ފުވައްމުލަކަކީ ސިޔާސީ ވިސްނުމުގެ މިސާލެއްކަހަލަ ރަށެއް : ޑރ. މުސްތޮފާ ލުތުފީ

BR4nm7nCEAAqf9t.jpg_large

ފުވައްމުލަކަކީ ސިޔާސީ ވިސްނުމުގެ މިސާލެއްކަހަލަ ރަށެއްކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެއެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ 17 އޮގަސްޓް 2013ގައި ‘ނެތޭ ވެވޭކަށް ބާޣީއަކަށް’ ސިލްސިލާގެ ދަށުން ފުވައްމުލަކުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ އެހެންކަންކޮޅުތަކުގައި ސިޔާސީ ފިކުރާއި ޕާޓީ ފިކުރު އުފެދިގެން އައުމުގެ މާކުރިން ފުވައްމުލަކު ރައްޔިތުންގެ ކިބައިގައި އެފިކުރުތައް ހުރިކަން ފާހަގަކުރައްވަމުން ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ. އޭރުވެސް ފުވައްމުލަކުގައި ދެޕާޓީއެއް އަމިއްލަ ނަންނަމުގައި ހަރަކާތްތތެރިވަމުން ދިޔަކަމަށާއި އެދެޕާޓީން އަމިއްލައަށް ނޫސްނެރެ އުޅުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަތޮޅުވެރިއެއްގެ ގޮތުގައި ފުވައްމުލަކުގައި ދުވަސްތަކެއް ހޭދަކުރައްވައިފައިވާ ޑރ. މުސްތޮފާ ލުތުފީ ވިދާޅުވީ އެމަނިކުފާނު އެރަށުގައި ހުންނެވި ދުވަސްވަރުވެސް ފުވައްމުލަކު ރައްޔިތުން ސިޔާސީގޮތުން ވަރަށް ބޮޑަށް ހޭލުންތެރިކަމަށެވެ.

ޑރ. މުސްތޮފާ ލުތުފީ އޭރު ފުވައްމުލަކަށް ވަޑައިގަތުމުން މީހުން އެމަނިކުފާނު އަރިހުގައި އެކަނިވެރިކޮށް ނުދާނޭކަމަށް ވިދާޅުވިކަމަށާއި، އެމަނިކުފާނު ފުވައްމުލަކުން ދިޔައީ ވަރަށް އުފާވެރި އަދި ހަނދާނުން ނުފޮހެވޭނެ ހަނދާންތަކާއި އެކީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފުވައްމުލަކު ރައްޔިތުން އިލްމަށް ލޯބިކުރާކަމަށާއި، އިލްމަށް ލޯބިކުރާ މީހުންނަށް ހާއްސަ ގަދަރެއް ހިތުގައި އޮންނަކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ.

ބަޣާވާތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. މުސްތޮފާ ލުތުފީ ވިދާޅުވީ އެތާ ހަރުކޮށްފައިހުރި ފޮޓޯތަކުންވެސް އެދުވަހުގެ އިހްސާސްތައް ވަޒަންކުރެއްވޭކަމަށެވެ. މިޒަމާނުގައި ރޯމާ ދުވާލު ރައްޔިތުން ތަޅާ ފިސްފިސްކޮށްފާނޭކަމަށް ހީނުކުރައްވާކަމަށާއި، އެއަމަލުތަކަކީ ޕޯޗުގީޒުންނާއި މާލަބާރުންނާއެކު ތާރީޚުގެ ތެރެއަށް ގޮސްފައިވާ އަމަލުތަކެއްކަމަށް ހީކުރެއްވިކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެދުވަހު ފެނުނީ ދިވެހިން ދިވެހިންގެ ގައިގައި ތަޅާއަނިޔާުކުރިތަންކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ. އަދި ބަޣާވާތާއި އެކު ގައުމު ފަހަތަށް ގޮއްސި ކަމަށާއި މިކަމާއި ދެކޮޅަށް ނުކުންނަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނިކުމެވޭނެގޮތަކީ މިހާރު ވެރިކަމުގައި ތިބި މީހުންނަށް ވޯޓު ނުދިނުންކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ޖެހިޔަސް ނުޖަހާށޭ ވިދާޅުވާކަމަށާއި އެމްޑީޕީއަކީ ސުލްހަވެރި ޕާޓީއެއްކަން ޑރ. މުސްތޮފާ ލުތުފީ ފާހަގަކުރެއްވިއެވެ. އަދި މިޕާޓީއިން ގައުމު ކުރިއަރުވާނޭކަމަަށް ވިދާޅުވިއެވެ. ސިޔާސަތުތައް ހެދީ ރައްޔިތުންގާތު އަހައިފައި ކަމަށާޢި ރައްޔިތުން ތިބީ އެމްޑީޕީ ސަރުކާރުންކޮށްދިން ކަންތަކާއި އުފަލުންކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ. އެމްޑީޕީގެ ސިޔާސަތުތަކުން ފައިދާކުރާނީ 5 އަހަރަށް ނޫންކަމަށާއި ދަރީންގެ ދަރީންނަށްވެސް ފައިދާ ކުރާނޭަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކަންތައްތައްކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީ ވެރިކަމަށް އެއްބުރުން މިފަހަރު ހޮވާނެ ކަމަށާއި، ވެރިކަމަށް އައުމަށްފަހު ރާއްޖޭގެ ތައުލީމަށްވެސް އިންގިލާބެއް ގެންނާނެކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ. މިފަހަރު ސަމާލުކަން އެންމެ ބޮޑަށް ދޭނީ އިންސާނާއަށް ދޭ ޚިދުމަތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ވިދާޅުވަމުންދާ “އެމްޑީޕީއަކީ ވައުދުވާ، ވައުދު ފުއްދާ ޕާޓީ” ބަސްފުޅު ތަކުރާރުކުރެއްވިއެވެ.