މެންބަރުންގެ ޚިޔާލު: ދިވެހި ގައުމުގެ ކޮންޑަލީޒާ ރައިސް އައިޝަތު ވެލެޒިނީގެ ހިއްވަރަށް އައްސަރިބަހާ ސާބަސް.

8 އޮގަސްޓް 2010

ލިޔުނީ: ފުނަމާ

velezinee1

ރާއްޖޭގެ ތާރީޚަށް ބަލާލާއިރުވެސް ޤައުމީ ކަންކަމުގައި އަންހެން ބޭފުޅުންގެ ދައުރު ގެނެސްދެވިފައިވަނީ ނުހަނު ފަނޑުކޮށެވެ. ސަބަބެއްކަމުގައި ބެލެވެނީ ސިޔާސީގޮތުން އެކަނބަލުންނަށް ޙަރަކާތްތެރިވުމަށް ލިބިފައިވާ ފުރުސަތުތައް މަދުކަމެވެ. ހަމައެއާއެކު އެފަދަ ޚިދުމަތްތަކެއް ހުރިނަމަވެސް މާބޮޑަށް ފާހަގަކޮށް ހެދުމަކީ ރަނގަޅު ވިސްނުމެއް ކަމުގައި ކުރިން ބެލެވިފައި ނެތީއެވެ.
އަންހެނުން، ކަމެއްގައި މާބޮޑަށް ތެދުވެ އަޑުއުފުލާނަމަ މުޖުތަމަޢު ގިނަފަހަރަށް އެއަންހެނަކާމެދު ދެކޭގޮތްވެސް ތަފާތެވެ. އެފަރާތެއްގެ މަސައްކަތް ވަޅުޖައްސާލައި ފަސްލުމާއެކު އެފަރާތަކަށް މަލާމާތުގެ އިނގިލި ދިއްކުރުމަކީ ރާއްޖޭގައި އޮތް ޖިންސީތަފާތުކުރުމުގެ އަލިގަދަ ހެއްކެކެވެ.
ފަހުގެ ދުވަސްތަކަށް ބަލާއިރު ފާޅުކަން ބޮޑުގޮތެއްގައި ސިޔާސީކަންކަމުގައި އަންހެން ބޭފުޅުން ވަރަށް ފުރިހަމަ އެހާމެ މުހިންމު ދައުރެއް އަދާކުރަން ފަށާފައިވެއެވެ. އެގޮތުން ޝަރަފްވެރި ބައިނަލްއަޤްވާމީ އެވޯޑެއް ކަމަށްވާ “ވިމެން އޮފް ކަރޭޖް” ގެ އެވޯޑް ޙާސިލްކުރައްވާފައިވާ، އެމްޑީޕީގެ މިހާރުގެ ޗެއަރ ޕާރސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއަކީ ވަރަށްބޮޑަށް ފާހަގަކުރެވުނު އެހާމެ މަޤްބޫލު، ސިޔާސީ ޝަޚްސިއްޔަތެކެވެ. މައުމޫނުގެ ސަރުކާރުގެ ސިޔާސަތާ އިދިކޮޅަށް ދިވެހި އަންހެނުން ރޭވި ޤައުމީ މުޒާހަރާގައި ފިސާރި ކެރިވަޑައިގެން ދިދައުފުއްލެވި ޖަޑިބެއްގެ ގޮތުގައި މާރިޔާ އެނުކުންނެވި ނުކުންނެވުމަކީ އެކަމަނާގެ ފަހަތްޕުޅުން އެތައް އަންހެނުންނެއް ސިޔާސީ ވެއްޓަށް ނުކުންނަން ފެއްޓެވި ކަމެކެވެ.
ސިޔާސީގޮތުން ނޫންނަމަވެސް ތިމާޔާ ޙަވާލުވެފައިވާ ޤައުމީ މަސައްކަތްތަކުގައި ފާޅުގައި އަޑުއުފުލައި އެކަންކަން ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރަންކެރޭ މީހުންނަކީ މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި މާގިނަ ބަޔެކޭ ދެންނެވޭކަށް ނެތެވެ. ނަމަވެސް ތިމާގެ އަމިއްލަ މަސްލަޙަތެއް ދިފާޢުކުރުމުގެ ގޮތުން ކަމެއް ކޮންމެގޮތަކަށް އޮތްނަމަވެސް ތިމާބުނާ ބަހެއް ހިފަހައްޓާ ޤާނޫނާއި ޤަވާޢިދުތަކަށް އަދި، ޢާންމު ރައްޔިތުންގެ މަސްލަޙަތަށް ބަލާލުމެއްނެތި ފާޅުގައި ގޮންޖަހަމުން ގެންދާ ފަރާތްތަކަކީ މިއަދަކު މިޤައުމުގައި މަދުބަޔެކޭ ދެންނެވޭކަށް ނެތެވެ.
އައިޝަތު ވެލެޒިނީގެ ނަންފުޅު މިއަދު އަޅުގަނޑު މިފާހަގަކޮށްލަނީ އެކަމަނާގެ ހިއްވަރުގަދަކަމާއި، އިސްނެންގެވުމާ ތެދުވެރިކަމާ ނުގުޑާފަދަ އަޒުމުގެ ސަބަބުންނެވެ. ނޫސްވެރިކަމުގެ ދާއިރާއިން، ޚާއްސަކޮށް އައްޑުވަހުގެ އެޑިޓަރުގެ ހައިސިއްޔަތުން މަދުބަޔަކަށް ދަސްވި ވެލެޒިނީގެ ނަންފުޅަކީ މިއަދު މިޤައުމުގެ އެންމެހާ ރައްޔިތުންގެ ދުލުކުރީގައި ލިޔެވިފައިވާ ދުލަށް ފަރިތަ ނަމަކަށް މިވަނީ ވެފައެވެ.
ޖޭ އެސް ސީ އަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރެއްގެ ޙައިސިއްޔަތުން ވެލެޒިނީ މަސައްކަތް ފެއްޓެވި ނަމަވެސް ޖޭއެސް ސީ އަކީ ފެށުނީއްސުރެ ހަފަރާތުން ސީލްކުރެވިގެން އެކޮމިޝަންގެ އެއްވެސް މަސައްކަތެއް ޢާންމުންނަށް އެނގި ހާމަވެގެން ނުދާގޮތަކަށް މަސައްކަތް ހިންގަމުން ގެންދިޔަ މުއައްސަސާ އެއްކަމުން ރައްޔިތުން ތިބީ އެކޮމިޝަންގެ މަސައްކަތުގެ މައްޗަށް ޣާފިލްވެފައެވެ. ނަމަވެސް މުޅިޤައުމުގެ މަސްލަޙަތު އެކަމަކާ ގުޅިފައިވާ ޢަދުލު އިންސާފުގެ ކަންކަން ވިލަރެސް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަން ޙަވާލުކޮށްފައިވާ މިކޮމިޝަން ސިޔާސީ ނުފޫޒުގައިޖެހި ކޮމިޝަންގެ ބައެއް މެންބަރުންގެ ޒާތީ މަސްލަޙަތާ އެއްގޮތަށް ބޭނުންގޮތަކަށް ކަންކުރަމުން ދިޔައިރު މިކަމާ ވިސްނާ ފިކުރުކުރާކަށް އެއްވެސް މީހަކަށް ނޭނގުނެވެ. އިންތިޤާލީ މަރުޙަލާ ނިމޭއިރު އެކޮމިޝަނުން ކުރަންޖެހޭ ކަންކަން ޤާނޫނީ އިމުގެ ތެރެއިން އޮމާންކޮށް ކުރުމަށް ހަދަންޖެހޭ ޤާނޫނުތައް ހެދުމަށް ކަނޑައެޅިގެން ފަރުވާ ކުޑަކޮށް އެޤާނޫނުތައް ނުހެދި ހުރުމުގެ ފައިދާ ނާޖާއިޒުގޮތުގައިނަގައި އެކޮމިޝަންގެ މުސްތަޤިއްލުކަމަކީ ކޮމިޝަންގެ ރައީސް ހިތުހުރި ގޮތަކަށް ކަންކަން ކުރުންކަމުގައި ހަދައި ރާއްޖޭގެ އަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރަކީވެސް ރައްޔިތުންގެ މަޖިލީހެކޭ އެއްގޮތަށް ވެރިކަން ހިންގާބާރުގެ ވައިނޮޅީގައި ތާށިކުރާ ދައްޗެއްގެ ގޮތުގައި ފަރުމާ ކުރުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ.
އިންތިޤާލީ މަރުޙަލާގެ ސްޕްރީމް ކޯޓަށް އައްޔަންކުރެވިފައިވާ ވަޤުތީ ފަނޑިޔާރުންގެ ބެންޗަކީ ދާއިމީ ބެންޗަކަށް ސްޕްރީމް ކޯޓުން އަމިއްލަޔަށް ރޫލިންގ ނެރެމިކަން ޙަޤީޤަތަކަށް ހެދޭނީ ޖެއެސްސީގެ ބާރާ ނުފޫޒު ބޭނުންކޮށްގެން ކަމުގައި ބަލައި ރާއްޖޭގެ ޤާނޫނަކަށް ޤަވާޢިދަކަށް ބައިނަލް އަޤްވާމީ ދުނިޔޭގެ އިލްތިމާސްއަކަށް، އަދި ޢާންމުރައްޔިތުންގެ ކަންބޮޑުވުމަކަށް” ކަހެރުވަކެކޭވެސް” ހީނުކޮށް ކަންކުރަމުން ގެންދިޔަ ނުލަފާ ރޭވުންތައް ތޮށިގަނޑު ފަޅާލައި ބޭރުކޮށް ޢާންމުންނާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ވެލެޒިނީ އެކުރެއްވި މަސައްކަތްޕުޅަކީ އެކަމަނާގެ ނުގުޑާފަދަ އަޒުމާ ހަރުދަނާކަމުގެ އިތުރުން އެކަމަނާގެ ތެދުވެރިކަން ހާމަވެގެން ދިޔަ ކަމެކެވެ. ތިމާޔާ ޙަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރުމަކީ މުސާރަ ޖީބަށްލައިގެން އަރާމުގައި ހިހޫތަނުން ކާލައިގެން ހުރުންނޫންކަން ވެލެޒިނީ ފިސާރި ރަނގަޅަށް ސާބިތުކޮށްދެއްވައިފިއެވެ. ސާބިތުކަމާއެކު ރައްޔިތުންގެ މެދަށް ނުކުންނަވައި ތިމާގެ ވާޖިބަކީ ކޮބައިކަން ދެނެހުންނަވައި އެވާޖިބު އަދާ ކުރައްވައިފިއެވެ. ޖޭއެސްސީގެ ރައީސްގެ މަކަރުވެރި ރޭވުންތަކާއެކު މުޅި ޤައުމުގެ އަދުލްއިންސާފު ޤާއިމް ކުރުމުގެ ދާއިރާ ނުވަތަ، ބާރު ގޮއްވާލުމަށް ހަރުކުރި ބޮމުގެ ކައުންޓްޑައުން ނުނިމެނީސް ޑިފިޔުޒް ކޮށްލެއްވިއްޔޭ ބައެއްމީހުން އެބުނާގޮތަށް އެރޭވުންތައް ރައްޔިތުންގެ ސަމާލުކަމަށް ގެނެސްދެއްވުމުގައި ވެލިޒިނީ އެކުރެއްވި ހިއްވަރުގަދަ މަސައްކަތްޕުޅު ފާހަގަ ކުރެވިގެން ހިނގައްޖެއެވެ. ނޫންނަމަ އިންތިޤާލީ މަރުޙަލާ ނިމޭއިރަށް އިދިކޮޅު ފަރާތްތަކުން އެދޭގޮތަށް ސަރުކާރުގެ ލޭހިނގުން ހުއްޓުވާލައި ނޭވާހޮޅި ބުރިކޮށްލުމުގެ މަސައްކަތް ރޭވުންތެރިކަމާއި ސިއްރުވެރި ކަމުގައި އެކޮމިޝަނުން ކޮށް ނިންމާލީހެވެ.
ވެލެޒިނީގެ ބުރަމަސައްކަތްޕުޅުން ވަޤުތުގެ ކުރީން މިކަން ރައްޔިތުންނާއި ސަރުކާރުގެ ސަމާލުކަމަށް ގެނެސްދެއްވުމަށް އެވެވަޑައިގެންނެވި ޤުރުބާނީއާއި ކުރެއްވި ގިނަގުނަ މަސައްކަތް ތަކަކީ ރާއްޖޭގެ އަންހެން ކަނބަލުންގެ ތެރެއިން އެފަދަ ކިތަންމެ ވެލެޒިނީއެއް އުފަންވުމަށް ކޮށްޓަވާދެއްވި މަގެއްކަން ގައިމެވެ. ދިވެހި އަންހެން ކަނބަލުން ޚާއްސަކޮށް ޤައުމަށްޓަކައި ހެޔޮއެދޭ ޤައުމުގެ ކުރިމަގާމެދު ވިސްނާ ކިތަންމެ އަންހެން ބޭފުޅުންނެއް ވެލެޒިނީ މިދައްކަވައިދެއްވި ނަމޫނާއިން ބާރުލިބިގެން ފަޚުރުވެރިކަމާއެކު އިސްއުފުލާލައްވާނެކަން ކަށަވަރެވެ.
މިފުރުސަތުގައި ދިވެހި ގައުމުގެ ކޮންޑަލީޒާ ރައިސް ކަމަށް ގިނަބަޔަކުދެކޭ ވެލެޒިނީއަށް އިންތިހާޔަށް ޝުކުރުވެރިވެ ތިޔަގޮތުގައި ދެމިހުންނެވުމަށް ގޮވާލަމެވެ. އަދި ތިކުރެއްވި މަސައްކަތްޕުޅަށް އައްސަރިބަހާ ސާބަސް ދަންނަވަމެވެ. ހަމައެކަނި އަޅުގަނޑުގެ ނަމަކު ނޫނެވެ. އެމްޑީޕީގެ އެންމެހާ މެންބަރުންނާއި ގައުމަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުގެ ނަމުގައެވެ.