައިގަންނަވާތީއާއި، އަދި އެކަން ގަބޫލުފުޅު ކުރެއްވޭތީ، އެބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުއްވީ ކަމަށް ވިދާޅުވިއެވެ. އަދި މިނަންތައް މަޖިލީހުން ފާސްކޮށްދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.