ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ސިވިލްސަރވަންޓުންގެ ދައުރު ވަރަށް ބޮޑަށް ފާހަގަކުރެއްވޭ ކަމުގައި ރައީސް ވިދާޅުވެއްޖެ

5 އޮގަސްޓް 2010

– ރާމިޒް –

ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރައްވާއިރު ވެސް، މިކަމަށް ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ، ސަރުކާރުގެ ސިވިލް ސަރވަންޓުންކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ފާހަގަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ފާހަގަކުރެއްވީ މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި، އިއްޔެ އެމަނިކުފާނު ސަރުކާރުގެ ޕަރމަނަންޓް ސެކްރެޓަރީންނާ ބައްދަލުކުރެއްވި ކުރެއްވުމަށް އިޝާރާތް ކުރައްވަމުން، އެބޭފުޅުންނާ މަޝްވަރާ ކުރެއްވީ، އެބޭފުޅުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއެކީގައި މިހާރަށްވުރެވެސް ބޮޑަށް މަސައްކަތް ހިންގެވޭނެ ގޮތްތަކެއް ހޯއްދެވުމާ ގުޅޭގޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޕަރމަނަންޓް ސެކްރެޓަރީންގެ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އެހީތެރިވެދެއްވެން އޮތް ކަންތައްތައް ބައްލަވައި، އެހީތެރިވެދެއްވޭތޯ މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.