ދޭދޭވާހަކަ: ޙަޤީޤަތެއް ނަމަ ކިހާ ރަގަޅުދޯ !!!

8 އޮގަސްޓް 2010

މީހުންގަނޑު ހޯބޯލަވަމުން ދުވާތީވެ އަހަރެންވެސް އެމީހުން އެދާދިމާލަށް ދުއްވައިގަތީމެވެ. ކުއްލިޔަކަށް ކުޑަކުއްޖަކު އަހަރެންގެ ކުރިމައްޗަށް އެރުމުން އެކުއްޖާގެ ގައިގައި ޖެހިދާނެތީވެ ހުއްޓެން ޖެހިއްޖެއެވެ.
” ބަލަ ފުނަމާ ބާރަށް ދުވެފައި ހިނގާބަލަ” ގޭދޮށު ކުއްޖެއް ކަމުގައިވާ “ޗަސްމީން” އަހަރެންގެ ކައިރިން ކުރިޔަށް ދުވެފައި ދަމުން އަހަންނަށް ގޮވާލިއެވެ.
“އޭތް ބަލަ މަޑުކޮށްލަބަލަ ތިދުވަނީ ކީއްވެގެންތަ؟” އަހަރެން ޗަސްމީންގެ ފަހަތުން ދުއްވައިގަންނަމުން މިވާގޮތެއް އޮޅުންފިލުވުމަށް ސުވާލު ކޮށްލީމެވެ. އެކަމަކު ޖަވާބެއް ނުދީ ރަނޑުގޮތަކަށް އޭނާ ދާންފެށުމުން އަހަރެންވެސް ފަހަތުން ދުވީއެވެ. އެގޮތަށް ފަސްވަރަކަށް މިނެޓު ދުވުނު ފަހުން ބަޔަކު އެއްވެތިބި ހިސާބަކަށް ދެވިއްޖެއެވެ.
މުސްކުޅި ވަރެއްގެ މީހެއްކައިރިޔަށް ޖެހިލައި “މިއީ ކޮންކަމެއްތޯ” އަހާލީމެވެ. އެމީހާ އަހަރެންނާދިމާލަށް ބަލާލާފައި ކަލޭ ތިއުޅެނީ މިޤައުމަކު ނޫންހޭ އަހާލިއެވެ.
” މިއީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްނޫންތަ ! ކަލޭވެސް އަޑުއަހަން ހުރެބަލަ. މިހާރު އެއުޅެނީ ފެށެން.” އެބޭ ބޮލަށް އުނދަގޫވެފައި ހުރިގޮތަކަށް ބުނެލިއެވެ.
އަހަރެންވެސް ތަންކޮޅެއް އިސްކޮޅުން ކުރު މީހެއްގެ ކައިރިއަށް ޖެހިލައި ބަލާލީމެވެ. ބޮޑު މޭޒެއްގެ ކައިރީގައި ވަރަށް އަރާމު ގޮނޑިތަކެއްގައި ބަޔަކު އިށީނދެ ތިބިއިރު އެންމެ ވައްތަރީ ފެންސީޑްރެސް ޝޯއަކާއެވެ. ބައެއްމީހުން ކޮނޑުކެނޑިޔާ ސޯޓުބުރީގައި ތިބިއިރު އަނެއްބަޔަކު ގަޔަށް އެއްޗެއްނުލާ މުންޑު އަރުވާޖަހާލާފައެވެ. ދެތިންމީހަކު ފަރަންޖީންހެން ކޯޓުފަޓުލޫނުގައިވެސް ތިއްބެވެ. މޭޒު މަތީގައި ފާޑުފާޑުގެ މޮޑުންގަނޑު ގަނޑު ތަބައްތަކަށް އަޅާފައި ހުރިއިރު ކައިރީގައިހުރި މޭޒެއްގެ މަތީގައި ތަރުމޯޒުތަކަކާއި ޖޯޑުތަކެއްވެސް ހުއްޓެވެ.
އިރުކޮޅަކުން ބޮޑު،ސުއްޓާއެއް ޖަހާފައިހުރި ފިސާރި ބަނޑުބޮޑުމީހަކު އައިސް ކޮޅުގޮނޑީގައި އިށީނދެއްޖެއެވެ. ތަލައިން އަޅާ ދަޅައިން ލޯދިމާކޮށްލާކަށް ނުކެރެއެވެ. ނަސީބަކުން އަޅާފައިހުރި ހެދުމުން އިންސާނެއްގެ ސިފަޖަހައެވެ. ހީވަނީ މުޤައްރިރުހެންނެވެ.
” މިދެން ކިހާބޮޑު ކަމެއްތަ؟ މިހާރު އަހަރެމެން އައިސް މިތާ ތިބޭތާ ކިހާއިރެއް މިވަނީ”؟ އެތާއިން ފިސާރި ކަޅު ވަރުގަދަ ފަލަ ސޮރަކު މޭޒުމަތީގައި ގޮށްމުއްކަވާފައި ޖަހަމުން ހަޅޭއްލަވައިގަތެވެ. މުސާރަ **އަޅައިގެން ކޮންތާކަށް **އޮވެފަތަ ތިއައީ” އެސޮރު ފިސާރި ބާރަށް އަހާލިއެވެ. އެކަމަކު މިއޮއް ހުރިހާ އިރު އެސޮރު އިނީ ޝަކީރާގެ ” ވަކާވަކާ” ލަވަ ކިޔާށެވެ. ކަމަކާ ކަންބޮޑުވެ ދޮންބޮޑުވެފައި އިންހެނެއް ގައިމު އޭރަކު ހިޔެއް ނުވެއެވެ.
” އިއްޒަތްތެރި މެންބަރު އިއްޒަތްތެރި މެންބަރު! ތިޔައީ މުޤައްރިރާ މުޚާތަބުކުރެވޭނެ ބަހުރުވައެއްނޫން އަޅުގަނޑު ޖަވާބެއް ނާރުވާނަން. އެކަމަކު މިހިސާބުން ކޮމެޓީގެ މި ބައްދަލުވުން ފެށުނީ”! މުޤައްރިރު ވާހަކަދައްކަމުން ދިޔައިރުވެސް ގޮނޑިތަކުގައި ތިބި މީހުން އެމީހަކާ އެމީހެކެވެ. މޮޑުނު ފާރޮށްޓާ މާފުށާ ކަމުން ބައެއްމީހުން މޭޒުމައްޗަށް ފައިނަގައިގެން އަނެއްބަޔަކު ގޮނޑީގައި ދެފައި ވަށްކޮށްލައިގެން ކައިރީގައި އިންނަ މީހާޔާ ނޫނީ ކުރިމަތީގައި އިންނަ މީހާޔާ އަނގަތަޅާ ނަގަނީއެވެ. މިމީހުންގެ ތެރޭގައި އަންހެނަކުވެސް އިނެވެ.
“ކޮބާ ގޯޅިދާއިރާގެ މެންބަރު ތިމައްސަލަ ހުށައަޅުއްވަބައްލަވާ” މުޤައްރިރު އެތަނުން މީހަކާ ދިމާލަށް ބުނެލިއެވެ.
“ކޮން މައްސަލައެއް. އެއް މައްސަލައެއްވެސް ހުށައެއް ނޭޅޭނެ މިއީ ކަލޭމެންގެ ޕާޓީން މައްސަލަ ހުށައަޅަން އޮތް ކޮމެޓީއެއް ނޫން މިކޮމެޓީގަޔާ އެހެން ކޮމެޓީ ތަކުގަވެސް މެޖޯރިޓީ އޮންނާނީ އަހަރެމެންނަށް. ފާޑުފާޑުގެ މައްސަލަ ހުށައަޅާނެ ކަމެއް ނެތް މިފަހަރު ހަމަ ވައްޓާލާނަން.” އެއްކަލަ ކުރީންވެސް ހަޅޭއްލެވިމީހާ މުޤައްރިރާ ދިމާލަށް އަތްހޫރަމުން ގޮވާލިއެވެ.
” ކަރާދާއިރާގެޢިއްޒަތްތެރި މެންބަރު އެވިދާޅުވީ ފިޝާރި ތެދުވާހަކަފުޅެއް އަޅުގަނޑުވެޝް މިދަންނަވަނީ މިއަކީ މިކަހަލަ މަޝްއަލަ ހުށައަޅާކަށް އޮތް ކޮމިޓީއެއް ނޫން” އެމީހަކު އަނގަވަށް ކޮށްގެން އިނދެ، ޝ ފާޅުކުރަމުން ވާހަކަދެއްކިއެވެ.
” ޗަސްބެ އެބުނީ ރަނޣަޅަށް” އެހެންމީހަކު އެބަހަށް ބާރުދިނެވެ. “މިކޮމެޓީޣަ ދެއްޣޭނީ އަޣަރެމެން ބޭނުން ވާޣަކަޣެއް” މުޣައްރިޣު ތިޣުރީ ޣަމަޣޭޣަތަ؟ މިވާޣަކަ ދައްޣާޣައްނޫން މިޣުޅެނީ.” މިމީހަކު ޣައިނު ކިޔާވަރުން ހިނިވެސް އައެވެ.
” މިކޮމެޓީއަށް މިއަދު މިމައްސަލަ އޮންނާނީ އެޖެންޑާ ކޮށްފަ އެހެންވީމަ މައްސަލައާއިގެން ކުރިޔަށް ދިއުމަށް ފުރުސަތު ދެއްވާ” މުޤައްރިރު އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
” ނިކަން ގެންގޮސްބަލަ ނުގެންދެވޭނެ!” އެމީހަކު މިހެން ބުނަމުން މޭޒުމަތީގައި ޖެހިބޮނޑީގައި މޭޒުމަތީގައި ބަހައްޓާފައިހުރި ކޮފީތަށި ބުރައިގެން ގޮސްޖެހުނީ ކައިރީގައިއިން އަންހެން ކުއްޖާގެ އުނގުތެރެއަށެވެ. އިރުކޮޅަކުން އެއްކަލަ ކަޅު ސޮރު ތެދުވެ ނިކަން ބާރަށް މުޤައްއަރުގެ ކަންފަތްބުޑުގައި ވަކާވަކާ ލަވަކިޔަން ފެށިއެވެ. މިސޮރަށް މާ ކުއްޖާ އޭ ވެސް ކިޔައި އުޅެތެވެ. މިސޮރު އެލަވައެއް އެކިޔަނީ މުޤައްރިރަށް ކޮމިޓީ ކުރިޔަށް ގެންދިޔަ ނުދޭށެވެ.
ކުއްލިއަކަށް މީހުންގަނޑު ހޯބޯލަވަން ފަށައިފިއެވެ.” އަނހާ ރޮޖޭ ރޮޖޭ ފިހުނީތަ !؟ ލަވަކިޔުން ހުއްޓާލުމަށްފަހު މާކުއްޖާ ތެޅިގެންފައި އެރޮޖޭގެ އުނގަށް ފެންޖަގު ކަމަށް ހީކޮށް ސައިޖަގު އޮއްސާލައިފިއެވެ. ރޮޖޭ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެ މަންޖެ އައި ރުޅިން ކައިކައިއިން ފާރޮށިތަށި ހޫރާލުމުން ގޮސްޖެހުނީ ކުރިމަތީގައިއިން މީހާގެ މޫނުމަތީގައެވެ. ދެނަކާ ދެނެއްނެތެވެ. އެމީހަކު އަތުޖެހުނު އެއްޗެއް އުކާން ފަށައިގެންފިއެވެ. މުޤައްރިރަކަށް އިންމީހަކު “ޢިއްޒަތްތެރި މެންބަރުން ޢިއްޒަތްތެރި މެންބަރުން އައްދިއްޔޯއި އައްދިއްޔޯއި ” ގޮވަމުން ބުޅަލުބުޑުގައި އުނބުން ޖެހިހެން ދުވެ ފިލައިފިއެވެ.
އުކާއެއްޗެހިތައް ގިނަވެ ކުޅިބަލާންތިބި މީހުންގަނޑާ ދިމާލަށް އަންނާންފެށުމުން އަހަރެން އަވަހަށް ދުއްވައިގަތީ އެތަނުން ދުރަށްދާށެވެ. ތަންކޮޅަކަށް ދުވުނުތަނާ ” ބަލަބަލަ ތިދުވަނީ ކޮންތާކަށްހޭ؟” މީހަކު ގޮވާލި އަޑުއިވުމުން ހުއްޓިފައި ބަލާލިއިރު އަހަރެންނާއެކު ދަތުރުކުރާން އުޅުނު ” ޗެންކޯ ” ބަޔަކު އެއްކޮށްގެން ހުއްޓެވެ. އަހަރެން ޗެންކޯ ކައިރިޔަށް މަޑުކޮށްލައި މިފެނުނު ކަންތައް ކިޔާދޭން އުޅުނީމަކާ އޭނާ އެވާހަކަ އަޑުއަހާކަށް ވަޤުތެއް ނުދިނެވެ.
” އެހަށް މިފޯނަށް ގުޅާލަބަލަ ” ޗެންކޯ އަހަންނާ ދިމާލަށް ބުންޏެވެ.
” ކީއްކުރަން ހެއްޔެވެ؟” އަހަރެން ސުވާލު ކޮށްލީމެވެ.
” ނިކަން މަގޭ ނަންބަރާ ގުޅާލަ ބަލަ” އޭނާ ބާރުއަޅާ ކުރުނުކޮށްގެން އަހަރެން އޭނަކިޔައިދިން ނަންބަރަށް މަގޭ ފޯނުން ގުޅާލައިފީމެވެ. ރިންގު ޓޯންއަކަށް އަޅާފައިވަނީ ރައީސުލް ޖުމްހޫރިއްޔާއެއްގެ ހުވާގެ ބަސްތަކެވެ. އަޑުއަހާ ނިމުމުން އަހަރެން ފޯނު ކަނޑާލާފައި ޗެންކޯއާއި ދިމާލަށް ބުނީމެވެ. “މިއީ ރައީސްގެ ހުވާގެ ބަސްތަކެއް ނު؟”
” އަސްތާ އެހެންތޯ! ” އެތާތިބި އެންމެން ގަނޑު މަރުހަބާ މަރުހަބާއޭ ގޮވަމުން އަހަރެން ވަށާލައިފިއެވެ.
ޗެންކޯ ވަރަށް އުފަލުން އައިސް އަހަރެންނާއި ސަލާމް ކޮށްލައިފިއެވެ. އަހަރެން ވާނުވާ ނޭނގި ދެލޯބޮޑުކޮށްގެން ހުރީމެވެ. ” މިނަންބަރަށް ގުޅީމަ އެކިފަހަރު އިވޭނީ އެކިހުވައިގެ އަޑު މިއީ މިހާރު ފޯނުންދޭ ޚިދުމަތެއް. އެމީހަކަށް އެއިވޭ ހުވަޔަކާ ގުޅޭ މަޤާމެއް އެމީހަކަށް އެލިބުނީ މިއަދު މިހާރު ފަސްދޮޅަހަކަށް މީހުންނަށް ފަނޑިޔާރުކަންވެސް މިގޮތަށް ލިބިއްޖެ އެކަމަކު މަނިކުފާނުތީ މިއަދު ފުރަތަމަ ރައީސްކަން ލިބުނު ބޭފުޅާ މަރުޙަބާ މަރުޙަބާ!”
އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައި ހުރެވުނީއެވެ. ކުއްލިޔަކަށް މާފަތިތަކެއް ހިފައިގެން މާރީތި އަންހެން ކުދީންތަކެއް އައިސް މަގޭ ކަރުގައި އަޅުވަން ފަށައިފިއެވެ. ވަރަށް ޒީލަ ވަހެއް ހުރިމާތަކެއް ކަމުން އަހަންނަށް ކިނބިއްސެއް އެޅިއްޖެއެވެ. ކިނބިހި އެޅިގެން ދިޔަވަގުތު ލޯމެރިފައި ހުޅުވުނު އިރު މިއޮވެވުނީ ސިޓިންގް ރޫމްތެރޭގައިހުރި ސޯފާގެ މަތީ ހުރަހަށެވެ. އަޖައިބުވެގެން ވިސްނާލީމެވެ. ޓީވީ އަޅުވާލައިގެން ޚަބަރުބަލަން އިންދާ ނިދިޖެހުނީތާއެވެ. ތެދުވެ ހިންދަމާލަމުން ހިތަށް އެރިއެވެ. ނިދީގައި މިދެވުނު ޤައުމު އެއުޅެނީ އަހަރެމެންނަށްވުރެވެސް ކުރީގަތާއެވެ؟ އެކަމަކު ހުވަޔެއްގެ އަޑު އިވުނީމާ ވެރިކަމާ ފަނޑިޔާރުކަމާ ލިބޭ ޤައުމެއް އޮންނަނަމަތާއެވެ. ވަރަށް ބެސްޓްގޮތެކެވެ. މީ އަޅެ ހަޤީގަތެއް ނަމަ ކިހާ ރަގަޅުދޯއެވެ.