‘ރައީސް ނަޝީދާއިއެކު އެއްބުރުން” ކެމްޕެއިން ދަތުރު ފޯރިއާއެކު ބޮޑުތިލަދުންމަތީގައި ކުރިއަށް

ރިޔާސީ އިންތިޚާބަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކުރަމުން އަންނަ ކެމްޕެއިންގެ ތެރެއިން ‘ރައީސް ނަޝީދާއެކު އެއްބުރުން’ގެ ނަމުގައި ޕާޓީގެ ޕަރލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އިސްވެހުންނަވައި ފަށައިފައިވާ ކެމްޕެއިން ދަތުރު ފޯރިއާއެކު ބޮޑުތިލަދުންމަތީގައި ކުރިއަށް އެބަދެއެވެ.

މިދަތުރުގައި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއެކު ދެން ބައިވެރިވަޑައިގަންނަވަނީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު، ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު ހަސަން ޝުޖާއުއެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ކަމުގައިވާ އިބްރާހިމް ފަޒީލް (އޮއްޕޮ)، އަސްއަދު އަލީ (އަޑުބަރޭ) އަދި ސައްޕެ މިދަތުރުގައި ބައިވެރިވެއެވެ. އުތުރުގެ އަތޮޅުތަކަށް މިކުރާ ދަތުރުގައި 20 ދުވަހުގެ ތެރޭގައި 40 ރަށަކަށް ދިއުމަށް ހަމަޖެހިފައިވެވެ. ޖުމްލަ 110000 ވޯޓުލައި މީހުންނާއި ބައްދަލުވެގެންދާނެ މިދަތުރަކީ ރައީސް ނަޝީދު އެއްބުރުން އިންތިހާބު ކުރުމަށް ކުރާ މުހިންމު ދަތުރުކެވެ.

މިދަތުރުގައި ފުރަތަމަ ވަޑައިގަންނަވައިފައިވަނީ ހދ. ކުޅުދުއްފުށްޓަށެވެ. މިގޮތުން ކުޅުދުއްފުށީގައި އިއްޔެ (16 އޮގަސްޓް 2013) ބޭއްވުނު ޖަލްސާއަށްފަހު ރައީސް ނަޝީދުގެ ކެމްޕެއިން ޓީމްއާއި ކުޅުދުއްފުށީ ޓީމަކާއެކުވަނީ ޒޯން ފުޓްބޯޅަ ދަނޑުގައި ހަވީރު ފުޓުބޯޅަ މެޗެއް ކުޅެފައެވެ. މިމެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ކުޅުދުއްފުށީ ޓީމެވެ. ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މައުލޫމާތުދެއްވި ގޮތުގައި ކުޅުދުއްފުށީގައި ބޭއްވުނު ކެމްޕެއިން ހަރަކާތްތަކަށް ފަހު ކެމްޕެއިން މެނިފެސްޓޯތައް ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފައިވާކަމަށެވެ.

ކުޅުދުއްފުއްޓަށްފަހު ރޭގެ ވަގުތެއްގައި ‘ރައީސް ނަޝީދާއެކު އެއްބުރުން’ ކެމްޕެއިން ޓީމް ވަޑައިގަތީ ހަނިމާދޫއަށެވެ. އެރަށުގައި ހަރުގެ ޖަލްސާއެއް ރައްޔިތުންގެ މަޖިލީހުގެ 6 މެންބަރުންނާއެކުވަނީ ބާއްވަވައިފައެވެ. މިޖަލްސާގައި ކެމްޕެއިން ޓީމާއެކު ވަޑައިގެންނެވި މަޖިލީސް މެންބަރުންގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އަދި ދިއްދޫ ދާއިރާގެ މެންބަރު އަހްމަދް ސަމީރު ވާހަކަފުޅު ދެއްކެވިއެވެ.

މިއަދު ހެނދުނު ކެމްޕެއިން ޓީމް ފުރަތަމަ ވަޑައިގެންނެވީ ނޮޅިވަރަމްފަރަށެވެ. މިރަށުގައި ގަސްދޮށު ޖަލްސާއެއް ބޭއްވެވުމަށްފަހު ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކެމްޕެއިން ޓީމާއިވަނީ ބައްދަލުކުރައްވާފައެވެ. އަދި ނޮޅިވަރަމްފަރުގެ 3 ޖަމިއްޔާއަކާއިވެސް މަޝްވަރާ ބައްދަލުވުންތައް ބާއްވަވައިފައިވެއެވެ. މީގެ އިތުރުން ހަރުގެ ޖަލްސާއެއް ބާއްވަވައި، ރައްޔިތުންނަށް ރައީސް ނަޝީދުގެ ސިޔާސަތުތައް ވީހާވެސް ބޮޑަށް އަންގައިދިނުމުގެ މަގްސަދުގައި “ދޮރުން-ދޮރަށް” ހިންގަވައި ރައްޔިތުންނާއި ބައްދަލުކުރައްވަައިފައިވެއެވެ. ނޮޅިވަރަމްފަރަށްފަހު ކެމްޕެއިން ޓީމް މިހާރު ހަރަކާތްތެރިވަމުންދަނީ ށ. ކަނޑިތީމުގައެވެ.