ރައީސް ނަޝީދު މިރޭ މާލޭގައި 8 ޖަގަހަ ހުޅުވައިދެއްވާނެ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު، ރިޔާސީ އިންތިޚާބަށް ކެމްޕެއިން ހަރަކާތްތައް ބޭނުންވާ މަސައްކަތްތައް ހަލުކިމާއިއެކު ކުރިޔަށް ގެންދިއުމަށްޓަކައި މާލޭގައި ހަދާފައިވާ ބައެއް ޖަގަހަތައް މިރޭ (19 އޯގަސްޓް 2013) ހުޅުވައިދެއްވާނެއެވެ. މިގޮތުން މިރޭގެ ހަރަކާތްތައް ފެށިގެންދާނީ މިރޭ 10.15 ގަައި މިރިހި މަގު ގަލޮޅު ކަންމަތީ “ގަލޮޅުން ކޮޅުމަޑުލަށް” ތ. އަތޮޅު ޖަހަގަ ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުންނެވެ.

ތ. އަތޮޅު ޖަގަހައިގެ އިތުރުން މާފަންނު ދެކުނުގައި ހަދާފައިވާ އިތުރު ޖަގަހަތައް ހުޅުވައިދެއްވުން 11.00ގައި ކުރިއަށްދާނެއެވެ. މާފަންނު ދެކުނުގައި ހުޅުވޭ ޖަގަހަަތަކަކީ ހޮޓެލް ފްރެސްކޯގައި ޖަޒުބާތު ޖަގަހަ، މ.ޖަރީމާގޭގައި އެއްބުރުން ޖަގަހަ، މ.ގެލެކްސީގައި ބައި ހިއްކާ ޖަގަހަ، މ.ފެހިގޭގައި ފެހިގެ ޖަގަހަ، މ.ކޯޒީ ނެސްޓްގައި މަލްޓި މީޑިއާ ޖަގަހަ، މ. ގޭޒްގައި މާފަންނު ދެކުނު އޮފީސް، މ.ރެޑް ސްޓޯންގައި މައިވެޔޮ މަގު ޖަގަހައެވެ.

މިޖަގަހަތަކުގެ ބޭނުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީގެ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދަށް ތާއީދު ހޯދުމާއި، ވޯޓުލައި މީހުންނާއި ވީހާވެސް ގާތުން ޕާޓީގެ ސިޔާސަތުތައް އޮޅުންފިލުވައިދިނުމެވެ. އަދި ޕާޓީގެ ކެމްޕެއިންގައި ހަރަކާތްތެރިވަމުންދާ ފަރާތްތައް އެއްތަނަކުން ބައްދަލުކުރުމެވެ. މިޖަގަތަކުގައި ތަފާތު ހަރަކާތްތައް އިންތިޚާބު ނިމެންދެން ކުރިއަށްދާނެއެވެ.