އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ ޕޮލިސީ ޓީމުން މެލޭޝިޔާގައި ތިބި ދިވެހިންނާއިއެކު ބައްދަލުވުމެއް ބާއްވައިފި

IMG_5418

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދުގެ ޕޮލިސީ ޓީމުން މެލޭޝިޔާގައި ކިޔަވަމުންދާ އަދި ދިރިއުޅެމުންދާ ދިވެހިންނާއި ބައްދަލުކޮށްފިއެވެ. އިއްޔެ (17
އޮގަސްޓް 2013)ހަވީރު މެލޭޝިޔާގައި ބޭއްވުނު ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ޕެޓަލިންގ ޖާޔާގެ ޕިކާޑިލީ ހޯލުގައެވެ. މިބައްދަލުވުމުގައި ޕޮލިސީ ޓީމުގެ މުގައްރިރު މަހްމޫދު ރާޒީގެ އިތުރުން އެހެން މެންބަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ޕޮލިސީ ޓީމުންވަނީ ވަކިވަކި މެނިފެސްޓޯތަށް އެކުލެެވިގެންވާ ގޮތާއި އެމެނިފެސްޓޯގެ ސަބަބުން ރައްޔިތުންނަށް ކުރާނޭ ފައިދާތަކުގެ މައްޗަށް ވަރަށް ތަފްސީލްކޮށް މައުލޫމާތު ދެއްވާފައެވެ. މިގޮތުން ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުންވަނީ މެނިފެސްޓޯތަކާއިމެދު ހުރި ސުވާލުތައ ޕޮލިސީ ޓީމާއި ހިއްސާކުރައްވައިފައެވެ. އަދި އެބޭފުޅުންގެ ސުވާލުތަކަށް ޕޮލިސީ ޓީމުން ވަރަށް ތަފްސީލްކޮށް ޖަވާބު ދެއްވައި މެނިފެސްޓޯގައި ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައިވެެއެވެ.

މިބައްދަލުވުމުގައި ތަފާތު އޭރިޔާތަކުގެ 92 ފަރާތަކުންވަނީ ބައިވެރިވެފައެވެ. އަދި އެ ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެނިފެސްޓޯތަކާއި ސިޔާސަތުތަކަކީ 2013ގެ އިންތިޚާބަށް ކުރިމަތިލާފައިވާ ހުރިހާ ޕާޓީތަކުގެ ތެރެއިން އެންމެ ފުރިހަމަ އަދި ރައްޔިތުންނަށް މަންފާކުރާނޭ ސިޔާސަތުތައްކަމަށެވެ.