06 އޯގަސްޓް، 2010
– ރާމިޒް –
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޮކްޓޯބަރު މަހު ބާއްވާގޮތަށް ހަމަޖައްސަވައިފި ކަމަށް ކޮމިޝަނަރ އޮފް އިލެކްޝަންސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ކުރިން އެކޮމިޝަނުން މަސައްކަތްކުރަމުން އައީ ސެޕްތެމްބަރު މަހު ކަމަށާއި، ނަމަވެސް ފަހުން އެ ބިލަށް ގެނެވުނު އިސްލާހާއި ގުޅިގެން އިތުރަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުމުން ސެޕްޓެމްބަރު މަހު މި އިންތިޚާބުތައް ބޭއްވޭވަރަށް ތައްޔާރު ނުވެވުނީ ކަމަށެވެ.
ފުވާދު އިތުރަށް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ދެ އިންތިޚާބަކަށްވާތީ، މިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ވަރަށް ގިނަގުނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އަދި މިއިންތިޚާބުތައް ލަސްވި ނަމަވެސް ފުރިހަމައަށް ތައްޔާރުވެގެން އިންތިޚާބު ބެއްވުމުގެ މުހިއްމުކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބެއްވުމަށްޚަރަދުވާނެކަމަށް ކުރިން ލަފާކުރެވިފައި އޮތީ 20 މިލިއަން ރުފިޔާ ނަމަވެސް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށްވެސް ވޯޓުލުމުގެ ހައްޤުލިބޭގޮތަށް ބިލްފަސްކޮށް، މިބިލަށް ފަހުން ގެނެވުނު އިސްލާހާއި އެކު މިހާރު މިއިންތިޚާބުތަކަށް ޖުމްލަ 60 މިލިއަން ރުފިޔާ ޚަރަދު ވާނެކަމަށް ލަފާކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.
މިބިލަށް އިސްލާޙް ގެނެވުނީ، މިބިލުކުރިން ފާސްވެފައި އޮތްގޮތުން، އެތައް ބައެއްގެ ވޯޓުލުމުގެ ޙައްޤު އުނިވެގެންދާތީ، ވޯޓުލުމުގެ ހައްޤަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދޭންޖެހޭ ހައްޤަކަށްވާއިރު އެ ހައްޤުން ބަޔަކު މަހުރޫމް ވާންޖެހޭ ގޮތަށް އެޤާނޫނު ތަސްދީޤް ނުކުރައްވާނޭ ކަމަށް ވިދާޅުވެ ރައީސް އެބިލު އަނބުރާ މަޖިލިހަށް ފޮނުއްވުމުންނެވެ.
ވޯޓުލުމުގެ ޙައްޤުން ގިނައަދަދެއްގެ ރައްޔިތުން މަޙްރޫމް ވާގޮތަށް އިދިކޮޅުފަރާތްތަކުން މިބިލު ފާސްކުރަން މަސައްކަތްކޮށްފައިވާތީ އެކަމާ ދެކޮޅަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެންބަރުންވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށްފައެވެ. އަދި މި ޙައްޤު ދިވެހިރައްޔިތުންނަށް މިއަދު ލިބިފައިމިވަނީ އެމްޑީޕީ މެންބަރުންނާއި ރައީސް ނަޝީދު މިކަމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުން ކަން ފާހަގަކޮށްލެވެއެވެ.