ރައީސް ނަޝީދު ރޭ މާލޭ ސިޓީގައި 9 ޖަގަހަ ހުޅުއްވައިދެއްވި

2206

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަަށް ހަދާފައިވާ 9 ޖަގަހަ ރޭ (19 އޮގަސްޓް 2013) ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ހުޅުއްވައިދެއްވިއެވެ. ރޭ އެންމެ ފުރަތަމަ ހުޅުވައިދެއްވައިފައިވަނީ ‘ގަލޮޅުން ކޮޅުމަޑުލަށް’ގެ ނަމުގައި ހުޅުވުނު ތ.އަތޮޅު ޖަގަހައެއެވެ. މިޖަގަހަ ހުޅުވައިދެއްވުމުގެ ގޮތުން ގަލޮޅު ކަންމަތީގައި ރައީސް ނަޝީދުވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ގަލޮޅުގައި ހަދާފައިވާ ތ. އަތޮޅު ޖަގަހަ ހުޅުވައިދެއްވުމަށްފަހު 11.00 ގައި ރައީސް ނަޝީދު ވަޑައިގެންނެވީ މާފަންނު ދެކުނުގައި ހަދާފައިވާ އިތުރު ޖަގަހަތައް ހުޅުވައިދެއްވުމަށެވެ. މިގޮތުން މާފަންނު ދެކުނުގައި ހުޅުވިގެންދިޔަ ޖަގަހަަތަކަކީ ހޮޓެލް ފްރެސްކޯ ކައިރި ޖަޒުބާތު ޖަގަހަ، މ. ޖަރީމާގޭގައި އެއްބުރުން ޖަގަހަ، މ. ގެލެކްސީގައި ބައި ހިއްކާ ޖަގަހަ، މ. ފެހިގޭގައި ފެހިގެ ޖަގަހަ، މ. ކޯޒީ ނެސްޓްގައި މަލްޓި މީޑިއާ ޖަގަހަ، މ. ގޭޒްގައި މާފަންނު ދެކުނު އޮފީސް، މ. ރެޑް ސްޓޯންގައި މައިވެޔޮ މަގު ޖަގަހަ އަދި މ. ޝަބީނާގައި ހުންނަ ހިތު ވިންދު ޖަގަހައެވެ.

މިހުޅުވިގެންދިޔަ ޖަގަހަތަކުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ތާއީދު ހޯދުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. މިގޮތުން ކަންމަތީ ބައްދަލުވުންތަކާއި، ޕާޓީގެ ސިޔާސަތުތައް ވީހާވެސް ގިނަ ބަޔަކަށް އޮޅުންފިލުވައިދިނުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ.