ވަޒީފާއާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި

2 އޮގަސްޓް 2010ވި ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރެއްވި ވަޒީފާއާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިޢު ކުރައްވައިފިއެވެ.

މި އިޞްލާޙަކީ ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ ދެއްވުމުގައި ޢަމަލުކުރަންވީ ގޮތަށް ގެންނެވި އިޞްލާޙެކެވެ. މި އިޞްލާޙުގައިވާ ގޮތުން ވަޒީފާއަދާ ކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާންމަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާންމަސް ފެށުމުގެ ކުރިން އެމީހަކަށް ލިބޭ މުސާރައިގެ ތިންބައިކުޅައެއްބައި ދޭންވާނެއެވެ. މުސާރައިގެ ތިންބައިކުޅައެއްބައި ދެހާސްރުފިޔާއަށްވުރެ މަދުނަމަ ލިބޭނީ ދެހާސްރުފިޔާއެވެ. މުސާރައިގެ ތިންބައިކުޅައެއްބައި ދިހަހާސްރުފިޔާއަށްވުރެ ގިނަނަމަ، ލިބޭނީ ދިހަހާސްރުފިޔާއެވެ.

މި ދެންނެވި ގޮތުގެ މަތިން ރަމަޟާންމަހުގެ ޢިނާޔަތް ދިނުމުގައި ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާ އެންމެހާ ފަރާތްތައްވެސް ހިމަނަންވާނެ ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.