މައްޗަންގޮޅީ ހިތިލާގޭ ޢާއިޝަތު ޔޫސުފް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

9 އޮގަސްޓް 2010

މައްޗަންގޮޅީ ހިތިލާގޭ ޢާއިޝަތު ޔޫސުފް މިއަދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޢާއިޝަތު ޔޫސުފަކީ، ރާއްޖޭގެ ވިޔަފާރި ތަރައްޤީ ކުރައްވައި ކުރިއެރުވުމުގެ ދާއިރާގައި ވަރަށްގިނަ ދުވަހު ޚިދްމަތް ކުރައްވާފައިވާ އަލްމަރްޙޫމް ދިއްދޫ އިބްރާހީމް ކަލޭގެފާނު ކާވެނިބައްލަވައިގެންނެވި ބޭފުޅެކެވެ.

އަލްމަރްޙޫމާ ޢާއިޝަތު ޔޫސުފަށް 7 ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ، ފިރިހެން 4 ބޭފުޅަކާއި، އަންހެން 3 ބޭފުޅެކެވެ.

ޢާއިޝަތު ޔޫސުފް އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާދެމުން ދަނިކޮށް، އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އިންޑިޔާގެ ބެންގަލޯރުގެ ވޮކާޑް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރަކީ 73 އަހަރެވެ.

ޢާއިޝަތު ޔޫސުފް އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އެޢާއިލާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ފޯނުން ގުޅުއްވައި، މިޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި މިހިތާމައިގައި ބައިވެރިވެވަޑައިގެން، އެޢާއިލާގެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެޢާއިލާގެ ބޭފުޅުންނަކީ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވުމުގައި މިއަދުވެސް ދެމިތިއްބެވި ބޭފުޅުންކަން ފާހަގަކުރެއްވިއެވެ.