ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު، “އޯގާތެރި ސަރުކާރު” އެމްޑީޕީގެ ސިޔާސަތު މިއަދު (16 އޮގަސްޓް 2013) ރ.ދުވާފަރުގައި އިފްތިތާޙު ކޮށްދެއްވައިފިއެވެ.
ސިޔާސަތު އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކޮންމެ ޕާޓީއަކުންވެސް ފަސް އަހަރު ދުވަހުގެ ސިޔާސަތުތައް ރައްޔިތުންނަށް އޮޅުންފިލުވައިދޭންޖެހޭނެ ކަށާއި އެއީ ސިޔާސީ ޕާޓީތަކުން ކުރަން ޖެހޭ އެންމެ މުހިއްމު އެއްކަންްތަކެވެ. އަދި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި 2008 ވަނަ އަހަރާ ޖެހެންދެން ޒަކާތު ފައިސާ ފިޔަވާ އިތުރު އެއްވެސް އެހެން އެހީތެރިކަމެއް އުސޫލެއްގެގޮތުން ރައްޔިތުންނަށް ފޯރުކޮށްދީފައެއް ނުވެއެވެ. އެހެނަސް އެމްޑީޕީއަށް އެންމެ މުހިއްމު އެއްޗަކީ އޯގާތެރިކަމާއި އާޅާލުން ކަމަށް ވިދާޅުވަމުން އެމްޑީޕީ އުފެދުމުގެ ސިއްރަކީވެސް އޯގާތެރިކަން ކަން ވަނީ ހާމަކޮށްދެއްވާފައެވެ. ހަމައެހެންމެ މިއަދު މިހުށައަޅަނީ ޕާޓީގެ މަރުކާ ސިޔާސަތުކަމަށާއި އެމް.ޑީ.ޕީގެ މަރުކާއަކީ އޯގާތެރިކަމާއި ފަގީރު ކަމުން އަރައިގަނެވޭނެ ގޮތްހޯދުން ކަމަށްވެސް އެމަނުކުފާނު ވިދާޅުވިއެވެ.
މި ސިޔާސަތުން އިޖްތިމާއީ ރައްކާތެރިކަން ފުޅާކުރެވިގެން ދާނެކަމަށް ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ހާމަކުރެއްވި ގޮތުގައި ފަސް އަހަރު ދުވަހުގެ ތެރޭގައި 16 ބިލިއަން ރުފިޔާ ހަރަދުކުރެއްވޭނެއެވެ. ހަމައެހެންމެ އެމަނިކުފާނު ދެެކެވަޑައިގަންނަވާ ގޮތުގައި ޕެންޝަނެއް ދޭނަމަ އެލިބުން އެންމެ ހައްގީ އުމުރުން ދުވަސްވީ މީހުންނަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރ. ދުވާފަރުގެ އިތުރުން އިތުރުން ރާއްޖޭގެ އިތުރު 20 ސަރަހައްދެއްގައި ‘އޯގާތެރި ސަރުކާރު’ ސިޔާސަތުވަނީ މިއަދު އިފްތިތާހްކޮށްފައެވެ. މިގޮތުން ކޮންމެ ސަރަހައްދަކުވެސް އެމްޑީޕީގެ ޓީމެއް ވަނީ ސިޔާސަތު ލޯންޗްކޮށްދެއްވުމަށް ވަޑައިގެންފައެވެ. މި 20 ރަށުގައި ބޭއްވި ޙަފްލާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލައްވައިފައިވަނީ ސިޔާސަތުގައި ހިމެނޭ ވައުދުތަކުގެ މައްޗަށެވެ.
މިގޮތުން ވާހަކަފުޅު ބިނާކުރައްވައިފައިވަނީ ސަަބްސިޑީ ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވާ އުސޫލްތަކުގެ މައްޗަށާއި ދުޅަހެޔޮ ސިއްހަތެއް ހުރި ކުދިން ތަރުބިއްޔަތު ކުރުމަށް ކުރައްވާނެކަންތައްތަކުގެ މައްޗަށެވެ. މިގޮތުން 500 މިލިއަން ރުފިޔާ 5 އަހަރުތެރޭގައި މަތީތައުލީމް ހާސިލް ކުރުމަށް މާލީ އެހީ ލިބިގެން ދާނޭކަން ފާހަގަކުރެއްވިއެވެ. ހުނަރުވެރި ދިވެހި ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމުގެ މައްޗަށްވެސް އަލިއަޅުވައިލެއްވިއެވެ. އާސަންދައިގެ ހިދުމަތް ފުރިހަމަ ކުރާނޭ ގޮތް ހުރިހާ ދާއިރާއެއްގައިވެސް ރައްޔިތުންނަށް އޮޅުންފިލުވައިދެއްވައިފައިވެއެވެ. ޕެންޝަން ދިނުމުގެ އުސޫލްތަކުގެ ތެރެއަށް އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ދޭނެ ޕެންޝަން އިތުރުވެގެންދިޔަކަން ފާހަގަ ކުރައްވައިފައިވެއެވެ.