ދިވެހި ރާއްޖޭގެ ފުލުހުންނާއި މިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއާ ދެމެދު ގުޅުން ކެނޑިފައި އޮވެގެން ނުވާނެ – ރައީސް ނަޝީދު

ދިވެހި ރާއްޖޭގެ ފުލުހުންނާއި މިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއާ ދެމެދު ގުޅުން ކެނޑިފައި އޮވެގެން ނުވާނެކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ގަލޮޅު ކޮޅުމަޑުލު ޖަގަހަ ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ކެމްޕޭނުޓީމް ވަނީ ރާއްޖޭގެ ހުރިހާ ރަށެެއްގެ ގޭގެއަށް ގޮސް ޑޯޓުޑޯ ކެމްޕޭނު ކުރައްވާފައެވެ. މިގޮތުން ފުލުހުންނާއި ފުލުހުންގެ އާއިލާތައް ދެކޭގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑު މަސައްކަތް މިފަށަނީ ދިވެހިރާއްޖޭގެ ފުލުހުންނާއި އަޅުގަނޑުމެން ގާތްވުމަށް،” ރައީސް ނަޝީދު ވިދާޅުވިއެވެ.”އަދި ރާއްޖޭގެ ފުލުހުންނާ އެކީގައި އަޅުގަނޑުމެން މަސައްކަތްކުރުމަށް ގޮތްތަކެއް ހޯދުމަށް.”

މިގޮތުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކާ ބައްދަލުކުރައްވައި ލިބިވަޑައިގެންނެވި މައުލޫމާތުގެ އަލީގައި ފުލުހުންނަށް ސިޓީއެއް ފޮނުއްވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ފުލުހުންނަށް ޚާއްސަކޮށް މިސިޓީ ދާންޖެހޭ އެންމެ މުހިންމު އެއްސަބަބަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޑިމޮކްރަޓިކް ވެރިކަން އަދި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުން މިޤާނޫނު އަސާސީ ކަނޑައަޅާ އުފެއްދި ފުރަތަމަ ވެރިކަން، އަޅުގަނޑުމެންގެ ވެރިކަން ވައްޓާލާފަައިވަނީ ފުލުހުންގެ މަދުބައެއްގެ އަމަލުން،” އެމަނިކުފާނު ވިދާޅުވިއެވެ.”ފުލުހުންގެ މަދުބަޔަކު ނުކިޔަމަންތެރިކަން ދައްކައި އެ ނުކިޔަމަންތެރިކަމުގެ ތެރޭގައި ސަރުކާރުވެއްޓިގެން ދިޔައީ.”

ރައީސް ނަޝީދު ވިދާޅުވީ 2 އަހަރުދުވަސް ވޭތުވެގެން ދިޔައިރުވެސް ފުލުހުންގެ ބަޔަކު އަޑީގައިތިބެގެން ވެރިކަން ވައްޓާލަން މެދުވެރިވި ސަބަބު ސާފުކޮށް ވިސްނައިގަންނަން ނޭނގުނުކަމަށެވެ. ނަމަވެސް ފުލުހުންނާއި ފުލުހުންގެ އާއިލާތަކުން ލިބިވަޑައިގެންނެވި މައުލޫމާތުން އެނގުނުގޮތުގައި 7 ފެބްރުއަރީ 2012 ގައި ގިނަ ފުލުހުން ޖުމްހޫރީ މައިދާނަށް އެއްވީ ފުލުހުންގެ ކޮމާޑަރުން އެގޮތަށް އަމުރު ކުރީމަކަމަށެވެ.އަދި ގިނަ ފުލުހުން އެއްވީ ސަރުކާރު ވައްޓާލާކަށް ފެނިގެނެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އެހެންނަމަވެސް ފުލުހުންނަކީ އަމުރަށް ކިޔަމަންތެރިވާ ބައެއް ކަމަށްވެފައި، އެމީހުންގެ މުޅި ތަމްރީނާއި އަދި އެމީހުންގެ ހުވާއާއި އެމީހުންގެ ގަވާއިދުތަކާއި ގާނޫނުތައް މަޖުބޫރުކުރަނީ އަމުރަށް ކިޔަމަންތެރިވުމަށް.” އެމަނިކުފާނު އޮޅުންފިލުވައިދެއްވިއެވެ.

ރައީސް ނަޝީދު ސިފަކުރެއްވިގޮތުގައި މަދު ފުލުހުންތަކެއް އަމަލުކުރިގޮތުގެ ސަބަބުން ފުލުހުންނަށް އޮންނަ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ވަނީ ގެއްލިފައެވެ. އަދި އެމަނިކުފާނު ފުލުހުންނަށް ފޮނުއްވި ސިޓީއާ މެދު ދެކޭގޮތް ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ކިބައިން އެދިވަޑައިގެންނަވާކަމަށާއި،ހުދު އެމަނިކުފާނު އަމިއްލަފުޅަށް ފުލުހުންނާ ބައްދަލުކުރައްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

“މިއަދުވެސް ފުލުސް އޮފީސްއެވަނީ އަޅުގަނޑު މިދެންނެވި މަދު ފުލުހުންކޮޅުގެ ކޮންޓްރޯލްގެ ދަށުގައި. އެމީހުންގެ ބެލުމުގެ ދަށުގައި.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި ރާއްޖޭގެ ތަރައްގީކުރުމަށް ފުލުހުންގެ އެހީތެރިކަން ބޭނުންވެއެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ފުލުހުންގެ މުއައްސަސާތައް ތަރައްޤީކުރަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މިގޮތުން އެމްޑީޕީގެ ސަރުކާރުގެ 3 އަހަރު ފުލުހުންނާމެދު އަމަލުކުރެވިފައިވަނީ ރަނގަޅަށްކަމަށް ފުލުހުން ބުނަމުންދާކަން ފާހަގަކުރައްވައިއިންތިޚާބުގައިގިނަ ފުލުހުން ވޯޓްލައްވާނީ އެމްޑީޕީއަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.