މިއަދު ބާއްވަން ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާ މެންދުރު ފަހަށް ފަސްކޮށްފި

7 އޮގަސްޓް 2010

dsc_0043

އިންތިގާލީ މަރުހަލާ ކަމުގައި ކަނޑައެޅިފައިވާ 2 އަހަރު ދުވަހުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު، އިންތިޤާލީ މަރުހަލާ ނިމުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭނޭ ކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ނިންމުމަށްޓަކައި، މިއަދު ހެނދު 09:00 ގައިބާއްވަން ހަމަޖެއްސެވި އެމަޖިލީހުގެ ޚާއްސަ ޖަލްސާ މެންދުރުފަހު 14:30 ގައި ފެށުމަށް ފަސްކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާ ހެނދުނު ކުރިއަށް ގެންދެވޭގޮތް ނުވީ ކޮމިޓީތަކުގެ މަސައްކަތުގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދުމާއި ގުޅިގެންނެވެ.

އިންތިޤާލީ މަރުހަލާ މިއަދު ހަމަވާއިރު، ރައްޔިތުންގެ މަޖިލީހުން ނިންމަން ޖެހޭވަރަށް ގިނަ މަސައްކަތްތަކެއް ނުނިމި ހުރިކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ހިއުމަންރައިޓްސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް މަޖިލީހުން އިއްޔެ ދިރާސާކޮށް ނިންމަވާފައިވީނަމަވެސް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމަށް ނިންމަން ޖެހޭ މަސައްކަތްތަކާއި ފަނޑިޔާރުންގެ ބިލްގެ މަސައްކަތާއި ސިވިލްސަރވިސް ކޮމިޝަނަށް މަޖިލީހުން އައްޔަންކުރަންޖެހޭ މެންބަރުން އައްޔަންކޮށް ނިންމުން ވެސް ހިމެނެއެވެ. ރޭ ވަރަށް ދަންވަންދެން ވެސް މަލީހުގެ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އެމް.ޑީ.ޕީ ޕާލަމެންޓްރީ ގްރޫޕް ގެ ރައީސް މޫސާ މަނިކު ވިދާޅުވީ ޖަލްސާ ބޭއްވުން ލަސްވަމުންދަނީ ފަނޑިޔާރުންގެ ބިލުގެ މަސައްކަތް ކޮމިޓީން ނިންމާފައިވަނިކޮށް ސަރުކާރާ ޚިޔާލު ތަފާތު ފަރާތްތަކުން މިބިލަށް އިސްލާހު ހުށައަޅުއްވަމުން ގެންދަވާތީ ކަމަށެވެ.
އިންތިޤާލީ މރުޙަލާގައި ރައްޔިތުންގެ މަޖިލީހުން ކުރުމަށް ޤާނޫނުއަސާސީން ލާޒިމުކޮށްފައިވާ މަސައްކަތްތައް އެންމެ ފަހުވަގުތު ކޮށްނިންމާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރަމުންދާއިރު ފާހަގަކޮށްލެވޭ ކަމަކީ މިފަދަ މުހިއްމު މަސައްކަތްތައް އެއްކައިރިކޮށްލުމަށްފަހު ސިޔާސީ ފިކުރު އިސްކޮށް އިދިކޮޅު ފަރާތްތްކަށް ފަހިވާގޮތަށް ގިނަ ބިލުތަކެއް ނިންމާފައިވާކަމެވެ. އަދި ސަރުކާރަށް އާމްދަނީ ލިބޭނޭ ހުރިހާ ބިލުތަކެއް ފަސްކޮށް، ސަރުކާރަށް ޖެއްސުންކޮށް ދަތިކުރުމަށް އިދިކޮޅު ފަރާތްތަކުގެ އަޣްލަބިއްޔަތު ބޭނުންކޮށްގެން ގިނަ މަސައްކަތްތަކެއް މަޖިލީހުން ވަނީ ކޮށްފައެވެ.