ރައީސުލްޖުމްހޫރިއްޔާ ސަރުކާރު މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާ މިއަދު ބައްދަލުކުރައްވައިފި

5 އޮގަސްޓް 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސަރުކާރު މިނިސްޓްރީތަކުގެ ޕަރމަނަންޓް ސެކްރެޓަރީންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ޕަރމަނަންޓް ސެކްރެޓަރީން، އެބޭފުޅުންގެ ވާޖިބު އަދާކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގައި ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސިވިލް ސަރވިސްގައި ޚިދްމަތް ކުރައްވާ މުވައްޒަފުން، ސަރުކާރާއެކީގައި މަސައްކަތް ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދެއްކެވިއެވެ.

ސަރުކާރު މިނިސްޓްރީތަކަށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ސުވާލު ކުރެއްވުމުން، ދިމާވާ ދަތިތައް ޕަރމަނަންޓް ސެކްރެޓަރީން ވަކިވަކިން ވަރަށް ތަފްޞީލްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ. އަދި އެބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަށްޓަކައި އުފާފުޅު ކުރައްވާކަމަށް ވިދާޅުވެ، އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ.