މެންބަރުންގެ ޚިޔާލު: އެމްޑީޕީގެ ވެރީންނާއި ލޮބުވެތި މެންބަރުން ވިސްނާން ވެއްޖެއެވެ. (1)

9 އޮގަސްޓް 2010

ލިޔުނީ: ފުނަމާ

އެމްޑިޕީގެ ވެރީންނޭ އަޅުގަނޑު މިލިޔުމުގައި މިބަޔާންކުރަނީ ކޮންމެ ބަޔެއްގެ ތެރޭގައިވެސް ބަސްކިޔާ ބަޔަކު އެބަޔެއްގެ މެދުން ކަނޑައަޅާފައިވާ އުސޫލުން މިޕާޓީއިންވެސް މެންބަރުން އިސްކުރައްވާފައިވާ ފަރާތްތަކަށެވެ. މިގޮތަށް ދެންނެވުމުގެ ބޭނުމަކީ އެމްޑީޕީއަކީ ޢާންމު މެންބަރުންނާއި ވެރީން ވަކިކޮށް ވަކި ޚާއްސަ ތަފާތުކުރުންތަކެއް ގެންގުޅުމުގެ އުސޫލުން އެއްކިބާވެ ޢާންމު މެންބަރުންނަކީ ކޮންމެ ކަމެއްގައިވެސް ބަސްބުނެ ޚިޔާލުފާޅުކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ލިބިފައިވާ ބަޔަކަށް ވާތީވެއެވެ. އެހެން ނަމަވެސް އެމްޑީޕީއިން މިއަދު ވެރިކަން ހިންގުމުގެ ބާރުގައި އޮންނަން ޖެހުމާއިއެކު ސަރުކާރުގެ އިސްމަޤާމްތައް ޙަވާލުވެފައިވާ ސިޔާސީ ފަރާތްތަކުން ވިސްނަން ޖެހޭނެ ކިތަންމެ ކަންތައްތަކަކާއި މެންބަރުން ވެސް ވިސްނަންޖެހޭނެ ކިތަންމެ ކަމެއް ހުންނާނެއެވެ.
މިސާލަކަށް އިދިކޮޅު ފަރާތްތަކުން މިއަދު މިޕާޓީ އާއި ދިމާކޮށް އެންމެ ބޮޑަށް ބުނެ އުޅޭ އެއްބަހަކީ މިޕާޓީއިން ވެރިކަމަށް އައުމަށްފަހުވެސް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރާ ވާހަކައެވެ. އަދި މިކަމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ވެރިކަން ކުރާ ޕާޓީއަކުން ކުރާކަމެއް ނޫންކަމުގައިވެސް ބުނެހަޖޫޖަހައެވެ.
ތެދުފުޅެކެވެ. ވަޅެއްގެ ތެރޭގައި ތިބޭ ހައެއްކަ ބޮކަށް ފެންނާނީ ހަމައެކަނި އެވަޅުގެ އެތެރެއެވެ. އެސޮރުމެންގެ ދުނިޔެއަކީ އެއީއެވެ. ނަމަވެސް އެވަޅުން ބޭރުގައި ދުނިޔޭގެ ބޮޑުބައި އޮތްކަން އެނގޭނީ އެވަޅުން އެރިގެންތާއެވެ. މިއަދު ދިވެހީންގެ ތެރެއިން ގިނަބަޔަކީ މިފަދަ ކަންކަން އޮޅުވާލެވޭ ވަރަށްވުރެ ބޮޑަށް ދުނިޔޭގެ ސިޔާސީ މަސްރަޚުގެ ކަންހިނގާގޮތް އެނގޭބަޔެކެވެ. ގައިމުވެސް އެމްޑީޕީގައި މިދެންނެވި ކަންކަމާމެދު ޣާފިލުވެފައިވާ ބަޔަކު ނުތިބޭނެއެވެ.
ދިވެހި ރާއްޖޭގައި އަމަލުކުރެވެމުންދާ ސިޔާސީ ޕާޓީތަކުގެ ޤަވާއިދުގެ ދަށުން ވެރިކަމުގައި އޮންނަ ޕާޓީއަކުން މުޒާހަރާ ނުކުރެވޭނެކަމަށް ބުނެފައެއް ނެތެވެ. އަދި މިޔަކީ ދުނިޔޭގެ އެހެން ޤައުމެއްގައިވެސް މަލްޓިޕާޓީ ޑިމޮކްރެސީއެއްގައި ހިފެހެއްޓިފައި އޮންނަ ޙައްޤެއް ނޫނެވެ. އަދި ޤައުމުގެ މަސްލަޙަތާއި ގުޅޭ މުހިންމު ކަންކަމުގައި އެމްޑީޕީއަކީ ކުރީސަފަށް ނުކުމެ ކުރަންޖެހޭ ކޮންމެކަމެއް ކުރަން ނުކެރޭނޭ ބައެއްކަމުގައި ދެކޭބަޔަކީ މޮޔަބަޔެކޭ އަޅުގަނޑު ކޮންމެހެން ނުދެންނެވިޔަސް ދިވެހިންނަކަށް އެކަން އޮޅިފައެއް ނޯންނާނެއެވެ. އެކަމަކު ޤައުމުގެ ޙައްޤުގައި ކޮންމެ ނުރައްކަލަކަށްވެސް މޭދިއްކޮށްލަން ތައްޔާރުވެނެތް އެންމެ މެންބަރަކުވެސް އެމްޑީޕީގައި ނުތިބޭނެކަން ކަށަވަރުކުރުމަށް މައުމޫނުގެ އަނިޔާވެރި ބަޑިތަކުގެ ކުރިމަތީގައި އެމްޑީޕީގެ ކެރިފޯރާ ޢަޒުމު ވަރުގަދަ މެންބަރުން އެތުރިލައި ފަތަޙަ ހޯދިކަން އެއީ ދަލީލެއް ކަމުގައި އަޅުގަނޑު ދަންނަވާނަމެވެ.

(ނުނިމޭ)