8 އޮގަސްޓް 2010
ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގައި ބަޔާންވެގެންވާ ސުޕްރީމްކޯޓު ޤާއިމްކުރެވެންދެން ސުޕްރީމްކޯޓުގެ އިދާރީ ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތަކާއި، ސުޕްރީމްކޯޓުގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިންގެވުން 4 ބޭފުޅަކާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޙަވާލުކުރައްވައި އެކަމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ މިރޭ ނެރުއްވައިފިއެވެ. އެ 4 ބޭފުޅުންނަކީ، މ.ގުލްފާމްގޭ އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި، ބ.އޭދަފުށީ ކެލާ އައްޝައިޚު ފައްޔާޒް ޢަލިމަނިކާއި، މއ. ބްލޫގްރާސް އަލްއުސްތާޛު އަޙްމަދު މުރާދާއި، ހދ.ކުޅުދުއްފުށީ ފިނިފެންޖަންބުގޭ އަލްއުސްތާޛު މުޙަންމަދު އިބްރާހީމެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޤަރާރު މި ނެރުއްވީ، 7 އޯގަސްޓު 2008 ދުވަހު ޢަމަލުކުރާން ފަށާފައިވާ ޤާނޫނުއަސާސީގެ ސާދަވަނަ ބާބުކަމަށްވާ އިންތިޤާލީ ކަންތައްތަކާބެހޭ ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތައް ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާތާ ދެ އަހަރުވުމުން ނިމުމަކަށް އަންނާނެކަމަށް ބަޔާންކޮށްފައިވީހިނދު، އަދި މިއަދު، 7 އޯގަސްޓު 2010 ދުވަހު އިންތިޤާލީ މަރްޙަލާ ނިމުމަކަށް އައުމާއެކު، ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އުފައްދާފައިވާ ސުޕްރީމްކޯޓުގެ ދައުރު ނިމުމަކަށްއައިހިނދު، ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގައި ބަޔާންވެގެންވާ ސުޕްރީމްކޯޓު ޤާއިމްކުރެވިފައިނުވުމުގެ ސަބަބުން ޤާނޫނީ ހުސްކަމެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީއެވެ. އަދި ޢަދުލުއިންޞާފު ޤާއިމްކުރުމުގެ އެންމެ އިސްފަރާތްކަމަށް ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސުޕްރީމްކޯޓު ނެތުމުން ދިމާވާ ޤާނޫނީ ހުސްކަން އަޔަނުދެއްވުމަށްޓަކައެވެ.
ހަމައެއާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 297 ވަނަ މާއްދާގެ (ހ) ގައި، އެ ޤާނޫނުއަސާސީއަށް ޢަމަލުކުރަންފަށާތާ އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި
އެ ޤާނޫނުއަސާސީގައިވާގޮތަށް މަގާމުތަކަށް މީހުން ޢައްޔަންކޮށް ނިންމައި، އަދި،
އެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް، އެ ޤާނޫނުއަސާސީގައި ބަޔާން ކޮށްފައިވާގޮތަށް އުފައްދައި ނިންމަންވާނެކަމަށް ބުނެފައިވާތީ، ސިވިލް ސަރވިސް ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ޢައްޔަންކުރައްވާފައިވާ މެންބަރުން ޢައްޔަން ކުރައްވާފައިވާ ކުރެއްވުން، 2010 އޯގަސްޓް 7 ވަނަ ދުވަހު ނިމުމަކަށްވަނީ އައިސްފައެވެ. އަދި އިންތިޤާލީ މަރްޙަލާ ނިމުމުގެ ކުރިން ދާއިމީ ކުރައްވަން ޖެހޭ ސަފީރުން ދާއިމީ ކުރެވިފައިނުވާތީ އެބޭފުޅުންގެ ސަފީރުކަންވެސް ވަނީ ނިމުމަކަށް އައިސްފައެވެ.