ކުރީގެ ރައީސުންގެ އިނާޔަތުގެ ބިލުގެ 9 ވަނަ މާއްދާ ނުހިމަނައި ބިލު ފާސްވުމުން އެމްޑީޕީން އުފާފާޅުކޮށްފި

14 އޮކްޓޫބަރ 2009

ކުރީގެ ރައީސުންގެ ބިލުގައި އެންމެ ބޮޑަށް ޚިޔާލު ތަފާތުވި މާއްދާ ކަމަށްވާ 9 ވަނަ މާއްދާ އުނިކޮށް އެބިލު ފާސްވުމާ ގުޅިގެން އެމްޑީޕީ ހަރުގޭގައި އުފާ ފާޅުކޮށްފިއެވެ. މިގޮތުން އެމްޑީޕީން އުފާ ފާޅުކުރުމުގެ ގޮތުން ރޭ ޕާޓީގެ ހަރުގޭގައިޚާއްސަ ބޮނޑިބަތް ކެއުމުގެ ރަސްމިއްޔާތެއް ބޭއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ޕާޓީގެ ޗެއަރ ޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އިތުރުން އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވިއެވެ. ޗެއަރޕާސަންގެ ވާހަކަފުޅުގައި މިބިލު ފާސްކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއި އާންމު މެންބަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި، އެއްބާރުލެއްވުން ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު ވެސް ވަނީ އެމްޑީޕީގެ ވެރިންނާއި ޕާޓީގެ އިސް ހަރަކާތްތެރިންގެ އިތުރުން އާންމު މެންބަރުން ޕާލަމެންޓްރީ ގްރޫޕަށް ދެއްވި އެއްބާރުލުން ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން ރޭގެ ޖަލްސާގައި މޫސަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރަކު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަމަށް ވެސް ރޭގެ ޖަލްސާގައި ހާމަކޮށްފައިވެއެވެ.
މިރަސްމިއްޔާތުގައި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންވެސް ވާހަކަ ދެއްކެވިއެވެ. އެބޭފުޅުންގެ ވާހަކައިގައި ކުރިޔަށް ހުރި ބިލުތައް ވެސް ދިވެހި ރައްޔިތުންނަށް ފައިދާވާނޭ ގޮތަށް ފާސްކުރުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް އެހީތެރިކަން ދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވިއެވެ. މިޖަލްސާގައި އެމްޑީޕީގެ އަންހެން މެންބަރުންގެ ފަރާތުންނާއި ޒުވާނުންގެ ފަރާތުންވެސް ވާހަކަ ދެއްކުން އޮތެވެ. ޒުވާނުންގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ދިހަވަރަކަށް ޒުވާނުން ވަރަށް ޖޯޝާއެކު ވާހަކަ ދެއްކިއެވެ. އެއިން ކޮންމެ ޒުވާނަކީ މުސްތަޤްބަލުގައި އެމްޑީޕީގެ ގޮތްޕެއްގެ ރައީސް ކަމަށާއި އަދި އެއިން ކޮންމެ ޒުވާނެއްގެ ފަހަތުން ފަންސާސް ޒުވާނުން ނެރެދޭނޭ ކަމުގައި ވާހަކަ ދެއްކި ޒުވާނުން ހާމަކޮށްފައިވެއެވެ. މި ޒުވާނުންނަކީ ކުރީގެ ރައީސުންގެ ބިލާ ދެކޮޅަށް ކުރި މުޒާހަރާގައި ވަރަށް ފުރިހަމަ ރޯލެއް އަދާކޮށްފައިވާ ބައެކެވެ.
ރޭގެ ރަސްމިއްޔާތަކީ ކުރީގެ ރައީސުންގެ ބިލުގެ 9 ވަނަ މާއްދާ އުނިކޮށް ފައިސާގެ އަދަދުތަކަށް ބަދަލު ގެނައުމަށް އެމްޑީޕީން ކުރި މަސައްކަތުގެ ކާމިޔާބީ ފާހަގަކުރުމާއި، މި ބިލު ފާސްކުރުމުގައި މަޖިލިސް މެންބަރުން ދެއްވި އެއްބާރުލުން ފާހަގަކުރުމަށް އެމްޑީޕީން އިންތިޒާމްކޮށްގެން ޕާޓީގެ ހަރުގޭގައި ބޭއްވި ރަސްމިއްޔާތެކެވެ. މިރަސްމިއްޔާތުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވެއެވެ.
ކުރީގެ ރައީސުންގެ އިނާޔަތުގެ ބިލުގެ 9 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު ކުށްވެރިނުވެ ގާނޫނީ ހަމަތަކުގެ މަތީން އެ މަގާމުން ވަކިވެއްޖެނަމަ، އޭނާ އެ މަޤާމުގައި ހުރިއިރު މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ ކަމަކާ މެދު ނުވަތަ ނުކޮށް ދޫކޮށްލައްވާފައިވާ ކަމަކާ މެދު މި މާއްދާގެ (ށ) ގައި ކަނޑައަޅާ ގޮތުގެ މަތީން މެނުވީ އޭނާގެ މައްޗަށް އެއްވެސް ކޯޓެއްގައި ނުވަތަ ޝަރީއަތުގެ އެހެން މަޖިލީހެއްގައިވިޔަސް ދައުވާއެއް ނުކުރެވޭނެ ކަމަށެވެ. މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުން، ރައީސްކަން ކޮށްފައިވާ މީހަކު ކުށްވެރިނުވެ އެ މަގާމުން ވަކިވެއްޖެނަމަ، އޭނާ މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ ކަމަކާ މެދު ނުވަތަ ނުކޮށް ދޫކޮށްލައްވާފައިވާ ކަމަކާ މެދު ތަހުގީގެއް ކުރެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން އެކަމަށްޓަކައި އުފައްދާ މިނިވަން މުސްތަގިއްލު ކޮމިޝަނަކުންނެވެ.
އިއްޔެގެ ޖަލްސާ ނިންމަވާލެއްވުމަށްފަހު ނުކުމެ ވަޑައިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ މިބިލު ހުށަހެޅުއްވި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙުމަދު ނިހާން ހުސައިން މަނިކުމެން މިބިލު 9 ވަނަ މާއްދާ ހިމަނައިގެން ފާސްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށާއި އަދި އެގޮތަށް ބިލު ފާސް ނުވެއްޖެނަމަ އެމްޑީޕީއާ ގުޅިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވި ކަމުގައެވެ. އަދި މިގޮތަށް މިބިލު ފާސްވުމުން ހާމަވެގެން ދިޔައީ ” ރައްޔިތުންނަށްވުރެ ބާރުގަދަ ބަޔަކު މިރާއްޖޭގައި ނެތްކަން” ކަމަށާއި ” މިކާމިޔާބީ އަކީ އެމްޑީޕީގެ ލޮބުވެތި އާންމު މެންބަރުންނާއި ގައުމަށް ހެޔޮއެދޭ އެހެނިހެން ފަރާތްތަކުން ކުރި މަސައްކަތުގެ ފޮނި ނަތީޖާ” ކަމުގައި އިލްޔާސް ލަބީބް ވިދާޅުވިއެވެ.
ފަހަކަށް އައިސް އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާތަކަށް ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އާންމުން ހާޒިރުވަމުންދާ ކަން ފާހަގަކުރެވެއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއާ ގުޅެމުންދާކަން ވެސް ފާހަގަ ކުރެވެއެވެ.
އިއްޔެގެ މަޖިލިސް ނިމުމުން އެޖަލްސާގައި މެންބަރުން ދެއްކެވި އެއްބައިވަންތަކަމާއި އެއްބާރުލުން ފާހަގަކުރުމުގެ ގޮތުން އެމްޑީޕީން ވަނީ މަޖިލިސް ކޮންމެ މެންބަރަކަށް ސުލްހަ ރަމްޒުކޮށްދޭ، ހުދުކުލައިގެ މަލެއް ވެދުން ކޮށްފައެވެ.