ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފި

10 އޮގަސްޓް 2010

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި “ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ބިލް” ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ބެހިފައިވަނީ މައިގަނޑު 5 ބާބެއްގެ މައްޗަށެވެ. އެއީ، ފަނޑިޔާރުންނާބެހޭ މައިގަނޑު އުސޫލުތަކުގެ ބާބާއި، ފަނޑިޔާރުން ޢައްޔަންކުރުމާއި ވަކިކުރުމުގެ ބާބާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ބާބާއި، މުސާރައާއި ޢިނާޔަތްތަކުގެ ބާބާއި، ފަނޑިޔާރުކަމުގެ މަސައްކަތާ ގުޅޭ އެހެނިހެން ކަންތައްތަކުގެ ބާބެވެ.

މި ޤާނޫނުގައި، ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކާއި، ފަނޑިޔާރުންގެ ހުންނަންވާނެ ޝަރުޠުތަކާއި، ފަނޑިޔާރުންގެ ބާރުތަކާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި، ވަޒީފާއާބެހޭ ޢާންމު އުޞޫލުތަކާއި، މުސާރައާއި ޢިނާޔަތާގުޅޭ އުޞޫލުތައް ބަޔާންވެގެންވެއެވެ.

މި ޤާނޫނުގައިވާ ގޮތުން، ޢަދުލު އިންޞާފު ޤާއިމުކުރުމުގައްޔާއި، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ފަނޑިޔާރުންނަކީ، އެހެން އެއްވެސް މީހެއްގެ ނުވަތަ މުއައްސަސާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް ފޯރުވޭނޭ ބައެއް ނޫނެވެ. އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެއެވެ. ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ހިމާޔަތްކޮށްދީ، އެ ތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށް ނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމަށްޓަކައި، ޤާނޫނާއި ގަވާއިދުތަކުގެ ޛަރީޢާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ޙަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެކަމަށް މި ޤާނޫނުގައި ބުނެފައިވެއެވެ.

މި ޤާނޫނުގައިވާ ގޮތުން ޤާނޫނުއަސާސީއާއި ޤާނޫނުގައި އެހެންގޮތަކަށް ބަޔާންނުކުރާހާ ހިނދަކު، ޤާނޫނުއަސާސީގައި ބަޔާންކުރެވިގެންވާގޮތަށް ޢައްޔަންކުރެވޭ ފަނޑިޔާރުންނަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް ޢައްޔަންކުރެވޭ ބައެއް ނޫނެވެ. އަދި އެ ފަނޑިޔާރުން މަޤާމަށް ޢައްޔަންވީއްސުރެ މަޤާމުން މުސްކުޅިކުރެވެންދެން މަޤާމުގައި ދެމިތިބޭނެއެވެ. އަދި އެއިން ކޮންމެ ފަނޑިޔާރަކުވެސް އޭނާ ޢައްޔަންކުރެވިފައިވާ ކޯޓެއްގައި މަސައްކަތްކުރާނީ ދާއިމީ ސިފައެއްގައެވެ.

ފަނޑިޔާރަކު އޭނާގެ މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި، ދިން ރައުޔުއަކާގުޅިގެން ނުވަތަ ކުރި އަމުރަކާގުޅިގެން ނުވަތަ ކުރި ޙުކުމަކާގުޅިގެން، ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންވެގެންވާ އިސްތިއުނާފުކުރުމުގެ އުޞޫލުތަކުގެ ބޭރުން، ނުވަތަ ފަނޑިޔާރުންގެ ސުލޫކާގުޅޭގޮތުން ފިޔަވަޅުއެޅުމަށް ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންވެގެންވާ އުޞޫލުތަކުގެ ބޭރުން، އެއްވެސް ފަރާތެއްގައި އެ ފަނޑިޔާރަކު ޖަވާބުދާރީއެއް ނުކުރެވޭނެ ކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.