ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވިދާނެ ގޮތްތަކާމެދު ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުގެ ރައީސާ މަޝްވަރާ ކުރައްވައިފި

8 އޮގަސްޓް 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާ މިއަދު ބައްދަލުކުރައްވައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވިދާނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިހާރު ކުރިމަތިވެފައިމިވާ ޤާނޫނީ މައްސަލަތަކުގައި މަޖިލީހުގެ ކަންކަން ގެންދެވުމުގައި މަޖިލީހުގެ ރައީސް ކުރައްވާ މަސައްކަތްޕުޅުތައް ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، މިހާރު ނުނިމިހުރި މަސައްކަތްތައް ކުރިއަށް ގެންދެވުމަށްޓަކައި ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރައްވައި، މަސައްކަތްތައް އަވަހަށް ނިންމަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޕާޓީތަކުގެ މެދުގައި ބާއްވަމުންގެންދަވާފައިވާ މަޝްވަރާތަކުގައި މިހާތަނަށް ގޮސްފައިވާ ހިސާބާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތުދެއްވިއެވެ.