8 އޮގަސްޓް 2010
އިންތިޤާލީ މަރުހަލާގެ ސުންގަޑި ހަމަވިއިރު، އެ މަރުހަލާ ނިމެންވާއިރަށް ކޮންމެހެން ކުރުން ޤާނޫނު އަސާސީން ލާޒިމްކުރާ ކަންތައްތައް އިދިކޮޅު ފަރާތްތަކުގެ އަޣްލަބިއްޔަތު އޮންނަ މަޖިލީހުން ނިންމާފައި ނުވަނީ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ކަތިލަން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠޯރިޤް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްކޮންފަރެންސް އެއްގައި ޠޯރިޤް ވިދާޅުވީ ޢާއިލީގޮތުންނާއި، ސިޔާސީ ގޮތުން ޑީއާރުޕީގެ ތެރޭގައި ޢަބްދުﷲ ޝާހިދު ބާރު ގަދަވަމުންދާތީ ޑީއާރުޕީން ބޭނުންވަނީ ސިޔާސީ ގޮތުން ޢަބްދުﷲ ޝާހިދުގެ ބާރުކަނޑުވާލަން ކަމަށެވެ.
މި ނޫސް ކޮންފަރެންސްގައި ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކުރަން ހުރި ކަންތައްތައް ސުންގަޑިއަށް ނުނިމުމުން، މަޖިލިސް ފެއިލްވެފައިވާކަމަށް ޢަބްދުﷲ ޝާހިދުވެސް އެއްބަސްވެފައިވާ ކަމަށެވެ.
މިނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވީ، އުއްތަމަ ފަނޑިޔާރަކު އައްޔަންކުރުމުގެ ކަންތައް ނުނިންމައި މަޖިލިސް ކުރިޔަށް ނުގެންދެވޭނޭ ކަމަށެވެ. އަދި ސްޕްރީމް ކޯޓް އުފައްދަން ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށް އެމްޑީޕީން ތައްޔާރަށް އޮތްކަމަށާއި، އިންތިޤާލީ މަރުހަލާ ނިމުނު އިރު މިފަދަ ޤާނޫނީ މައްސަލަތަކެއް ކުރިމަތިމިވީ މަޖިލީހުގެ ރައީސްގެ ސަބަބުން ކަމަށް މޫސަ ވިދާޅުވިއެވެ.