އެމީހުން ފަރިތަ ވެފައި ތިބީ މައުމޫން ވިދާޅުވާގޮތަށް ހުކުމްކުރަން – ހަސީން

10 އޮގަސްޓް 2010

– ރާމިޒް –

resizerphp-450-x-301

ވެރިކަން ބަދަލުވި ކަމުގައި ވިއަސް މިއަދުވެސް ޝަރުއީ ދާއިރާގައި ގިނައިން ތިބީ ކުރީގެ ރައީސް މައުމޫނާ އެކީގައި މިސްރުން ކިޔަވާ ވިދާޅުވި، އެމަނިކުފާނު ވަރަށް އިތުބާރުކުރައްވާ ވަރަށް ގާތް ބޭފުޅުންތަކެއް ކަމަށާއި،“އެމީހުން (ފަނޑިޔާރުން) ފަރިތަ ވެފައި ތިބީ މައުމޫން ވިދާޅުވާގޮތަށް ހުކުމްކުރަން” ކަމަށް ، ރިޔާސީ ކޮމިޝަނުގެ ތަރުޖަމާނު އަދި މަޝްހޫރު ޤާނޫނީ ވަކީލު ޢަބްދުﷲ ހަސީން ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހުގެރޭ ފުވައްމުލަކުގެ އެމްޑީޕީގެ ސަޕޯޓަރުން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްވަމުން ހަސީން ވިދާޅުވީ މައުމޫން ވެރިކަމުގައި ނެތްކަމުގައިވިއަސް މައުމޫން ވިދާޅުވާ ގޮތަކަށް ނޫންގޮތަކަށް ހުކުމްކުރަން އެފަނޑިޔާރުންނަށް އަނދަގޫވެގެން އުޅޭ ކަމަށާއި، ރައްޔިތުންނާއި ޤައުމުގެ މަސްލަހަތަށްވުރެ ފަނޑިޔާރުން އިސްކަންދެނީ ކުރީގެ ވެރިކަމުގެ ބޮޑެތީންގެ ހިމާޔަތަށް ކަމަށެވެ.
ހަސީން އިތުރަށް ވިދާޅުވީ ޖިނާޢީ ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދަކީ ކުރީގެ ރައީސް މައުމޫންގެ ވަރަށް އަރިސް މީހެއް ކަމަށާއި، ޖިނާއީ ކޯޓުގެ އިސްޤާޒީއެއްގެ ގޮތުގައި ހުރެގެން އެކޯޓުގެ ކަންތައް އޭނާ ހިންގަނީ ހިތުހުރިހާ ގޮތަކަށް ކަންކުރާ އުސޫލުން ކަމަށެވެ.

resizerphp-1-450-x-301

” އޭނަ (ޖިނާޢީ ކޯޓުގެ އިސް ޤާޟީ) މިކޯޓުގެ ކަންތައް ހިންގަނީ ހަމަ އޭނަގެ އަމިއްލަ ކުޑަ ފިހާރަގަނޑެއް ހިންގާގޮތަށް އުނަގަނޑުގަ ތަޅުދަނޑި އަޅުވާލައިގެން މިއުޅެނީ. ބޭނުންއިރަކު ގޮސް ހުޅުވާލާފަ، ބޭނުންއިރަކު ތަތްގަނޑު ނަގާފަ، ބޭނުންވާއިރަކު އޭނާ ބޭނުންވާ ގޮތަކަށް ހުކުމްކުރަނީ” ހަސީން ވިދާޅުވިއެވެ.
ޝަރުޢީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކުރައްވަމުން ހަސީން އިތުރަށް ވިދާޅުވީ އަދުލުން އިންސާފު ގާއިމުކުރާ ދާއިރާގައި އުޅޭ ބަޔަކު ހުކުމް ކުރަން ޖެހޭނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ކަމަށާއި، ނަމަވެސް ރައްޔިތުންގެ ގިނަބަޔަކު ހުށަހަޅާ މައްސަލަތައް އަހަރު ދެއަހަރު ވާއިރުވެސް ނުނިމި ދިގުލައިގެން ދާއިރު، ވަކިބައެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ނަމަ ރޭގަނޑު ދަންވަރު ކޯޓު ހުޅުވައިގެންވެސް ޝަރީޢަތް ކުރެވޭ ކަމަށެވެ.
ފުވައްމުލަކުގެ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން މިޖަލްސާގައި ވާހަކަދެއްކެވިއެވެ. އެގޮތުން ފުވައްމުލަކު ކައުންސިލަރާއި، އަތޮޅު ކައުންސިލަރު އަދި ސަދަން ޔުޓިލިޓީސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު އަދި އެމްޑީޕީގެ މެންބަރު އަހުމަދު މުޙައްމަދު (ސަޒާން ތުއްތު) ވާހަކަދެއްކެވިއެވެ.
މިޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ޝަރުޢީ ދާއިރާގައި ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަކުރައްވައި، އެދާއިރާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި މިކަމަށް މަސައްކަތްކުރުމަށް އެބޭފުޅުންވަނީ ގޮވާލައްވާފައެވެ.
މިދުވަސްވަރަކީ ފުވައްމުލަކުގައި އެމްޑީޕީގެ ޙަރަކާތައް ގިނަވެ، އެމްޑީޕީގެ ރޫޙް އެރަށުގައި ވަރަށް ބޮޑަށް އާލާވަމުންދާ ދުވަސްވަރެއް ކަމަށް ވަނީ ފާހަގަކުރެވިފައެވެ.