މެންބަރުންގެ ޚިޔާލު: ކޮމިޝަނުގެ ނިޔަތާމެދު ޝައްކު!

5 އޮގަސްޓް 2010

ލިޔުނީ: ފުނަމާ

ފަނޑިޔާރުން ދާއިމީ ކުރުމަށް މިހާރު ފަށައިގެންއުޅޭ މަސައްކަތަކީ މިވަޤުތު ރާއްޖޭގައި އެންމެ ހޫނުވެގެން އުޅޭ މައްސަލައެވެ. ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގައި ދަށުކޯޓުތައް އުފައްދާނެ އަދަދު ކަނޑައަޅާނީ ޤާނޫނަކުންކަން ބަޔާންކޮށްފައިވާއިރު އެބުނާ ޤާނޫނެއް ކޮބައިބާވައެވެ. ޤާނޫނުތައް ޤާނޫނުއަސާސީއާއި ޚިލާފުވޭތޯ ބަލާނީ ހައިކޯޓާއި ސްޕްރީމްކޯޓުން ކަމުގައި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ ހ ގައި ކަނޑައަޅާފައިވާއިރު ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން ޤާނޫނު މާނަކުރަނީ ކޮން ހައިސިއްޔަތަކުން ބާވައެވެ. މިގޮތަށް ސުވާލު އުފެދެނީ 149 ވަނަ މާއްދާގެ (ރ) ގައި ފަނޑިޔާރުންނާއިބެހޭ ޤާނޫނެއްގެ ވާހަކަ އޮންނައިރު އެޤާނޫނަކީ އެކޮމިޝަންގެ ޤާނޫނުކަމުގައި މާނަކޮށް ކޮމިޝަނުގެ މެންބަރުން މީޑިޔާގައި ވާހަކަ ދެއްކުމުން މިކަން އަރަތަކަށް ނުވޭ ހެއްޔެވެ؟ ފަހަރެއްގައި އެބުނާ ފަނޑިޔާރުންނާ ބެހޭ ޤާނޫނާއި ދަށުކޯޓުތައް ކަނޑައަޅާ ޤާނޫނަކީ ރާއްޖޭގެ ބިންބިމާ ބެހޭ ޤާނޫނު ނުވަތަ ދުންފަތް ކޮންޓްރޯލް ކުރާ ޤާނޫނޭވެސް ބުނެ ނިންމާލެވިދާނެހެއްޔެވެ؟ ކޮމިޝަންގެ މެންބަރުންގެ ތަސައްރުފުދޭކަމާއިމެދު މިހާރު ސުވާލުއުފެދޭނެ ޖާގައެބައޮތެވެ. ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ފަނޑިޔާރުންގެ އަސާސީ ޝަރުތުތަކެއް ކަނޑައަޅާފައިވާއިރު އެމާއްދާގެ (ރ) ގައި އެބުނާ ޤާނޫނަކީ ފުރިހަމަ ޝަރުތުތަކެއް ކަނޑައެޅޭނެ ޤާނޫނެއް ނޫންބާވައެވެ. އަދި ހަމައެހެންމެ ފަނޑިޔާރުން ފުރަތަމަ ފަސްއަހަރުން ފަސްއަހަރުން ފަނަރަ އަހަރުވާންދެން އައްޔަންކުރުމަށް ޤާނޫނުއަސާސީ ހުރަސް ނާޅާއިރު ދިވެހިބަސް ފިޔަވާ އެހެން ބަހެއް ނޭނގޭ ޤާނޫނީ ނުވަތަ ޝަރުޢީ ދާއިރާއިން ފަނޑިޔާރެކޭ ބުނެވޭވަރުގެ ފެންވަރުނެތް ބަޔަކު ދާއިމީ ކުރާން މިފެށީ ކޮންބްލޮގެއްގައި ލިޔުނު ލިޔުމަކުން ބާރުލިބިގެން ބާވައެވެ. އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް މީހަކުއަރާ ދައްކާ ވާހަކަތަކަކީ މިއަދު ދިވެހީން ޤަބޫލުކުރާނެ އެއްޗެއް ނޫންކަން އެނގޭންޖެހޭނެއެވެ. ބައިނަލް އަޤްވާމީ މައި އިދާރާއިންވެސް މިހާރުއެއޮތީ އެކަން އެގޮތަށް ނުކުރުމަށް ބާރުއަޅާފައިކަން ކޮމިޝަނުގެ މެންބަރުންނަށް އެނގެން ޖެހޭނެއެވެ. އަދި ހިތުހުރި ގޮތަކަށް އެކަން ކުރާން ދިވެހީން ދޫކޮށްނުލާނެކަންވެސް އެނގެން ޖެހޭނެއެވެ. ބައިނަލްއަޤްވާމީ މުއާހަދާތަކާ ރާއްޖޭގެ ޤާނޫނު އަސާސީއާއި ހަވާލާދީ ޝަރީއަތަށް ކުށެއް ސާބިތުނުވާހާ ހިނދަކު އެމީހަކީ ކުށުން ބަރީއަވެފައިވާ މީހަކަށް ވާތީވެ ފަނޑިޔާރުކަމަށް އައްޔަންކުރެވޭނެ މީހެއްކަމުގައި ބުނާއިރު މާދަމާ ރާއްޖެތެރެއިން ފަނޑިޔާރުކަމުގެ ހުވާ ކުރާން އަންނަ މެޖިސްޓްރޭޓަކު އޭނާ ދަތުރުކުރަމުން އަންނަ މަތިންދާބޯޓު ހައިޖެކް ކުރިޔަސް ފަނޑިޔާރުކަމުގެ ހުވާކުރަން ކޮމިޝަނަށް ފޮނުވަން ވާނެތާއެވެ. ސަބަބަކީ އޭނާ އެއަރޕޯޓަށް ފައިބާނީކީ ޝަރީއަތުން ނިޔާކަނޑައެޅިގެންނެއް ނޫނެވެ. ބައެއްގެ ތެރޭގައި މީހަކު ކަތިލާލާ މީހަކުވެސް ހައްޔަރެއްވެސް ނުކުރެވޭނެތާއެވެ. އެއީ އެކަތިލިއިރު އޭނާގެ މައްޗަށް ނިޔާކަނޑައެޅިފައެއް ނުވާނެއެވެ. އެހެންވެ އެއީ މައުސޫމު މީހެކެވެ. ތަސައްރަފު ނުފުދޭ ބަޔަކު މިގޮތަށްވެސް ނިންމާފާނެތާއެވެ. އެކަން މިހާރު ކޯޓުތަކުންވެސް މިދަނީ ފެންނަމުންނެވެ. މީހުން ކަތިލައި މާރާމާރީ ހިންގަން އުޅޭ މީހުން ފުލުހުން އަތުލައިގަނެ އެމީހުން ހައްޔަރުގައި ބޭތިއްބުމަށް ކޯޓު އަމުރަށް އެދުމުން އެއަމުރު ނުދެނީ އެހެންވެ ކަމުގައިވެސް ވެދާނެތާއެވެ. ޖޭ އެސްސީއިން ވިޔަސް ދިވެހި ރައްޔިތުންގެ ޙައްޤުތަކެއް ނިގުޅައި ގަނެ ޤާނޫނާ ޚިލާފަށް ކަންކުރާނަމަ އެކަން ހުއްޓުވުމަކީ ސަލާމަތީ ބާރުތަކުން ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ފަނޑިޔާރުން 7 އޮގަސްޓާއި ހަމަޔަށް އައްޔަން ނުކުރެވިއްޖެނަމަ އެއީ މިނިވަންކަމާ ޙައްޤުތަކާ ބެހޭ ބާބުގެ ދަށުން އެފަނޑިޔާރުންގެ އަސާސީ ޙައްޤުތަކަށް އަރައިގަނެވެނީ ކަމުގައި ބުނާއިރު އެބާބުން ޙައްޤު ލިބެނީ ފަނޑިޔާރުންނަށް އެކަނި ހެއްޔެވެ؟ ފަނޑިޔާރުންތައް ކަނޑާ އުކާލާކަށް އެކަކުވެސް ނުބުނެއެވެ. މިކިޔަނީ އެމީހުންނަށް ފުރުސަތުދީގެން ޢިލްމީ ގޮތުން ޤާބިލް ބަޔަކަށް ހަދާށެވެ. ފަނަރަ އަހަރު މިކަމަށް ޤާނޫނުން ފުރުސަތުލިބިދީފައިވާނެއެވެ. މިހާރުދެން މިކުރާކަމަކީ މީޑިޔާއަށް އަރާތިބެގެން މީހުން މަގުފުރެއްދުމެވެ. ކިތަންމެ ބޮޑު ކުށެއް ކުރިޔަސް ޝަރީއަތުން ހުކުމް ނުކުރާހާ ހިނދަކު އެއީ މިނިވަން ބަޔެއްކަމުގައި ކަނޑައަޅަނީއެވެ. އެމީހުންގެ ބަހުންނަމަ އެތައްހާސް ބައެއްގެ ކުރިމަތީގައި މީހަކު ކުދިކޮށް ކޮށާލާ މީހާޔަކީވެސް ފުލުހުންނަށްވެސް ހައްޔަރުކުރެވޭނެ މީހެއްނޫނެވެ. ސަބަބަކީ ނިޔާކަނޑައެޅިފައި ނެތީމައެވެ. ކުށްވެރިވެ ޖަލަށްދާން ޖެހެނީ މީހުން ކަތިލަނިކޮށް ފެނިގެން ހެކިބަސް ދިން މީހުންނެވެ. ކަތިލާ މިހާ އަރާމު ގައި ގޭގައެވެ. ކަތިލެވުނު މީހާ ކަށްވަޅުގައެވެ. އެހެން ވެއްޖިއްޔާ ދިވެހި އެއްވެސް ރައްޔިތަކު ފުލުހުން ހިފައި ހައްޔަރުކޮށްގެން ނުވާނެތާއެވެ. އެކަން ކުރާންވާނީ އެބުނާ ވަރުގަދަ ގާޒީ ޝަރީއަތުން ހުކުމް ކުރުމަށްފަހުގައެވެ. މީހަކު ކަތިލާފައި މައުސޫމުކަމާއެކު ހުޅުލެއަށްގޮސް މިނިވަންކަމާއެކު ފުރައިގެން ބޭރުޤައުމަކަށް ގޮސް ވަޒަންވެރިވެވޭނެތާއެވެ. ޙުކުމެއް ނުކުރަންޏާއެވެ. އިސްލާމްދީނުގެ ކަރާމާތާއި އިސްލާމީޝަރީޢަތުގެ ހައިބަތު ކަނޑުވާލަން ތިކުރާ މަސައްކަތަކީ މިހާތަނަށް ދުނިޔޭގައި އިސްލާމްދީނުގެ އަގުވައްޓާލާން ބަޔަކުކުރާނެ އެންމެ ހުތުރު މަސައްކަތް ކަމުގައި މެނުވީ ނުވާނެއެވެ. ތިފަދަ ކަމެއްކުރާ ބަޔެއްގެ ނިޔަތާ، ދީނާމެދުވެސް ޝައްކުނުއުފެދިއެއް ނުދާނެއެވެ