މެންބަރުންގެ ޚިޔާލު: ރަށު ކައުންސިލާއި އަތޮޅު ކަލައުންސިލް ބޯމަތިވަމުން އަންނައިރު މަޑަވެލި ދާއިރާ

9 އޮގަސްޓް 2010

ލިޔުނީ: މުއާޒް މުހައްމަދު (މޯލާ)

ވޭތުވެދިޔަ ދިގުތިރީސް އަހަރުގެ ޚުދުމުޚްތާރުވެރިކަން ނިމުމަކަށް ގެނައުމަށް އެމް.ޑީ.ޕީ އިސްވެ އޮވެ ދިވެހި ރައްޔިތުން ފެށި ދަތުރު މިހިސާބަށް އައިއިރު ޗެންޕިއަން އޮފްދަ އާރތް، މުހައްމަދު ނަޝީދާއި އޮޑި ހަވާލު ކޮށްފައިވީ ނަމަވެސް އެއޮޑީގެ އިންޖީނިއަރުންނާއި ފަޅުވެރިން ބަދަލުވެފައި ނުވެއެވެ. ދިވެހި ރައްޔިތުން މަގުމަށްޗަށް ނުކުމެ މައުމޫނު އިސްތިއުފާއަށް ގޮވައި ބަދަލަކަށް އެދި ގޮވަމުންދިޔައީ ހަމައެކަނި މައުމޫނު އަބުދުލްގައްޔޫމު ވެރިކަމުން ބޭލުމުގެ ނިޔަތުގައެއް ނޫނެވެ. ނަމަވެސް އިންސާނީ ހައްގުތަކާއި، އަދުލު އިންސާފާއި ރައްޔިތުން ބޭނުންވާ ތަރައްގީއަށް އެދިއެވެ.
ވެރިކަން ބަދަލުވެ ގާނޫނު އަސާސީގެ އިންތިގާލީ މަރުހަލާ ނިމުމަކަށް އައި އިރު މިއަދު އަޅުގަނޑުމެންނަށް ސާފުކޮށް ފެންނަން އޮތް ހަގީގަތަކީ ޚުދުމުޚްތާރު ވެރިކަމެއްގެ ޘަޤާފަތުގައި ޖެހިފައި ތިބި ބަޔަކު ދިވެހި ރައްޔިތުން މިއެދޭ ބަދަލަށް އިންކާރު ކުރާތަނެވެ. ފަނޑިޔާރުން ދާއިމީކުރުމާއި، ދިވެހިރައްޔިތުންގެ މަންފާއަށްޓަކައި މަޖިލީހަށް ހުށަހެޅިފައިވާ ބިލްތައް ލަސްކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތާއި ސިވިލް ސަރވިސް ގާނޫނަށާއި މާލިއްޔަތުގެ ގާނޫނަށް އިސްލާހުގެނެސް ސަރުކާރަށް ފިއްތުމަށްޓަކައި ގާނޫނު އަސާސީގެ ރޫހާ ޚިލާފަށް ކުރަމުންދާ މަސައްކަތާއި ވެރިކަމުގެ ހިޔަނީގައި އެތައް ފައިދާއެއްކޮށްފައިވާ ވިޔަފާރިވެރިންގެ ޓީވީ ޗެނަލްތަކާއި ޕަޕެޓްތައް ދައްކާ ވާހަކަތަކުން ދޭހަވާ މިހަގީގަތާއި މެދު ދިވެހި ރައްޔަތުން ނުހަނު ކަންބޮޑުވުން ފާޅުކުރަމުންދާ ހިނދު ކުރިއަށް އޮތް ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އިންތީޚާބު ބޯމަތިވަމުން އަންނަ މިދަނޑިވަޅުގައި ނުހަނު ސަމާލުވާން ޖެހެއެވެ.
މަޑަވެލި ދާއިރާއަކީ ތިނަދޫގެ ދެކުނު އަވަށާއި، މަޑަވެލި، ހޯޑެއްދޫ އަދި ނަޑައްލާ އެކުލެވޭ އިންތިޚާބީ ދާއިރާއަކަށް ވީހިދު މިދާއިރާގެ އެންމެ ބޮޑު އާބާދީއެއް ހިއްސާކުރަނީ މަޑަވެލި އަދި ތިނަދޫއެވެ. އިންތިޚާބުގައި ވާދަކުރުމަށް އެމް.ޑީޕީގެ ޓިކެޓަށް އެދިފައިވާ ފަރާތްތަކަށް ވިސްނާލާއިރު މިދާއިރާގެ ޓިކެޓަށް އެދި ހޯޑެއްދޫ މަޑަވެލި އަދި ތިނަދޫގެ އެމް.ޑީ.ޕީ މެންބަރުންވެސް ދަނީ ވަރަށް ވާދަވެރިގޮތަކަށް މަސައްކަތް ކުރަމުންނެވެ. އެމް.ޑީ.ޕީ އަކީ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ޕާޓީއަކަށް ވުމާއެކު އެއީ ހަމަ އެމް.ޑީ.ޕީގެ ފިކުރާއި ސިޔާސަތުކަން ކަށަވަރެވެ. މިކަމަށްޓަކައި އެމް.ޑީޕީގެ މެންބަރުން ނިހާޔަތަށް އުފާކޮށް ފަޚުރުވެރިވާނެއެވެ. އަތޮޅު ކައުންސިލްގެ އިންތިޚާބުގައި ޕާޓީގެ ޓިކެޓަށް އެދި ހަތަރު މެންބަރުން ވާދަކުރާއިރު ޕާޓީގެ ރޫހަށާއި ޕާޓީއަށް އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމަކަށް ވިސްނަންޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމް.ޑީ.ޕީއަށް މެޖޯރިޓީ ނުލިބުމުން ދިވެހިރައްޔިތުންނަށް މިޖެހުނު ދަތުރު ރަގަޅަށް ވިސްނައި މިއިންތިޚާބުން ފެއިލްވެއްޖެނަމަ ދިމާވެދާނެ ގޮންޖެހުންތަކަށް ސަމާލުވާންވާނެއެވެ.
ތިންރަށެއްގެ ކެންޑިޑޭޓުން ޕާޓީގެ ޓިކެޓަށް ވާދަކުރާއިރު ވަޠަނީ ރޫހެއް އުފައްދައި ޕާޓީގެ އުސޫކުތަކާއި ދެކޮޅަށް އެއްވެސް ކެންޑިޑޭޓަކު ކެންޕެއިން ކުރުމަކީ އެމް.ޑީ.ޕީގެ ވިސްނުންތެރި ޙިކުމަތްތެރި ކެރޭ މެންބަރުން ބަލައިގެންވާނެ ކަމެއްނޫނެވެ. ޒަމާނުއްސުރެ އުފެދިފައިވާ ވަތަނީ ބޯދާޚިޔާލާއި ވާދަވެރިކަމުގެ ޝިކާރައަކަށް މިއިންތިޚާބު ހެދުމަށް އިދިކޮޅު ޕާޓީތަކުން އެމް.ޑީ.ޕީ ކެންޑިޑޭޓުންނަށް ވަސްވާސް ދެމުންދާނެކަމާމެދު ސަމާލުވާން ޖެހެއެވެ. މިފަދަކަމަކަށް ފުރުސަތު ނުދިނުމަކީ މިއަދު ޕާޓީއަށާއި ގައުމަށްޓަކައި ކުރަންޖެހޭ ކަމަކަށްވާހިނދު ޓިކެޓަށް ވާދަކުރާ ކެންޑިޑޭޓުންގެ މާޒީއަށާއި ފިކުރު ހުރިނެތްގޮތް ދެނެގަތުމަކީވެސް ހަމައެހާމެ މުހިންމުކަމެކެވެ. ކެންޑިޑޭޓުން ޚުދުމުޚްތާރު ސަގާފަތެއްގައި ޖެހިފައިހުރި މިންވަރާއި ޕާޓީގެ އަސާސީ އުސޫލުތަކަށް ތާއީދުކުރާ މިންވަރާއި ކެންޑިޑޭޓުންގެތެރެއިން އިންތިޚާބުގައި ކާމިޔާބުކުރަން ފުރުސަތު ބޮޑު ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓްދިނުމުގައި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަން ނުގެންގުޅެފިނަމަ އިންތިޚާބުގައި މަޑަވެލި ދާއިރާ އެމް.ޑީ.ޕީ އަށް ގެއްލޭނެ ކަން ޔަގީނެވެ. މިއިންތިޚާބު އެމް.ޑީ.ޕީއަށް ގެއްލިއްޖެ ނަމަ އޮޑީގެ ކެޔޮޅަކަށް ވިސްނުންތެރި ކެޔޮޅެއް ހުއްޓަސް ހަލާކަށް މަސައްކަތްކުރާ ފަޅުވެރިން ހޮވި ގައުމު އަމާންބަދަރަކަށް ނުގެންދެވޭނެއެވެ. މިސަބަބަށްޓަކައި ޕާޓީގެ ޓިކެޓް ދިނުމުގައި ވަކިފަރުދެއްގެ ނުވަތަ ފަރުދުންތަކެއްގެ މަސްލަހަތަށް ނުވިސްނައި ޕާޓީގެ މަސްލަހަތު އިސްކުރުމަށް ޕާޓީގެ މެންބަރުންނަށް އަޅުގަނޑު ގޮވާލަމެވެ.