އަޅުގަނޑުމެން ދުވަހަކުވެސް ބަޣާވާތް ކުރި މީހުންނަކަށް މާފެއް ނުކުރާނަން- އެމްޑީޕީގެ ރަނިން މޭޓް ޑރ.މުސްތަފާ ލުތުފީ

ލިޔުނީ : އަހްމަދު އަޒްހަރު

އަޅުގަނޑުމެން ދުވަހަކުވެސް ބަޣާވާތް ކުރި މީހުންނަކަށް މާފެއް ނުކުރާނަން ކަމަށާއި ދިވެހި ރައްޔިތުން އެމީހުންނަށް ނަފްރަތުކޮށް ބަޣާވާއް ކުރި މީހުންނަކަށް ވޯޓެއް ނުދޭނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިން މޭޓް ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި 15 އޮގަސްޓް2103 ހުކުރުދުވަހުގެރޭ އެމް.ޑީ.ޕީއިން ބޭއްވި ޖަލްސާގައި އެރަށު ރައްޔިތުންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވިގޮތުގައި ބަޣާވާތަކަށް ފަހު ވެރިކަމަށް އަރައި ހުރި ރައީސް ވަހީދު ނައިބެއްގެ ގޮތުގައި ހުރެ ބޭވަފާތެރިވުމުގެ ސަބަބުން އެތަކެއް ހާސް ދިވެހިންނަށް ބޮޑެތި ވޭނާއި ކުރިމަތި ލާން ޖެހުނު ކަމަށެވެ. އެހެނަސް ރައީސް މުހައްމަދު ނަޝީދު ކުރެއްވި 3 އަހަރުގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމާއި ކުރިއެރުމާއި ތަރައްޤީ އަދި ފާގަތިކަން ރައްޔިތުންނަށް ވަރަށް ރީއްޗަށް އެނގޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދިވެހި ރާއްޖެއަށް ރަނގަޅާއި، ތަރައްޤީ އަންނަން އޮތީ ޑިމޮކްރެސީގެ އުސޫލުތަކަށް ލޯބިކުރާ މީހެއް ވެރިކަމަށް އައިސްގެން ކަމަށާއި އެ މީހަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުކަންވެސް އެމަނިކުފާން ވަނީ ފާހަގަކުރައްވާފައެވެ.

ޑރ.މުސްތަފާ ލުތުފީ ވިދާޅުވި ގޮތުގައި އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން އިޖްތިމާއީ ރައްކާތެރި ކަމުގެ ވާހަކަވެސް ނުދެކެވޭ ކަމަށާއި އެހެނަސް ރައްޔިތުންގެ އާދޭހާއި ބޭނުންތައް އެހުމަށްފަހު އެމްޑީޕީއިން އެފަދަ ނިޒާމެއް ޤާއިމްކުރި ކަމަށެވެ. ހަަމައެހެންމެ އެފަދަ ނިޒާމެއް ޤާއިމްކުރީ މާތް ﷲ މާތް ކުރެއްވި އިންސާނާ ނިކަމެތި، ދަށު ދަރަޖަޔަކަށް ވެއްޓުނަ ނުދީ އުމުުރުން ދުވަސްވުމުން އުފަލުގައި އުޅެވޭނެ ފަދަ ގޮތް ޤާއިމުކޮށް ބަލިވުމުން އެބައްޔަށް ބޭސް ފަރުވާ ކުރެވޭނެފަދަ ގޮތް މަގުފަހި ކޮށްދިނުމަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީ އަކީ ވައުދުވެ ވައުދު ފުއްދާ ޕާޓީއެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުން މި ޕާޓީއަށް ވޯޓު ދެނީވެސް އެސަބަބަށް ޓަކައި ކަމަށެވެ. އަދި މިހާރު އެމްޑީޕީއިން ވައުދުވަނީ ގަރުބަގަތީއްސުރެ ނެތި ދިޔުމަށް ދާންދެން ހުރިހާ ބޭސް ފަރުވާޔެެއްވެސް ހިލޭ ފޯރުކޮށްދިނުމަކަމަށް އެމަނިކުފާނު ހާމަކޮށްދެެއްވިއެވެ. ހަމައެހެންމެ އެމްޑީޕީގެ އަމާޒަކީ އައްޑު އަތޮޅު އިލްމީ ސަރަހައްދަކަށް ހެދުން ކަމަށާއި ސްކޫލު ނިިންމާ ކޮންމެ ދަރިވަރަކަށްވެސް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދެއްވާނެކަމަށް ވައުދުވެ ލެއްވިއެވެ. އަދި ވަޒީފާގެ ފުރުސަތުތައް ނެތޭ ރައްޔިތުން ބުނުމުން ގެސްޓް ހައުސް ވިޔަފާރިންނާއި އެގްރިކަލްޗާ އަދި މެރިކަލްޗާގެ ވިިޔަފާިރިން އެ ފުރުސަތުތައް ހޯދައިދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާން ދެއްވިއެވެ.

އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރަނީ ދިވެހި ރައްޔިތުންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.