10 އޮގަސްޓް 2010
ލިޔުނީ: ފުނަމާ
މިއަދު ރާއްޖޭގައި އެންމެބޮޑަށް ދެކެވެމުން މިދަނީ ޤައުމު ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓުނު ވާހަކައެވެ. އިދިކޮޅު ފަރާތްތަކުން މިއީ ސަރުކާރުން އޮޅުވަލާން ދައްކާ ވާހަކަ ތަކެއްކަމުގައި ބުނަމުންގެންދާއިރު ސަރުކާރުން ބުނަމުން އެގެންދަނީ ޤާނޫނީ ހުސްކަމުގެ ތެރެއަށް މިޤައުމު ހިނގައްޖެކަމުގައެވެ. މިކަމުގެ ޒިންމާ ނުސީދާގޮތުންނަމަވެސް އުފުއްލަވާންޖެހޭ ކަމަށް ވިދާޅުވެ ދައުލަތުގެ އޭޖީ އެވަނީ އިސްތިއުފާ ދެއްވާފައެވެ.
އިދިކޮޅުފަރާތްތަކުން މިގޮތަށް ބުނަމުންދާއިރު އާޤާނޫނު އަސާސީއަށް ވާސިލްވުމަށް ހަދާންޖެހޭ ޤާނޫނު އަސާސީއިން ލާޒިމްކުރާ ޤާނޫނުތައް ހަދާންޖެހެނީ ޤާނޫނުހަދާ މަޖިލީހުން ކަމުގައި ވާއިރު އެމަޖިލީހުގެ މެޖޯރިޓީ އޮތީ ޑީއާރުޕީއާއި އެޕާޓީގެ ކޯލިޝަންގައެވެ. މިއީ ޙަޤީޤަތް ކަމުގައިވާއިރު ޤާނޫނުއަސާސީއަށް ވާސިލްވުމަށް ހަދަންޖެހޭ ޤާނޫނުތައް ނެހެދުމުން ދެން ބުނާންއޮންނާނީވެސް އެހެންތާއެވެ. އެމީހުން އެބުނަނީ ހަމަ ޤާނޫނީ ހުސްކަމަކަށް ނުދާކަމަށެވެ.
މައި އިދިކޮޅުޕާޓި ޑީއާރުޕީއިން މިކަމުގައި ދެފަހަރު ދެގޮތަށް ވާހަކަ ދައްކަމުން ތިމާމެންވެސް މިކަމުގެ ޒިންމާ އުފުލާން ޖެހެޔޭ ބުނެފައި އެކަމަކު މިކަން ނުކުރެވިއޮތީ ސަރުކާރުން ބިލްތައް މަޖްލިހަށް ފޮނުވުން ލަސްކޮށްފައި ވާތީ ކަމުގައިބުނާއިރު، އެންމެ ބޮޑަށް މައްސަލަ އުފެދިފައިވާ ފަނޑިޔާރުންނާއި ފަނޑިޔާރުގެތަކާއިބެހޭ ބިލު މަޖިލިހުގެ ތަޅުމަށް ވެއްދިފަހުން އަހަރުވެއްޖެއެވެ. އެބިލު ފާސްނުކޮށް ހިފަހައްޓައިގެން ނުވަތަ ބިލުގެ މައްޗަށް ސަވާރުވެގެން މިހާދުވަހުތިބެ އެފާސްނުކުރުމުން ދެން ތިމާމެން އެކަމުގެ ޒިންމާ އުފުލާކަށް ނުޖެހެޔޭ ބުނުމުން ފަރުޖެހިދާނެ ހެއްޔެވެ؟
އާޤާނޫނުއަސާސީއަށް ފުރިހަމަޔަށް ވާސިލްވުމަށް ފުރިހަމަ ދެއަހަރުގެ މުއްދަތެއް ޤާނޫނު އަސާސީން ވަނީ ދީފައެވެ. މިއަށްވުރެ އިތުރު މުއްދަތެއް ދީފައި ނުވާއިރު މުއްދަތު އިތުރުކޮށްފައެއް ވެސް ނުވެއެވެ. ދެއަހަރުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ ޤާނޫނުތައް ފުރިހަމަކޮށް އުފައްދަންޖެހޭ މުއައްސަސާތައް އުފައްދައި ބައެއް މުހިންމު މަޤާމުތަކަށް މީހުން ކަނޑައަޅާން ޖެހެއެވެ. މިއީ ޤާނޫނު އަސާސީއިން ލާޒިމްކޮށްފައިވާ ކަމެކެވެ. މިކަން ޤަބޫލުނުކުރާ ބަޔަކީ މިޤައުމުގެ ޤާނޫނު އަސާސީއަށް ކިޔަމަންވާ ބައެއްގެ ގޮތުގައި ބަލާނެ ޖާގަ އެބައޮތްބާވައެވެ؟ ޤަނޫނު އަސާސީ އިން ވަކިތާރީޚެއްގައި ވަކިކަމެއް ކުރަން ޝަރުތުކޮށްފައި ވާނަމަ އެކަން އެތާރީޚުގައި ނުކޮށް ފަރުޖެއްސޭނެ ބާވައެވެ؟ މިވެނި ތާރީޚެއްގެ ކުރީން ކުރަން ބުނެފައިވާނަމަ އެތާރީޚެއްގެ މާކުރީން އެކަމެއް ނިންމުމަކީ ޤާނޫނާއި ޚިލާފުވާނެ ކަމެއް ނޫންކަމުގައި ވިޔަސް ވަކިތާރީޚެއްގެ ކުރީން ނިންމަން އޮތްކަމެއް އެތާރީޚުގެ ފަހުން ނިންމުމަކީ ސައްޚަ ނިންމުމެއް ކަމުގައި ބަލާނެ ޖާގައެއް އޮންނާނެ ކަމަކަށް ނުދެކެމެވެ. މިގޮތަށް ބަދަލުގެނެވޭނި ޤާނޫނުއަސާސީ ބަދަލުކޮށް އެގޮތަށް އެކަމެއް ކަނޑައަޅައިގެންނެވެ. ޤާނޫނީ މާހިރުން ވިދާޅުވަނީ މިގޮތަށެވެ.
މިސާލަކަށް ދަންނަވާނަމަ މީހަކު ކޮޓަރިއެއްގެ ފާރެއްގައި ސިމެންތި ޖަހާން ޙަވާލުކުރީ 10 ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމުން ޝަރުތު ކޮށްގެން ކަމުގައިވާނަމަ އެމަސައްކަތް ދެމަސްދުވަހުން ނިންމުމަކީ ދުނިޔެވީ ހަމަތަކަށްބަލާއިރު ޤަބޫލުކުރެވޭނެ ކަމެއްބާވައެވެ؟ ފަހަރެއްގައި އެކަނޑައެޅި މުއްދަތުގައި ނުނިމޭނެ މަޤުބޫލު ސަބަބު ތަކެއް ދިމާވެއްޖެނަމަ ޖެހޭނީ މުއްދަތު ހަމަވުމުގެ ކުރީން އެކަމާ ބެހޭގޮތުން ދެފަރާތުން ވާހަކަ ދައްކައި ގޮތެއް ކަނޑައަޅާށެވެ. ގޮތެއް ކަނޑަނާޅައި އޮތްނަމަ އެހިސާބުން އެމަސައްކަތް އެހެން ފަރާތަކާ ޙަވާލުކުރާން ޖެހޭނެއެވެ. ވެރިފަރާތަށް ލިބުނު ގެއްލުމުގެ ޒިންމާ ޝަރުޢީ ގޮތުންވެސް މަސައްކަތާ ޙަވާލުވި ފަރާތުން އުފުލަން ނުޖެހިދާނެބާވައެވެ؟
އެކަމަކު ހައްޖުމަހުގެ ހައްޖުދުވަސް ދިމާވަނީ ދަރިފުޅުގެ އުފަންދުވަހާ ކަމުގައި ވާތީވެ އެކަން ނިންމާލާފައި މުޙައްރަމް މަހު މައްކާ އަށް ގޮސް ޙައްޖުވެވިދާނެ ބާވައެވެ. މިކަން ޤަބޫލުކުރާނީ ކާކުބާވައެވެ. ޙައްޖުމަހުގެ ވަކިދުވަހެއް ކަނޑައަޅުއްވާފައިވާއިރު އެކަމަކީ ދީނުގެ ދަންނަބޭކަލަކަށްވެސް ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ތިމަންނާއަކީ ޤާނޫނީ މާހިރެކޭ ބުނެފަވެސް ޤާނޫނުމާނަ ކުރެވޭނެ ގޮތްތަކަކާއި ނުކުރެވޭނެ ގޮތްތަކެއް އޮންނާނެ ދޮގެއްތޯއެވެ.؟
މިއަދު އެންމެ ބޮޑަށް ބަހުސް ކުރެވެނީ އެވެނި ކޯޓަކާ މިވެނި މަޤާމެއް ދެމިއޮންނާނެޔޭ ނުވަތަ ނޯންނާނެޔޭބުނެ ކުރާ ބަހުސްތަކެވެ. ޤާނޫނުގެ މާއްދާއެއްގައި ވަކި ކަމެއް ފުރިހަމަވަންދެން އެކަމެއްދެމި އޮންނާނެ ކަމުގައި ބުނާނަމަ ޝައްކެއްވެސް ނެތި އެކަން އެގޮތުގައި ދެމިއޮންނާނެއެވެ. ނަމަވެސް އެކަމެއް ކުރުމަށް ދީފައިވާ މުއްދަތު ހަމަވުމުން އެމުޅިކަން ބަދަލުވެގެންދާނެކަން ޤަބުލުކުރާންޖެހެއެވެ. މިސާލަކަށް ރައީސުލް ޖުމްހޫރިއްޔާގެ ޤާނޫނީ ހުވާ ހަމަކޮންމެ މީހަކު ކުރިޔަސް އެމީހަކަށް ރައީސްކަމުގެ މަޤާމާ އިނާޔަތްތައް ލިބޭން ޖެހޭނެހެއްޔެވެ؟ ރައީސްކަމުގެ ހުވާކުރެވޭނި ކާކަށްކަމާ ކޮންގޮތަކަށްކަން އަދި ކޮންހާލަތެއްގައިކަން ޤާނޫނުގައި ބަޔާންކޮށްފައިވާއިރު އެނޫންގޮތަކަށް އެކަން ކުރުމަކީ ޣައިރު ޤާނޫނީ ކަމަކަށް މެނުވީ ނުވާއިރު އިންތިޤާލީ މަރުޙަލާނިމުމުން އިންތިޤާލީ ކޯޓުތަކާއި ފަނޑިޔާރުންނާއި މަޤާމުތައް ހުންނާނީ މިޤައުމުގެ ކޮންތާކު ހެއްޔެވެ؟ އިންތިޤާލީ މުއްދަތު ނިމުމުން ދެން ހުންނާންޖެހޭނީ މިނޫން ތަންތަނާއި މަޤާމުތަކެވެ. މިއީ ހަމަބުއްދީން ވިސްނާއިރު ފެންނަގޮތެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބުކޮށް ނިމުމުން މަޤާމާ ހަވާލުވެވެނީ ﷲ ގަންދީ ހުވަޔެއް ކޮށްގެންނެވެ. އެހުވައިގައި އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތުމަށާއި ދިވެހި ޖުމްހޫރިއްޔާގެޤާނޫނުއަސާސީއާއި ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓުމަށް ﷲ ގަންދީ ހުވާކުރުމަށްފަހު މަޖްލިހަށްވަދެ ގޮނޑީގައި އިށީނދެވުމުން ރައްޔިތުންގެ ޙައްޤުން މުސާރައާއި އެހެނިހެން އިނާޔަތްތައް ހޯދައިގެން ތިމާމެންގެ އަމިއްލަ މަސްލަހަތައްޓަކައި ރައްޔިތުންގެ ޙައްޤުތައް ކަތިލައި މަސްމާރުކޭޓަކަށް އެމަޖްލިސްހަދައި ޤާނޫނުއަސާސީއިން ތިމާމެންނަށް ލާޒިމް ކުރާ ކަންކަން އެގޮތައް ނުކުރުމުން ދެން އެފަދަބަޔަކާމެދު ދީނީގޮތުންވެސް ޙުކުމެއް އޮންނާން ޖެހޭނެ ދޮގެއްތޯއެވެ.
މިޤައުމު މިއަޑިގަނޑުން ސަލާމަތްކުރުމުގައި ރާއްޖޭގެ ވަލީޔުލް އަމްރު ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާއަށް މިނުބައި ޢަމަލު ހިންގި ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުއްވުމަށާ ވެރިކަމުގެ އާރާ ބާރު ބޭނުން ކުރެއްވުމަށް މިފުރުސަތުގައި ގޮވާލަމެވެ. ޤާނޫނު އަސާސީ ޙިމާޔަތްކޮށް ދެމެހެއްޓުމަކީ ދިވެހި ދައުލަތުގެ ވެރިޔާއަށް ޤާނޫނު ލާޒިމްކުރާ ކަމެކެވެ. މިކަމަށް ހުރަސްއެޅޭނެ އެހެން މީހަކު ނުހުންނާނެއެވެ.