އެމްޑީޕީގެ “އޯގާތެރި ސަރުކާރު، އޯގާތެރި މުޖުތަމައު: އިންސާފުވެރި ތަރައްގީ”ގެ ސިޔާސަތު ރައީސް ނަޝީދު މިއަދު އިފްތިތާޙްކޮށްދެއްވައިފި

އެމްޑީޕީގެ “އޯގާތެރި ސަރުކާރު، އޯގާތެރި މުޖުތަމައު: އިންސާފުވެރި ތަރައްގީ”ގެ ސިޔާސަތު ރައީސް މުޙައްމަދު ނަޝީދު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މިއަދު ހަވީރު މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ބޭއްވި ޙަފްލާއެއްގައެވެ.
މިއަދު ހަވީރު އޯގާތެރި ސަރުކާރު ސިޔާސަތު އިފްތިތާޙްކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ 5 އަހަރުގައި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ހިންގުމަށް 16 ބިލިއަން ރުފިޔާ ޚަރަދު ކުރުމަށް އެމްޑީޕީން ރާއްވަވާފައިވާކަމުގައެވެ. އަދި މިކަން ކުރުމަށް އާމްދަނީ އިތުރުކުމަށް އާމްދަނީން ނެގޭ ޓެކްސްވެސް ތަޢާރަފްކުރައްވާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ގެ ސިޔާސީ ފަލްސަފާއަކީ މެދުމިނުގެ ވިސްނުންކަމަށާއި އެމްޑީޕީގެ ސިޔާސަތުތަކާއެކު ދައުލަތުގެ އާމްދަނީ އިތުރުވެ، އިޖްތިމާޢީ ރައްކާތެރިކަމަށް ކުރާ ޚަރަދު އިތުކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. އެމްޑީޕީގެ 3 އަހަރުގައި އިޖްތިމާޢީ ރައްކާތެރިކަމަށް ޚަރަދު ކުރުމުން މިއަދު އެކަމުގެ ނަތީޖާ ފެންނަ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން 2008 ވަނަ އަހަރުގައި ދޮށީ އުމުރުގެ މީހުންނަށް ދެވެން ފެށި އިނާޔަތްތަކުގެ ސަބަބުން މިއަދު އެމީހުންގެ ދިރިއުޅުމުގެ ޙާލަތު އެތައް ގޮތަކުން ފެންވަރު މަތި ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. ބައެއް މީހުން ލިބުނު ފައިސާ ޖަމާޢްކޮށް އެފައިސާއިން ޢުމްރާގެ އަޅުކަން އަދާކުރުމަށް ޚަރަދުކޮށް ގޭތެރޭގައި ކޮންމެހެން ކުރަން ޖެހޭ ކަންކަމަށްވެސް ޚަރަދުކޮށްފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

2008 ވަނަ އަހަރުގެ ކުރީން ސަރުކާރުން ނުވަތަ ދައުލަތުން އިންތިޒާމްކުރެވިގެން ވަކި އުސޫލެއްގެ ދަށުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޒަކާތުގެ ގޮތުގައި ނޫންގޮތަކަށް ދައުލަތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުއްކޮށްދޭން ފެށީ 2008 ވަނަ އަހަރުގެ އެމްޑީޕީގެ ސަރުކާރުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރު އެ އިނާޔަތްތައް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ލިބެމުން އަންނަތާ 5 އަހަރުވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އޯގާތެރި ސަރުކާރު ސިޔާސަތު އިފްތިތާޙްކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ 5 އަހަރުގެ ތެރޭގައި 16 ބިލިއަން ރުފިޔާ އިޖްތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުތަކަށް ޚަރަދު ކުރުން ކަމުގައެވެ. ދޮށީއުމުރުގެ މީހުންނަށް ދެވޭ އިނާޔަތް، ދިވެހިކޮންމެ ރައްޔިތަކަށް ހިލޭ ބޭސްފަރުވާ ކުރުމާއި، އެކަނިވެރި މައިންގެ އިނާޔަތާއި، ޔަތީމު ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ އެހީއާއި، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ އެހީ، ގެދޮރުގެ ދަތިކަން ހުރި މީހުންނަށް ދެވޭ އެހީ، މަތީ ތަޢުލީމު ހާސިލް ކުރުމާ ދެވޭ އެހީ، ކަރަންޓަށް ދެވޭ އަސާސީ އެހީ، ސިއްހީކަންކަމާއި ތައުލީމާ ގުޅުވައިގެން ދެވޭ އެހީ، އާއިލާ ބިނާ ކުރާ މައިން/ބަފައިންގެ ސަޕޯޓް އަދި ހުނަރުވެރި ދިވެހިންނަށް ބޭރު މީހުންގެ ބަދަލުގައި ވަޒީފާ ދިނުމަށް ދެވޭ އިންސެންޓިވް މި ސިޔާސަތުގެ ދަށުން ހިމެނިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތުން ޒިންމާވާންޖެހޭ ހުރިހާ ސިއްހީ އިންޝުރަންސް އާސަންދައިގެ ދަށުން ހިމޭނޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އާސަންދައިގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދެވޭ އެހީތެރިކަމަކީވެސް އޯގާތެރި ސަރުކާރުގެ ތެރެއިން ކުރެވޭނެ ޚަރަދުތައްކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. ދިރިއުޅުމުފެނވަރު ހަމަހަމަކުރުމަށް އެއްމަހުގެ މައްޗަށް އާއިލީ އާމްދަނީ 25000 އަށްވުރެ މަދުން ލިބޭ ފަރާތްތަކަށް ގެދޮރު ނުވަތަ ފްލެޓް ގަތުމަށް މާލީ އެހީ ދެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މަތީތައުލީމް ހާސިލް ކުރުމަށްވެސް ލޯނުގެ އެހީއާއި ގްރާންޓް ދެވޭނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އާއިލާ ބިނާކުރާ މައިންބަފައިންނަށް އެއާއިލާއެއްގެ ވަޒީފާ އަދާކުރާ ފަރާތްތަކުން އާއިލާ ބިނާކުރާ ‘މަންމަ’ އަށް އެލަވަސްދިނުމަށް މަހަކު 560 ރުފިޔާގެ ހިއްސާއެއް ދެއްކުމުން މިއަދަދަށް ސަރުކާރުން ލައިގެން މިފަދަ އެލަވަންސްއެއް ކޮންމެ ގެޔަކަށް ދެވޭނެ ކަމުގައިވެސް ރައީސް ނަޝީދު ހާމަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު އުފެދެމުން އަންނަ ސިޔާސީ ނިޒާމުގެ ބޭނުމަކީ ސިޔާސަތުތައް ރައްޔިތުންނަށް ހުށަހަޅައިގެން ރައްޔިތުންނަށް އޮޅުންފިލުވައިދީގެން ހިންގޭނެ ނިޒާމެއްކަމުގައެވެ. އަދި އޮޅުވާލައިގެން ވޯޓު ގަނެގެން އެކަން ނުކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.