އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ޝްރީލަންކާގައި އުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށްޓަކައި ފުރާވަޑައިގަންނަވައިފި

ލިޔުނީ: އަހްމަދު އަޒްހަރު

ދިވެހި ރައްޔިތުންގެ ޕާޓީގެ ރިޔަސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ޝްރީލަންކާގައި އުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށްޓަކައި މިއަދު (17 އޮގަސްޓް 2013) ހެނދުނު ޝްރީލަންކާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް ނަޝީދުގެ މި ދެދުވަހުގެ ދަތުރުފުޅުގައި ސްރީލަންކާގައި އުޅޭ ދިވެހިންނާއި ބައްދަލު ކުރެއްވުމަށް ހަނމަޖެހިފައިވަނީ މިއަދު ( 17 އޯގަސްޓް 2013) ހަވީރު 4 ޖަހާއިރު ކޮލޮމްބޯގެ (ނަންބަރ: 79 ދި ބޭލީފް، ގްރެގަރީސް ރޯޑް، ކޮލޮމްބޯ 7) ގައެވެ.

މިއަދުގެ މި ބައްދަލުވުމުގައި އެމަނިކުފާނުން މައިގަޑު ގޮތެއްގައި ކުރިޔަށް ގެންދަވާނި އެމަނިކުފާނުންގެ ކެމްޕެއިންގެ ހަރަކާތްތަކާ ގުޅުން ހުރި ވާހަކަފުޅުތަކެވެ. މިގޮތުން ކެމްޕެއިންގެ ހަރަކާތްތަކާ ގުޅޭ ގޮތުން މަޝްވަރާ ބަދަލު ކުރައްވާ އެމްޑީޕީގެ ސިޔާސަތުތަކާއި ވައުދުތައް އޮޅުންފިލުވައިދެއްވާނެއެވެ.

މީގެ އިތުރުން މިރޭ 8ގައި ކޮލޮމްބޯގައި ހުންނަ އެމްޑީޕީގެ ޖަގަހަ: (ކޮފީ ވިލާ، 11A/1 ރަތްނަވަލީ ރޯޑް، ކަޅުބޯވިލާ، އޯފް ހޮސްޕިޓާ ރޯޑް) ހުޅުއަވައިދެއްވާ ޖަލްސާވެސް ކުރިޔަށް ގެންގޮސްދެއްވާނެއެވެ.

ރައީސް ނަޝީދު އަރިއަހުގައި އެމަނިކިފާނުންގެ އަރިސް ކެމްޕެއިން ޓީމެއް ވަނީ ގެންދަވާފައެވެ. އަދި މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ (18 އޮގަސްޓް 2013) ރޭގަނޑުގެ ވަގުތެއްގައެވެ.